ހަރުކަށި ފިކުރުގެ މީހުން ހައްޔަރުކުރުމަށް ޓަކައި ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރަން ޖެހޭ އެއްވެސް ސަބަބެއް މިވަގުތު ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

ރޮޒައިނާ މިގޮތަށް ވިދާޅުވެފައި މިވަނީ އެމްޑީޕީ ގައުމީ މަޖިލީހުގެ ބައެއް މެންބަރުންނާ އެކު މިދިޔަ އާދިއްތަ ދުވަހު ބޭއްވި ޖަލްސާގައި ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކޮށް، ޓެރަރިސްޓުން ހައްޔަރުކުރުމުގެ ފުރުސަތު ފުލުހުންނަށް ދިނުމަށް ގޮވާލައި އެމްޑީޕީގެ ގައުމީ މަޖިލީހަށް އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ހުށަހެޅުއްވި ގަރާރު ފާސްކުރުމާ ގުޅިގެންނެވެ.

ސަންގު ޓީވީގެ "ހަބަރަށްފަހު" ޕްރޮގްރާމުގައި ރޭ ރޮޒައިނާ ވިދާޅުވީ ރައީސް ނަޝީދު ހަރުކަށި ފިކުރާ ގުޅޭ ގޮތުން ދައްކަވާ ބައެއް ވާހަކަތައް ގަބޫލު ކުރައްވާ ކަމަށެވެ. އަދި އެއް ދުވަހުން އަނެއް ދުވަހަކަށް އެ ހާލަތު ގޯސްވަމުންދާ ކަމަށްވެސް ގަބޫލު ކުރައްވާ ކަމަށް ވިދާޅުވިއެވެ.

އެކަމާ މެދު ވަރަށް ކަންބޮޑުވެވަޑައިގަންނަވާ ކަމަށާއި އެކަން ހުއްޓުވުމަށް ޓަކައި ވަރަށް މުހިންމު ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށެވެ. ނަމަވެސް އެކަމަކީ ރައީސް ނަޝީދު މިހާރު ގެންގުޅުއްވާ ސްޓްރެޓެޖީގެ ތެރެއިން ކުރެވޭނެ ކަމެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ރޮޒޭނާ ވިދާޅުވިއެވެ.

ރޮޒައިނާ ވިދާޅުވީ ހަރުކަށި ފިކުރުގެ ކަންކަމުގައި ކުރިއަށް ދާނެ ގޮތަކާމެދު ގޮތެއް ނިންމުމުގައި އެންމެ ބޮޑު ޒިންމާއެއް އޮންނާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ކަމަށާއި ހަރުކަށި ފިކުރުގެ ކަންކަމުގައި އަމަލު ކުރާނެ ގޮތްތައް ނިންމާނީ ސަރުކާރުގެ ތެރެއިން ކަމަށެވެ.

"ހިތްހަމަ ނުޖެހޭނަމަ ރައީސާ ވާހަކަ ދައްކައިގެން ހައްލު ކުރެވޭނެ. މިކަމާ ގުޅިގެން ސްޓޭޓް އޮފް އެމަޖެންސީ ހިންގުމަކީ އަޅުގަނޑު އެއްވެސް ގޮތަކަށް ގަބޫލު ކުރާ ކަމެއް ނޫން، މިހާރު ސްޓޭޓް އޮފް އެމަޖެންސީ ހިންގަން ޖެހޭ އެއްވެސް ރީޒަންއެއް އަޅުގަނޑަކަށް ނުފެނޭ،" ރޮޒައިނާ ވިދާޅުވިއެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރަން ނުޖެހޭ ސަބަބެއްގެ ގޮތުގައި ރޮޒެއިނާ ވިދާޅުވީ ފުލުހުންނާއި ސިފައިން، އެފަދަ ކަމަކަށް އެއްވެސް ޕްރެސްއެއްގައިވެސް އެދިފަ ނުވާތީ ކަމަށެވެ. ނަމަވެސް ސަލާމަތީ ބާރުތަކުން އެފަދަ ހާލަތެއް އޮތް ކަމަށް ދެކޭނަމަ އެކަން ރައީސަށް ދަންނަވާނެ ކަމަށާއި އެފަދަ ނިންމުމެއް ނިންމަވަން ޖެހޭނީ ރައީސް ކަމަށްވެސް ރޮޒައިނާ ވިދާޅުވިއެވެ.

ރޮޒައިނާ އިތުރަށް ވިދާޅުވީ ހަރުކަށި ފިކުރު ދުވަހެއް ދުވަހަށް ފެތުރެމުންދާ މިންވަރު އިތުރުވާކަމީ ވަރަށް ބޮޑު ގައުމީ މައްސަލައެއް ކަމަށެވެ. އަދި މި މައްސަލަ ހައްލު ކުރެވޭނީ ގައުމުގައި ތިބި ހުރިހާ ސިޔާސީ ލީޑަރުންނާއި އެންމެން ގުޅިގެން އެކީގައި މަސައްކަތްތަކެއް ކޮށްގެން ކަމަށްވެސް ވިދާޅުވިއެވެ.

ރައީސް ނަޝީދު ހުށަހެޅުއްވި ގަރާރަށް ރޮޒެއިނާ ވަނީ ދެކޮޅު ހައްދަވައިފައެވެ. އަދި އެ ގަރާރަށް އޭނާ ވޯޓު ދެއްވާފައެއްވެސް ނުވެއެވެ.

ގައުމީ މަޖިލީހުގެ އެ ރޭގެ ބައްދަލުވުމުގައި އެމްޑީޕީގެ ޕީޖީ ލީޑަރު، އަދި މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވީ ގާނޫނު އަސާސީން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމުގެ ބާރު ލިބިގެންވަނީ ރައީސް ސޯލިހަށް ކަމަށާއި އެހެންކަމުން ކުއްލި ނުރައްކަލުގެ ހާލަތުގެ ބައި ހިމަނައި ގަރާރެއް ހުށަހެޅުމުގެ ކުރިން ރައީސާ މަޝްވަރާ ކުރެވެން ވާނެ ކަމަށެވެ.

"ރައީސުލްޖުމްހޫރިއްޔާއަށް އޮތް ބާރެއް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަކީ، އެ ބާރު ރައީސްގެ އަތްޕުޅުގައި އޮއްވައި އަޅުގަނޑުމެން ނުވާނެ ނިންމާކަށް ގަރާރަކުން. އަޅުގަނޑުމެންގެ ޕާޓީގެ ރައީސެއް ހުރީތީވެ އަޅުގަނޑު ގަބޫލެއް ނުކުރަން ކުއްލި ނުރައްކަލުގެ ބައި ހިިމެނޭނެ ކަމަކަށް، އެކަން އަޅުގަނޑުމެންގެ މަސްލަހަތަށްޓަކައިވެސް ކުރަންޖެހޭ ކަމެއް،" އާޒިމް ވިދާޅުވިއެވެ.

އަލީ އާޒިމް ވަނީ ރައީސް ސޯލިހާއި ރައީސް ނަޝީދު މަޝްވަރާ ކުރެއްވުމަށްފަހު، ގަރާރު ފާސް ކުރުމަށް ހުށަހަޅުއްވާފައެވެ. ނަމަވެސް އެގޮތަކަށް ތާއީދެއް ނުލިބުނެވެ.