އާންމު ދިރިއުޅުމަށް އަވަހަށް ދިއުމުގެ ފުރުސަތު ފަހި ކުރުމަށާއި އާއިލާއާއި މުޖުތަމައަށް ޓަކައި ކޮވިޑް ވެކްސިން އަވަހަށް ފުރިހަމަ ކުރުމަށް ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އިލްތިމާސް ކުރައްވައިފި އެވެ.

ރައީސް ސޯލިހު މި ކަމަށް އިލްތިމާސް ކުރެއްވީ ދިވެހި ރައްޔިތުންގެ ތެރެއިން ވެކްސިން ޖެހޭ އާބާދީގެ 90 ޕަސެންޓް މީހުން އަންނަ މަހުގެ ނިޔަލަށް ވެކްސިން ފުރިހަމަ ކުރުމަށް އަމާޒު ކޮށް ސަރުކާރުން މިއަދު ފަށާފައިވާ ބިޔަ ވެކްސިން ޕްރޮގްރާމާ ގުޅުވައިގެން ކުރެއްވި ޓުވީޓެއްގަ އެވެ.

ރައީސް ސޯލިހު ވިދާޅުވީ އެތައް މަހެއް ވާންދެން ތަކުލީފާއި ބުރަ އުފުލުމަށް ފަހު، އަޅުގަނޑުމެން އާންމު ދިރިއުޅުމަކަށް ދިއުމަށް ޓަކައި، ވިޔަފާރިތައް ހިންގައިގަތުމަށް ޓަކައި އަދި އާއިލާއާއި ރައްޓެހީންނާ އެކުގައި ވުމަށް މަގުފަހިކޮށްދޭ ކޮވިޑް ވެކްސިން މިހާރު މި ވަނީ އަޅުގަނޑުމެންނަށް ލިބިފައި ކަމަށެވެ.

"ވެކްސިން ނުޖައްސަވައި ހުންނެވި ނަމަ އަވަހަށް ވަޑައިގެން ވެކްސިން ޖައްސަވާ! އަމިއްލަ އާއިލާ އަދި އަމިއްލަ މުޖުތަމައަށް ޓަކައި މިކަން ކޮށްދެއްވާ!" ރައީސް ސޯލިހުގެ ޓުވީޓުގައި ވިދާޅުވި އެވެ.

ރައްޔިތުން ވީ އެންމެ އަވަހަކަށް ކޮވިޑް ވެކްސިން ފުރިހަމަ ކުރުމަށް ރައީސް ސޯލިހު ވަނީ މީގެ ކުރީންވެސް އެތައް ފަހަރެއްގެ މަތީން އިލްތިމާސް ކުރައްވައިފަ އެވެ.

ކޮވިޑުގެ ނުރައްކާ މުޅި ދުނިޔޭގައި ވެސް އޮތް އިރު، އާންމު ދިރިއުޅުމަކަށް ދިއުމަށް ހުރިހާ ގައުމެއްގައި ވެސް އެންމެ އަސާސީ ކަމަކަށް ވެފައި ވަނީ ކޮވިޑަށް ހާއްސަ ވެކްސިން ޖެހުމެވެ. ލުއިތައް ދެވެނީ ވެކްސިން ފުރިހަމަ ކޮށްފައިވާ ނިސްބަތުންނެވެ.

ދުނިޔޭގެ ބައެއް ގައުމުތަކުން މިހާރު އަންނަނީ ބަލި ފެތުރުން ކޮންޓްރޯލު ކުރުމަށާއި ބަލީން އަވަހަށް އަރައިގަތުމަށް އިތުރު ފިޔަވަޅުތައް ވެސް އަޅަމުންނެވެ. އެ ގޮތުން ވެކްސިންގެ ފުރުސަތު ފަހި ވެފައިވާ ބައެއް ގައުމުތަކުން ވަނީ ވެކްސިން ނުޖަހާ މީހުން ގައުމުން ބޭރަށް ދިއުން ހުއްޓުވަން ފަށައިފަ އެވެ. އަދި މުޖުތަމައަށް ނުކުމެ އުޅުމުގެ ފަހި ފުރުސަތުތައް ވެކްސިން ނުޖަހާ މީހުންނަށް ދިނުން އަންނަނީ ހުއްޓައިލަމުންނެވެ. މިގޮތަށް އަމަލު ކުރަނީ ވެކްސިން ނުޖަހާ މީހުންގެ ރައްކާތެރިކަމާއި އެމީހުންގެ ފުށުން މުޖުތަމައަށް އޮންނަ ނުރައްކަލުން ސަލާމަތް ވުމަށެވެ.