ސަރުކާރުގެ އަމާޒަކީ މި މަސް ނިމުމުގެ ކުރީން ދަރިވަރުންނަށް ވެސް ވެކްސިން ޖަހައި ނިންމުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ދިރާސީ އާ އަހަރު ފެށުމުގެ ގޮތުން ހުޅުމާލޭ ރެހެންދި ސްކޫލްގައި މިއަދު ހެނދުނު ބޭއްވި ހާއްސަ އެސެމްބްލީގައި، ރައީސް ސޯލިހް ވިދާޅުވީ، ކޮވިޑް19އިގެ ދަތި އުނދަގޫތަކުގެ ތެރޭގައި ދިރާސީ އާ އަހަރަކާ ބައްދަލުކުރާއިރު، ދުނިޔޭގެ އެހެން ގައުމުތައް އަދިވެސް އޮތީ ވަރަށްދަތި ނިކަމެތި ހާލަތެއްގައި ކަމަށާއި ގިނަ ގައުމުތައް އަދިވެސް އޮތީ ފުރަބަންދުގައި ކަމަށެވެ. އަދި އާންމު ވިޔަފާރިތަކާއި ދަތުރުފަތުރުތައް ހުއްޓިފައި ހުރިކަން ފާހަގަކޮށް ރައީސް ސޯލިހު ވިދާޅުވީ ގިނަ ބަޔަކު އަދިވެސް ތިބީ ކޯވިޑް ވެކްސިންގެ އެންމެ ޑޯޒެއްވެސް ނުޖެހިފައި ކަމަށެވެ.
ނަމަވެސް ރާއްޖެއަށް ބޭނުންވާ ވަރަށް މިހާރު ހުރީ ވެކްސިން ލިބިފައި ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ގިނަ ބަޔަކު ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކޮށްފައިވާއިރު، ރާއްޖެއަށް މިހާރު ވަނީ އާ އާންމު ހާލަތަކަށް އާދެވިފައި ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އޮފީސްތަކާއި ވިޔަފާރިތަކާއި ސްކޫލް މަދަރުސާތަކުގެ ކިޔެވުމުގެ އިތުރުން ދަތުރުފަތުރުތަކަށްވެސް ބޮޑެތި ލުއިތަކެއް ލިބިފައިވާ ކަން ރައީސް ފާހަގަކުރެއްވި އެވެ.
"އާ އާންމު ހާލަތާއެކު އަޅުގަނޑުމެންނަށް ކުރިއަށް ދެވޭނީ ސަރުކާރުން މިހާރު ފަށާފައިވާ ކޮވިޑް ވެކްސިން ޖެހުމުގެ ޕްރޮގްރާމަށް ހުރިހާ ބޭފުޅުންވެސް އެއްބާރުލުން ދެއްވައި ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރައްވައިގެން. އިރާދަކުރެއްވިއްޔާ މިއަދު މި ފެށުނު ދިރާސީ އާ އަހަރާއެކު ޓީޗަރުންނަށް ވެކްސިން ޖެހުމުގެ ޕްރޮގްރާމަށް އިތުރު ހަލުވިކަމެއް ލިބިގެންދާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން،" ރައީސް ވިދާޅުވި އެވެ.
ހަމައެއާއެކު، 12 އަހަރާއި 17 އަހަރާ ދެމެދުގެ ހުރިހާ ކުދިންނަށް، ކޮވިޑް ވެކްސިން ޖެހުމުގެ ހާއްސަ ޕްރޮގްރާމެއް ވަރަށް އަވަހަށް ފެށުމަށް ތައްޔާރުވަމުން އަންނަ ކަން ރައީސް ފާހަގަކުރެއްވި އެވެ.
"ސަރުކާރުގެ މިހާރުގެ އަމާޒަކީ މި މަސް ނިމުމުގެ ކުރިން ހުރިހާ ކުދިންނަށްވެސް ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައި ނިންމުން. މިކަމުގައި ފުރިހަމަ އެއްބާރުލުން ދެއްވައި ތިޔަބޭފުޅުންގެ ތުއްތުކުދިންނަށް ވެކްސިން ޖައްސަވައިދެއްވުމަށް ހުރިހާ ބެލެނިވެރިންނާއި މައިންބަފައިންގެ އަރިހުން އަޅުގަނޑު އެދެން،" ރައީސް ވިދާޅުވި އެވެ.
އެމެރިކާއިން ރާއްޖެއަށް ފައިޒާ ވެކްސިންގެ 128700 (އެއްލައްކަ އަށާވީސް ހާސް ހަތް ސަތޭކަ) ޑޯޒް ވެކްސިން ހަދިޔާ ކޮށްފައިވާއިރު އެ ވެކްސިން ދިނުމަށް ނިންމާފައިވަނީ، އުމުރުން 12 އަހަރާއި 18 އަހަރާ ދެމެދުގެ ކުޑަކުދިނަށެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު