ރާއްޖޭގައި ފެރުތެމުންދާ ކަރުކަށި ފިކުރާ ބެހޭ ގޮތުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ދައްކަވާ ވާހަކަ ފިޔަވައި، އެ ޕާޓީގެ އެހެން މީހެއް، ނުވަތަ އެހެން ބަޔަކު ދައްކާ ވާހަކައަށް ބުރަދަނެއް ނުދެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.

އިންތި މިހެން ވިދާޅުވީ، ދެކޮޅު ހަދަން ދަސްކޮށްދިނީ ރައީސް ނަޝީދު ކަމަށާއި، އެމަނިކުފާނު ދައްކަވާ ވާހަކަފުޅު ތަކާއި، އެމްޑީޕީގެ މެންބަރުންނަށް ދެކޮޅު ނުހެދޭނެކަމަށް ވިދާޅުވެ މީގެކުރިން އިންތި ދެއްކެވި ވާހަކަތަކަކާ ގުޅިގެން، އެއީ ޑިމޮކްރެސީތޯ އެމްޑީޕީގެ މެންބަރަކު ސުވާލު ކުރެއްވުމުން އޭނާއަށް ރައްދު ދެއްވައި ކުރެއްވި ޓުވީޓެއްގައެވެ.

އެ ޓުވީޓުގައި އިންތި ވިދާޅުވީ، ހަރުކަށި ފިކުރުގެ ބޮން ގޮއްވުމުގެ ޝިކާރަކަށް ހަދާފައި އެވަނީ ރައީސް ނަޝީދު ކަމަށެވެ.

ރައީސް ނަޝީދަކީ އެމްޑީޕީގެ ރައީސް ކަމަށާއި، އެމަނިކުފާނު އަވަހާރަ ކޮށްލަން ބޮން ގޮއްވީ ހަރުކަށި ފިކުރު މި ރާއްޖޭގައި ފެތުރެމުންދާތީ އެމަނިކުފާނު އެވާހަކަ ދެއްކެވުމުން ކަމަށްވެސް ވިދާޅުވިއެވެ.

"މި މައުލޫގައި މިވަގުތު މި ޕާޓީގެ ވަކި އެހެން މީހެއްގެ ބަހަކަށް ހަމަގައިމު އަޅުގަނޑަކަށް ބުރަދަނެއް ނުދެވޭނެ،" އިންތި ވިދާޅުވިއެވެ.