ޚަބަރު

ކޮވިޑް ވެކްސިން ގުދަންކުރަން އޭޑީބީން 10 މިލިއަން ޑޮލަރުގެ ހިލޭ އެހީ ދީފި

މުހައްމަދު އިޝާން

އޭޝިއަން ޑިވެލޮޕްމެންޓް ބޭންކް (އޭޑީބީ) އިން ރާއްޖެއަށް 10 މިލިއަން ޑޮލަރުގެ ހިލޭ އެހީ ދީފިއެވެ.

ފިނޭންސް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އޭޑީބީގެ ފަރާތުން ދިން 10 މިލިއަން ޑޮލަރުގެ ހިލޭ އެހީގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރެވެ. އަދި އޭޑީބީގެ ފަރާތުން ސޮއިކުރެއްވީ އެ ބޭންކުގެ ޑެޕިއުޓީ ޑައިރެކްޓާ ޖެނެރަލް މަންމޯހަން ޕްރަކާޝްއެވެ.

ފިނޭންސް މިނިސްޓްރީން މިރޭ ބުނީ، އޭޑީބީން ދިން އެ ހިލޭ އެހީއަކީ ކޮވިޑް19 އިން ދިފާއުވުމަށް ބޭނުންކުރާ ވެކްސިންތައް އިތުރަށް ރާއްޖެއަށް ގެނައުމަށާއި އެ ތަކެތި ގުދަންކޮށް ބެލެހެއްޓުމަށް ދިން އެހީއެއް ކަމަށެވެ. އެ ހިލޭ އެހީގެ ފައިސާގެ ދަށުން ރާއްޖޭ ސިއްހީ ނިޒާމު އިތުރަށް ތަރައްގީކުރުމަށް ވެސް ފައިސާ ދޫކުރާނެ ކަމަށް ފިނޭންސުން ބުންޏެވެ.

އޭޑީބީން ގެންދަނީ ރާއްޖޭގެ ތަރައްގީގެ އެކި މަޝްރުއޫތަކަށް ވެސް ފައިސާގެ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން 2019 ވަނަ އަހަރު ރާއްޖޭގެ ބޯޑާ ކޮންޓްރޯލަށް ބޭނުންވާ ހައި ޓެކް ސިސްޓަމް ގާއިމުކުރުމަށް 11 މިލިއަން ޑޮލަރު (169 މިލިއަން ރުފިޔާ) ގެ އެހީއެއް ދީފައިވެއެވެ. އަދި ހަމަ އެއަހަރު ވަނީ 70 މިލިއަން ޑޮލަރުގެ އެހީއެއް ދީފައެވެ.

މީގެ އިތުރުން ވެސް ތިމާވެއްޓާއި ބޯހިޔާވަހިކަމުގެ ދާއިރާއިން އޭޑީބީން ވަނީ ރާއްޖެއަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދީފައެވެ.

އޭޑީބީން ވަނީ 2020 ވަނަ އަހަރު ރާއްޖެއިން ކޮވިޑް-19އާ ދެކޮޅަށް ކުރާ މަސައްކަތަށް 500،000 ޑޮލަރުގެ އެހީ ދީފައެވެ. އަދި އޭގެފަހުން ވަނީ 25 މިލިއަން ޑޮލަރުގެ ފައިސާގެ އެހީތެރިކަން ފޯރުކޮށްދީފައެވެ.