ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރަން ޖެހޭ ފަދަ ހާލަތެއް ރާއްޖެއަކު ނެތް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
މިދިޔަ މަހުގެ 18 ވަނަ ދުވަހު ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ވަނީ ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކޮށް، ޓެރަރިސްޓުން ހައްޔަރުކުރުމުގެ ފުރުސަތު ފުލުހުންނަށް ދިނުމަށް ގޮވާލައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ހުށަހެޅުއްވި ގަރާރު ފާސްކޮށްފައެވެ. އެކަމާ އެމްޑީޕީގެ ބައެއް މެންބަރުންވެސް ވަނީ ދެކޮޅު ހައްދަވައި މިއީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރަން އެންމެ މުނާސަބު ވަގުތު ނޫން ކަމަށް ވިދާޅުވެފައެވެ.
މިއަދު ހަވީރު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ގަރާރާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ އެ ޖަލްސާގައި ގިނަ މެންބަރުންތަކެއް ބައިވެރިނުވީ މިވަގުތަކީ ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރަން ޖެހޭ ވަގުތެއް ކަމަށް އެބޭފުޅުންނަށް ފެނިވަޑައިނުގަންނަވާތީ ގަބޫލުފުޅުކުރެވޭ ކަމަށެވެ.
"އަޅުގަނޑު އަމިއްލައަށް ދެކޭގޮތުގައި ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރަންވީ ވަގުތެއް ނޫން މިއީކީ. އެހެންނަމަވެސް އެކަމާ ގުޅިގެން ހަރުކަށި ފިކުރުގެ މީހުން ހޯދައި، އޭގެ ހަރަކާތްތައް ހުއްޓުވުމަށްޓަކައި މިހާރުވެސް ޕޮލިހުން ވަރަށް ގިނަ މަސައްކަތްތަކެއް އެބަކުރޭ. އޭގެ ނަތީޖާ ތިބޭފުޅުންނަށް ފެންނަމުން ވެސް ދާނެ،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމަށް ފާސްކުރީ އެމްޑީޕީގެ 39 މެންބަރުންގެ ވޯޓުން ކަމަށާއި އެމްޑީޕީގެ ގައުމީ މަޖިލީހުގައި 146 މެންބަރުން ތިއްބަވާ ކަމަށެވެ. އަދި ރައީސް ނަޝީދު ހުށަހަޅުއްވާ އެއްޗަކަށް ފާޅުގައި އިދިކޮޅަށް އެއްޗެކޭ ބުނަން އެމްޑީޕީގެ ގިނަ މެންބަރުން ބޭނުންނުވާތީ އެ ޖަލްސާގައި ބައިވެރިނުވީ ކަމަށް ގަބޫލުފުޅުކުރެވޭ ކަމަށް ވެސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު