ހަގީގީ މުސްލިމަކީ ކޮންމެ ފަދަ ގުރުބާނީއެއް ވާންޖެހުނަސް ނުވަތަ އަނިޔާއެއް ލިބުނަސް، އިސްލާމްދީން ނޫން އެހެން ދީނެއް އެދޭނޭ މީހެއް ނޫން ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.

"އިސްލާމްދީނުގެ މަތިވެރި ނިއުމަތް" މި މައުޟޫއަށް އިއްވި ހުތުބާގައި ބުނީ، ކޮންމެ ފަދަ ފިތުނައެއްގެ ކުރިމަތީގައިވެސް ހަގީގީ މުސްލިމަކު ހުންނާނީ އޭނާގެ ދީނާއި އަގީދާގައި ސާބިތުވެ ކަމަށެވެ. އިސްލާމްދީނަކީ ގިޔާމަތާ ހަމައަށް އިންސާނިއްޔަތުގެ ބާއްޖަވެރިކަމަށް އޮތް ހަމައެކަނި މަގު ކަމަށާއި، ދީނެއްގެ ގޮތުގައި އިސްލާމްދީން ނޫން ދީނެއް އެދޭ މީހާގެ ކިބައިން އެކަން ގަބޫލު ނުކުރައްވާނެ ކަމަށެވެ. އަދި އާހިރަތުގައި އޭނާ ވާނީ ގެއްލެނިވެގެންވާ މީހުންގެ ތެރެއިން ކަމަށް މާތް ﷲ ވަހީކުރައްވާފައިވާކަން ހުތުބާގައި ފާހަގަކުރިއެވެ.

ފުރަތަމަ ޖީލުގެ މުސްލިމުން ދީނުގައި ސާބިތުވެ ތިއްބެވި ގޮތުގެ މިސާލު ދައްކަމުން ހުތުބާގައި ބުނި ގޮތުގައި، ކީރިތި ރަސޫލާގެ އަރިސް މުއައްޒިނެއް ކަމުގައިވާ ބިލާލްގެފާނަށް ކާފިރުން ދެމުންދިޔަ އަނިޔާ އިންތިހާއަށް ދިޔައެވެ. އެކަލޭގެފާނުގެ މޭފުޅު މައްޗަށް ބޮޑެތި ހިލަތައް އަރުވައި، މައްކާގެ ހޫނު ހިލަބިމުގައި ދަމަމުން އިސްލާމްދީން ދޫކޮށްލުމަށް މަޖުބޫރުކުރުމުންވެސް، މާތް ﷲ އެއްކައުވަންތަކަމަށް ވިދާޅުވަމުން އެކަލޭގެފާނު ސާބިތުވެ ހުންނެވިއެވެ.

މީގެ އިތުރުން، ސަހާބީ ހައްބާބު ބިން އަލްއަރައްތު އިސްލާމްދީން ގަބޫލުކުރެއްވުމުން، މުޝްރިކުން އަލިފާންގަނޑެއް ރޯކޮށް އެ އަލިފާންގަނޑުގެ މަތީގައި އެކަލޭގެފާނު ދެމި ކަމަށާއި، އެ އަލިފާންގަނޑު ނިވުނީ އެކަލޭގެފާނުގެ ބުރަކަށިފުޅުގެ މަސްތައް ފިހިގެން ފޭބި ދިޔައިން ކަމަށް ހުތުބާގައި ބުންޏެވެ. އަދި ދީން ހިމާޔަތްކޮށް ދައުވަތު ފެތުރުމަށް އެ ބޭކަލުން ގެދޮރާއި މުދާ ދޫކުރައްވައި ހިޖުރަކުރައްވައި، އެތައް ސަތޭކަ ބޭކަލުންނެއް ހަނގުރާމައިގެ މައިދާންތަކުގައި އުފަލާއެކު ޝަހީދުވެވަޑައިގެންނެވިކަންވެސް ހަނދާންކޮށްދިނެވެ.

ހުތުބާގައި ބުނީ މުސްލިމުންނަށް ލިބިފައިވާ މަތިވެރިކަމާއި ޝަރަފާއި އިއްޒަތުގެ ސިއްރަކީ އިސްލާމްދީން ކަމަށެވެ. އެހެން ނަމަވެސް، ބައެއް މީހުން ދީނީ ކަންކަމަށް ފަރުވާކުޑަކޮށް، މާތް ﷲ ކަނޑައަޅުއްވާފައިވާ އިންތަކުން ބޭރުވެ، ދީނާ ބީރައްޓެހި ސަގާފަތްތަކާއި ނުބައި އަހުލާގީ މިންގަނޑުތަކަށް ތަބާވާ ކަމަށް ބުންޏެވެ. މުސްލިމުން ދީނާ ދުރަށްދާ ކޮންމެ ހިނދެއްގައި ދުޝްމަނުން އެބައިމީހުންގެ މައްޗަށް ގަދަވެގަނެ ބާރުފޯރުވާ ކަމަށާއި، އާރާއި ބާރު އަލުން ލިބޭނީ މާތް ﷲ ގެ ފޮތަށާއި ރަސޫލާގެ ސުންނަތަށް އެނބުރި ރުޖޫއަވެގެން ކަމަށް ހުތުބާގައި ބުންޏެވެ. އަދި އުމަރު ބިން އަލްހައްތާބު ވިދާޅުވި ބަސްފުޅެއްގެ މައްޗަށް އަލިއަޅުވާލައި، މުސްލިމުންނަކީ އިސްލާމްދީނުގެ ސަބަބުން މާތް ﷲ އިއްޒަތްދެއްވި ބައެއް ކަމަށާއި، އެ ނޫން އެހެން އިއްޒަތެއް ހޯދަން މަސައްކަތްކޮށްފި ނަމަ މާތް ﷲ އެބައިމީހުން ނިކަމެތިކުރައްވާނެ ކަމަށް ބުންޏެވެ.

އިސްލާމްދީނުގެ އަސާސްތަކުގެ ތެރޭގައި ހަމައެކަނި ﷲ އަށް އަޅުކަން ހާއްސަކުރުމާއި، އެކަލާނގެ އެއްކައުވަންތަކަން ގަބޫލުކުރުމާއި، ބާތިލު އިލާހުންނާއި ތަކެތިން ބަރީއަވުން ހިމެނޭ އިރު، މީސްތަކުން އަމިއްލައަށް އުފައްދާފައިވާ ޝިރުކާއި ބިދުއަތަކަކީ މި ދީނުގެ ތެރެއިންވާ ކަންކަމެއް ނޫން ކަމަށް ހުތުބާގައި ބުންޏެވެ.