އެންމެފަހުގެ އޮލިމްޕިކް ޗެމްޕިއަން ބްރެޒިލާއި ސްޕެއިންވެސް ކުއާޓާ ފައިނަލުން ޖާގަ ހޯދައިފިއެވެ.
ޓޯކިއޯގައި ކުރިއަށްދާ އޮލިމްޕިކްސްގެ ފުޓުބޯޅަ އިވެންޓްސްގެ ގްރޫޕް ސްޓޭޖު ނިމި، ކުއާޓާގެ ޓީމުތައް މިހާރު ވަނީ ޔަގީން ވެފައެވެ. މި ފަހަރުގެ ގްރޫޕް ސްޓޭޖުން ކެޓި މަޝްހޫރު ޓީމުތަކުގެ ތެރޭގައި މީގެ ކުރިން ދެ ފަހަރު ރަން މެޑަލް ހާސިލްކުރި އާޖެންޓީނާ އާއި 2016 ވަނަ އަހަރު ރިހި މެޑަލް ހޯދި ޖަރުމަނު އަދި 1984 ވަނަ އަހަރު ރަން މެޑަލް ހޯދި ފްރާންސް ހިމެނެއެވެ. އޮލިމްޕިކްސް ފުޓުބޯޅަ އިވެންޓަކީ ގައުމުތަކުގެ 23 އަހަރުން ދަށު ޓީމުތަކަށް ހާއްސަ މުބާރާތެކެވެ. ޓީމުތަކުގައި ސީނިއާ ކުޅުންތެރިން ހިމެނެނީ ވަކި އަދަދަކަށެވެ.
ބްރެޒިލުން ގްރޫޕް ޑީގައި ކުޅުނު ފަހު މެޗުގައި ސައުދީ އަރަބިއާ ބަލިކުރީ 3-1 ގެ ނަތީޖާއަކުންނެވެ. ބްރެޒިލްގެ ގޯލުތަކުގެ ތެރެއިން ދެ ގޯލު ޖެހީ މި ފަހަރުގެ އޮލިމްޕިކްސްގައި ރަނގަޅު ފޯމެއްގައި ހުރި ރިޗާލިސަން އެވެ. މި މެޗުގައި ޖެހި ދެ ގޯލާ އެކު ރިޗާލިސަން ވަނީ މި ފަހަރުގެ އޮލިމްޕިކްސްގައި ޖުމުލަ ފަސް ގޯލު ޖަހައިފަ އެވެ. ބްރެޒިލްގެ އަނެއް ގޯލު ކާމިޔާބު ކުރީ މަތިއަސް ކޫނިއާ އެވެ. ސައުދީގެ ހަމައެކަނި ގޯލު ޖެހީ އަލް-އަމްރީ އެވެ.
ގްރޫޕް ސީގެ ފަހު މެޗުގައި މިއަދު ސްޕެއިން ވަނީ 1-1 އިން އާޖެންޓީނާއާ އެއްވަރު ވެފައެވެ. މިކޭލް މެރީނޯގެ ގޯލުން ސްޕެއިން ލީޑުނަގާފައިވަނިކޮށް މެޗު ނިމެން ތިން މިނިޓަށް ވެފައި ހުއްޓައި އާޖެންޓީނާ އަށް އެއްވަރުކޮށްދިނީ ތޯމަސް ބެލްމޮންޓޭ އެވެ. އިތުރު ގޯލެއް ޖަހައިގެން ސްޕެއިން ކަޓުވާލުމަށް ފަހު އާޖެންޓީނާ އަށް ކުއާޓާގެ ޖާގަ ހޯދުމުގެ ފުރުސަތު އޮތް ނަމަވެސް ދެ ވަނަ ގޯލެއް ޖަހަން އާޖެންޓީނާ އިން ކުރި މަސައްކަތް ކާމިޔާބެއް ނުވި އެވެ. ގްރޫޕް ސީގެ ދެވަނަ ޖާގަ ލިބުނީ މިސްރަށެވެ. މިސްރު ކުއާޓާގެ ފުރުސަތު ހޯދީ ގޯލުގެ ތަފާތުންނެވެ.
ގްރޫޕް ޑީގައި ކުޅުނު ފަހު މެޗުން އައިވަރީ ކޯސްޓް ވަނީ ޖަރުމަނާ 1-1 އިން އެއްވަރުކޮށް ކުއާޓާގެ ޖާގައެއް ހޯދައިފައެވެ.
ފްރާންސް ކެޓީ ގްރޫޕްގެ ފަހު މެޗުން މި ފަހަރުގެ އޮލިމްޕިކްސްގެ ހޯސްޓް ޖަޕާން އަތުން 4-0 އިން ބަލިވުމުންނެވެ. އެ ގްރޫޕްގެ ދެ ވަނަ އަށް ދިޔައީ ހަ ޕޮއިންޓް ހޯދި މެކްސިކޯ އެވެ. ފްރާންސް ތިން ވަނައިގައި ނިންމާލީ ތިން ޕޮއިންޓާ އެކުއެވެ.
ޖަޕާން - ނިއު ޒީލެންޑް (31 ޖުލައި)
ސްޕެއިން - އައިވަރީ ކޯސްޓް (31 ޖުލައި)
ދެކުނު ކޮރެއާ - މެކްސިކޯ (31 ޖުލައި)
ބްރެޒިލް - މިސްރު (31 ޖުލައި)