ކޮވިޑް-19އިގެ ސަބަބުން ދުނިޔޭގެ ގިނަ ގައުމުތަކެއް ހަލާކުވެގެން ދިޔައިރު ވެސް ރާއްޖެ ސަލާމަތްވީ ރައްޔިތުންދެކެ ލޯބިވާ ވެރިއެއް ހުރުމުގެ ސަބަބުން ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އެމްޑީޕީ ޕްރައިމަރީ ކެމްޕޭން ރަސްމީކޮށް ފެށުމުގެ ގޮތުން އެމްޑީޕީ މައި ހަރުގޭގައި ރޭ ބޭއްވި "ކުރިއަށް އިބޫ 2023" ޖަލްސާގައި ޝާހިދު ވިދާޅުވީ، ރައީސް ސޯލިހުގެ ހަތަރު އަހަރުގެ ތެރެއިން ދެ އަހަރަކީ ކޮވިޑްގެ ސަބަބުން މުޅި ދުނިޔެ ބަންދުވެފައިވާ ދެ އަހަރު ކަމަށެވެ.
ރާއްޖެއަށްވުރެ އިގުތިސޯދީ ގޮތުންނާއި މާލީ ގޮތުން ވަރުގަދަ ގައުމުތައް ކޮވިޑްގެ ސަބަބުން އޮކްސިޖަން ނުލިބި، އެތައްހާސް ރައްޔިތުން މަރުވެގެން ދިޔަ މަންޒަރު ދިވެހި ހުރިހާ ރައްޔިތުންނަށްވެސް ފެންނާނެ ކަމަށް ޝާހިދު ވިދާޅުވިއެވެ.
"ދެ އަހަރު މުޅި ދުނިޔެ ބަންދުވި ދެ އަހަރު، މުޅި ދުނިޔެއަށް އާލަމީ ވަބާގެ މުސީބާތް ދިމާވެފައި އޮތް ވަގުތު އަޅުގަނޑުމެންގެ ލީޑަރަކަށް ހުންނެވީ ހިކުމަތްތެރިއެއް، ތެދުވެރިއެއް، ރައްޔިތުންނާ ދޭތެރޭ އޯގާތެރިކަމާއެކު އަޅާލައްވާ ވެރިއެއް. އެއީ އަޅުގަނޑުމެން ސަލާމަތްވި ސަލާމަތްވުމަކީ،" ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ ރާއްޖެ ލޮކްޑައުން ކުރި ދުވަހު، ރައީސް ބައްދަލުކުރައްވައި ވިދާޅުވީ، ރާއްޖޭގެ އެއްވެސް ރައްޔިތަކު އަސާސީ ކާޑުގެ ބާވަތެއް ނުލިބި، ބޭސް ފަރުވާގެ ހިދުމަތެއް ނުލިބި، ތެލާއި ހަކަތާގެ ބާވަތެއް ނުލިބި ހުރެގެން ނުވާނެ ކަމަށެވެ. އެ ހުރިހާކަމެއް ކުރެވޭނެ މަގު ތަންވަސްކޮށްދެއްވަން ވާނެ ކަމަށް ރައީސް ވިދާޅުވި ކަމަށް ޝާހިދު ވިދާޅުވިއެވެ.
ކޮންމެ ރެއަކު 8:00 ގައި ކޮވިޑާ ދެކޮޅަށް މަސައްކަތް ކުރަން އުފެއްދެވި ވަޒީރުންގެ ޓާސްކްފޯސްއާ ބައްދަލުކުރައްވައި، އަސާސީ ހިދުމަތްކާ ބެހޭ ގޮތުން ރައީސް ސުވާލުކުރައްވާ ކަމަށް ޝާހިދު ވިދާޅުވިއެވެ.
"މީ ލޯބިވާ ބައްޕައަކު ދަރިންދެކެވާ ލޮތްބާ އެއްގޮތަށް އެ މަނިކުފާނު އަމަލުކުރެއްވި. އެހެންވެ އަޅުގަނޑުމެން އިއްޒަތެރި ރައީސްގެ އަރިހުގައި މިތިބީ،" ޝާހިދު ވިދާޅުވިއެވެ.
ކޮވިޑްގެ ދުވަސްވަރު ދިމާވި އެއް ބޮޑު ދައްޗަކީ ރާއްޖެއިން ބޭރުން ބޭހާއި ކާޑުގެ ބާވަތްތައް ގެނައުމެއް ނޫން ކަމަށާއި އެންމެ ބޮޑު ދައްޗަކަށް ދިމާވީ އިދިކޮޅު ކޯލިޝަންގެ ބޭފުޅުންގެ ތެރެއިން ބައެއް ބޭފުޅުން އުޅުއްވި ގޮތް ކަމަށެވެ. އެ ބޭފުޅުން އެ ދުވަސްވަރު މަސައްކަތް ކުރެއްވީ މުޒާހަރާ ކުރުމަށާއި ރާއްޖެ ބަނގުރޫޓް ވެފައިވާކަން ދައްކައި ރައްޔިތުން މާޔޫސް ކުރައްވަން ކަމަށް ޝާހިދު ވިދާޅުވިއެވެ.
"އެކަމަކު ރައީސުލްޖުމްހޫރިއްޔާގެ ވިސްނުންފުޅު މާކުރިއަށް ހުއްޓޭ. އަޅުގަނޑުމެން ކޮވިޑުގެ ވެކްސިން ހޯދަން މަސައްކަތް ފަށައިފީމޭ ވެކްސިން އުފެއްދުމުގެ ކުރިން. ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދުގެ ދަށުން އަޅުގަނޑުމެން އެ ވެކްސިނަށް މަސައްކަތް ކުރެއްވީ ދެ ދިމާލަކުން. އެއް ދިމާއަކީ ހިލޭގެ އެހީގެ ދަށުން ލިބެން ހުރި ވެކްސިން. އަނެއް ދިމާއަކީ ހިލޭ އެހީގެ ދަށުން ލިބެން އޮންނަ ވެކްސިން ނުލިބުނު ކަމުގައި ވިޔަސް ވިއްކަން ހުންނަ ވެކްސިނެއް. ކޮންމެ އަގެއްގައި ވެސް ގަނެގެން ދިވެހި ރައްޔިތުންނާ ހަމަޔަށް ފޯރުކޮށްދިނުން،" ޝާހިދު ވިދާޅުވިއެވެ.
ދުނިޔޭގެ ގައުމުތަކުން ވެކްސިން ނުލިބިގެން ހާލުގައި އުޅެމުން ދަނިކޮށް ދުނިޔޭގައި ވެކްސިން ޖަހަށް ފެށިތާ "48 ގަޑިއިރުގެ ތެރޭގައި ދިވެހި ރައްޔިތުންގެ ކޮނޑަށް" ވެކްސިން ޖަހަން ފަށާފައިވާނެ ކަމަށް ޝާހިދު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު