ރާއްޖޭގައި ވެކްސިން ޖަހާން ޖެހޭ އާބާދީގެ މީހުންގެ ތެރެއިން 27 ޕަސެންޓު މީހުން އަދިވެސް ތިބީ ވެކްސިންގެ އެންމެ ޑޯޒެއްވެސް ނުޖަހައި ކަމަށް އެޗްއީއޯސީގެ ތަރުޖަމާނު، ޑރ. ފާތުމަތު ނަޒްލާ ރަފީގު ވިދާޅުވެއްޖެ އެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ، ކޮވިޑުން ދިފާއުވުމަށް ވެކްސިން ޖެހުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.

"ވެކްސިން ޖެހޭ އުމުރުފުރާގެ މީހުންގެ ތެރެއިން 27 އިންސައްތަ މީހުން އެބަތިބި އަދިވެސް ރާއްޖޭގައި އެއްވެސް ޑޯޒެއް ނުޖަހައި. މި އެންމެންނަށް އަންނަ މަހުގެ ތެރޭގައި ވެކްސިން ޖެހުމަކީ އެންމެން ގުޅިގެން ނޫނީ ނުކުރެވޭނެ ކަމެއް" ޑރ. ނަޒްލާ ވިދާޅުވި އެވެ.

ޑރ. ނަޒްލާ ވިދާޅުވީ، އާންމު ދިރިއުޅުމަކަށް ދެވޭނީ އާބާދީގެ ބޮޑު ބަޔަކަށް ވެކްސިން ޖެހިގެން ކަމަށެވެ. އެގޮތުން ވެކްސިން ޖެހުމަކީ ގައުމީ މަސައްކަތެއްގެ ގޮތުގައި ދެކެން ޖެހޭ ކަމަށް ވިދާޅުވި އެވެ.

ޑރ. ނަޒްލާ އިތުރަށް ވިދާޅުވީ، އާބާދީގެ ބޮޑު ބަޔަކަށް ވެކްސިން ޖެހިއްޖެނަމަ ކޮވިޑާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް އިތުރު ލުއިތަކެއް ލިބިގެންދާނެ ކަމަށެވެ.

ރާއްޖޭގައި ވެކްސިން ޖެހޭ އުމުރުފުރާގެ 73 އިންސައްތަ މީހުން ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަކޮށްފައެވެ. އަދި 59 އިންސައްތަ މީހުން ވަނީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައެވެ.