ވެބްސައިޓްތަކާއި އޮންލައިން އެޕްލިކޭޝަންތަކުގައި ބޭނުންކުރާ ޕީއެޗްޕީ ޕްރޮގްރާމިން ލެންގުއޭޖުން ފެނިފައިވާ ސެކިއުރިޓީ މައްސަލަތަކަކާ ގުޅިގެން ލަސްނުކޮށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ދިވެހި ފުލުހުންގެ ހިދުމަތާއި ނެޝަނަލް ސައިބާ ސެކިއުރިޓީ އެޖެންސީ (އެންސީއެސްއޭ) އިން އިލްތިމާސްކޮށްފިއެވެ.
އެ ދެ އިދާރާއިން ރޭ ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި، ޕީއެޗްޕީގެ ސެކިއުރިޓީ މައްސަލަތަކެއް ވަނީ ފެނިފައެވެ. މި މައްސަލައިގެ ސަބަބުން ސިއްރު މައުލޫމާތު ހާމަވުމާއި އޮންލައިން ހިދުމަތްތައް މެދުކެނޑުމުގެ ފުރުސަތު އޮތުމާއެކު، ސަރުކާރުގެ މުއައްސަސާތަކާއި ވިޔަފާރިތަކުގެ އިތުރުން ވެބްސައިޓްތައް ހިންގާ ފަރާތްތަކުން އަވަސް ފިޔަވަޅުތަކެއް އެޅުމަށް ވަނީ އެދިފައެވެ.
ފުލުހުން ބުނި ގޮތުގައި، "ޕީ.އެޗް.ޕީ 2 ޝެލް" ގެ ނަމުން ނަންދީފައިވާ މި ވަލްނަރަބިލިޓީއަށް، ސެކިއުރިޓީ ނުރައްކާތަކުގެ ސީރިއަސްކަން ދެނެގަތުމަށް ބަލާ މިންގަނޑު ކަމަށްވާ ކޮމަން ވަލްނަރަބިލިޓީ ސްކޯރިން ސިސްޓަމް (ސީވީއެސްއެސް ވީ4.0) އިން 9.2 ގެ ކްރިޓިކަލް ރޭޓިންގއެއް ވަނީ ދީފައެވެ.
މި މައްސަލައިގެ ސަބަބުން، ހުއްދަ ނެތި ސާވަރުތަކުގައި ކޯޑު ރަންކޮށް، އެއްވެސް ޔޫސަނޭމަކާއި ޕާސްވޯޑަކާ ނުލައި ވެބްސައިޓްތަކުގެ ފުރިހަމަ ކޮންޓްރޯލް ހޯދުމުގެ ފުރުސަތު ހަމަލާދޭ ފަރާތްތަކަށް ލިބޭ ކަމަށް އެ ހިދުމަތުން ބުންޏެވެ. އަދި މި ވަލްނަރަބިލިޓީގެ ބޭނުންހިފައިގެން ސައިބާ ހަމަލާތަކެއް ދިނުމަށް ހެކަރުން މަސައްކަތްކުރަމުންދާތީ، ވޯޑްޕްރެސް ފަދަ ޕްލެޓްފޯމްތަކާއި ޕީއެޗްޕީ ބޭނުންކުރާ އެންމެހައި ސިސްޓަމްތަކުގެ ރައްކާތެރިކަން ޔަގީންކުރުމަށް ވީ އެންމެ އަވަހަކަށް ފިޔަވަޅު އަޅަންޖެހޭ ކަމަށް ފުލުހުންނާއި އެންސީއެސްއޭއިން ވަނީ ފާހަގަކޮށްފައެވެ.
މި ނުރައްކަލުން ރައްކާތެރިވުމަށް އަޅަންޖެހޭ މުހިންމު ފިޔަވަޅުތަކުގެ ގޮތުގައި އެ ދެ އިދާރާއިން އިރުޝާދުދީފައިވަނީ، ޕީއެޗްޕީގެ ރަސްމީ ސެކިއުރިޓީ އަޕްޑޭޓްތައް ކަމަށްވާ ވާޝަން 8.5.12، 8.4.27، 8.3.36، 8.2.35 ނުވަތަ އޭގެ ފަހުގެ ރަސްމީ ވާޝަނަކަށް ލަސްނުކޮށް ސޮފްޓްވެއާ އަޕްގްރޭޑްކުރުމަށެވެ.
މީގެ އިތުރުން، އައިޓީ އެޑްމިނިސްޓްރޭޓަރުން ނުވަތަ ހޯސްޓިން ޕްރޮވައިޑަރުންނާ ގުޅައިގެން ބޭނުންކުރާ ސާވަރުތައް ރައްކާތެރިކުރެވިފައިވާކަން ކަށަވަރުކުރުމަށާއި، އިތުރު ސެކިއުރިޓީ ފިޔަވަޅުތައް އަޅައި ސިސްޓަމްތައް ގަވާއިދުން މޮނިޓާކޮށް ބެލެހެއްޓުމަށްވެސް ވަނީ އަންގައިފައެވެ. އެއްވެސް ސިސްޓަމަކަށް ހުއްދަ ނެތި ވަދެފައިވާ ކަމަށް ފާހަގަކުރެވިއްޖެ ނަމަ ނުވަތަ ސައިބާ ހަމަލާއަކަށް ޝައްކުކުރެވިއްޖެ ނަމަ، ޑިޖިޓަލް ހެކި ރައްކާތެރިކުރުމާއެކު ވަގުތުން އެ ސިސްޓަމެއް ނެޓްވޯކުން ވަކިކޮށް، ލަސް ނުކޮށް ފުލުހުންގެ ސައިބާ ކްރައިމް ސެންޓަރަށް ރިޕޯޓުކުރުމަށް ފުލުހުންނާއި އެންސީއެސްއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.
ޕޮލިސް
ޕޮލިސް
ޕޮލިސް
ޕޮލިސް
ކޮމެންޓް