ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަށް މެއި މަހުގެ ހަވަނަ ދުވަހުގެރޭ ދިން ޓެރަރިސްޓް ހަމަލާ އާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އިން އެކުލަވާލައި އިންކުއަރީ ރިޕޯޓުގައި ސަރުކާރަށް ހުށަހެޅި ރެކޮމަންޑޭޝަންތަކަށް އަމަލު ކުރަން ރާވާފައިވާ ގޮތް ސަރުކާރުން އެންގުމުން ނޫނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެނބުރި ރާއްޖެ ވަޑައިގަތުމަކީ ކަންބޮޑުވުމެއް ކަމަށް އެމަނިކުފާނުގެ އާއިލާއިން ބުނެފިއެވެ.
އެ ރެކޮމަންޑޭޝަން ތަކަށް އަމަލު ކުރާ ގޮތް އެންގުމުން ނޫނީ ރައީސް ނަޝީދު ރާއްޖެ ވަޑައިގަތުމަކީ ރުހޭ ކަމެއްނޫން ކަމަށް އެމްޑީޕީންވެސް ވަނީ ބުނެފައެވެ.
އެމްޑީޕީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު މީގެ ކުރިން ވިދާޅުވެފައި ވަނީ އެކަންތައް އެންގުމުން ނޫނީ ރައީސް ނަޝީދު ރާއްޖެ ވަޑައިގަތުމަކީ އޭނާ އެދިވަޑައިގަންނަވާ އަދި ރުހިވަޑައިގަންނަވާ ކަމެއް ނޫން ކަމަށެވެ.
އެކަމާ ބެހޭ ގޮތުން "ވަން" އަށް މައުލޫމާތު ދެއްވަމުން ރައީސް ނަޝީދުގެ ބޭބޭފުޅު ޑރ. އިބްރާހީމް ނާޝިދު މިއަދު ވިދާޅުވީ، ހުރިހާ ކަމަކަށްވުރެން ރައީސް ނަޝީދުގެ ސަލާމަތާއި ރައްކާތެރިކަން މާ މުހިއްމު ކަމަށެވެ.
ނަމަވެސް ރައީސް ނަޝީދަށް އަދިވެސް ބިރުވެރިކަން އެބައޮތް ކަމަށާއި، އަދި އެ ބިރުވެރިކަން ފިލައި ނުދާކަމަށްވެސް ވިދާޅުވިއެވެ.
އެހެން ކަމުން ހަސަން ލަތީފު ވިދާޅުވި ގޮތަށް އާއިލާއިންވެސް ދެކެނީ އެ ރެކޮމެންޑޭޝަންތަކަށް އަމަލު ކުރަމުންދާ ގޮތް އެނގުން ކަމަށްވެސް ވިދާޅުވިއެވެ.
"އިޝޫއަކީ މިކޮޅަށް އައިމަ ކިހިނެއެހޭ ވާނީ، މިހާރު ތަފާތަކަށް އަޅުގަނޑަށް މިފެންނަނީ ކުރީގަ ވެއްޖެއްޔާ ނޭނގެނީ، މިހާރު އެންމެންނަށް އެނގޭ، ނަޝީދަށް އޮތް އެ ބިރުވެރިކަމެއް އަދިވެސް ނުގެއްލޭ، އެކަން އޮތީ އެހެން، އެއީ ހަސަން ލަތީފުވެސް އެ ވިދާޅުވާ ވާހަކައަކީ، އަޅުގަނޑަށްވެސް އެކަން މާ މުހިއްމު އެހެން ހުރިހާ ކަމަކަށްވުރެވެސް،" ޑރ. އިބްރާހީމް ނާޝިދު ވިދާޅުވިއެވެ.
ޑރ. އިބްރާހީމް ނާޝިދު އިތުރަށް ވިދާޅުވީ، ނަފުސާނީ ގޮތުން ވެސް އަދި ޖިސްމާނީ ގޮތުން ބަލާއިރު ވެސް ރައީސް ނަޝީދުގެ މައްސަލައެއް ނެތް ކަމަށެވެ. ހަމަ އެކަނި އޮތް ކަނބޮޑުވުމަކީ އެމަނިކުފާނު ރާއްޖެ ވަޑައިގަތުމުން ދެން ކަންތައް ދިމާވެދާނެ ގޮތެއްގެ މައްޗަށް އޮތް ކަންބޮޑުވުން ކަމަށާއި، ސަލާމަތްތެރިކަން ލިބޭނެ މިންވަރާމެދު އޮތް ކަންބޮޑުވުން ކަމަށްވެސް ވިދާޅުވިއެވެ.
ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީން އެކުލަވާލާފައިވާ ރެކޮމަންޑޭޝަންތަކަށް އަމަލު ކުރަން ރާވާފައިވާ ގޮތް ސަރުކާރުން އެންގުމުން ނޫނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެނބުރި ރާއްޖެ ވަޑައި ގަތުމަކީ ރުހޭ ކަމެއް ނޫން ކަމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު ވިދާޅުވެފައިވާތީ، އެކަމާ މެދު ސަރުކާރުން ވިސްނަން ޖެހޭ ކަމަށް ރައީސް ނަޝީދު ވެސް ވަނީ ވިދާޅުވެފަ އެވެ.
ބޮމުގެ ހަމަލާގައި ލިބިވަޑައިގެންނެވި ޒަހަމްތަކަށް ފަރުވާ ހޯއްދެވުމަށް ޖަރުމަންވިލާތަށް ވަޑައިގެން ދުވަސްކޮޅަކު ހުންނެވުމަށްފަހު ރައީސް ނަޝީދު މިހާރު ހުންނެވީ އިނގިރޭސިވިލާތުގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު