ޚަބަރު

އަލީ ވަހީދު ހައްޔަރުކޮށް، އިނގިރޭސިވިލާތުން ޑީޕޯޓުކޮށްލުމަށް ޕެޓިޝަނެއް

1

ޖިންސީ ކުށުގެ ތުހުމަތުތަކެއްކޮށް، ދައުވާ އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ހައްޔަރުކޮށް، އިނގިރޭސިވިލާތުން ޑީޕޯޓުކޮށްލުމަށް އެދި ޕެޓިޝަނެއް ހުށަހެޅުމަށް ތައްޔާރުވެއްޖެއެވެ.

ހަސަން ކުރުސީގެ ނަމުގައި ހިންގާ ޓްވިޓަރު ހޭންޑަލްއަކުން އިސްނަަގައިގެން ފަށާފައިވާ އެ ޕެޓިޝަން، އިނގިރޭސިވިލާތުގެ ގާނޫނު ހަދާ މަޖިލީހާއި އެގައުމުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަންއަށް ފޮނުވުމަށް ހަމަޖެހިފައިވެއެވެ.

އަލީ ވަހީދު ހައްޔަރުކޮށް، އިނގިރޭސިވިލާތުން ޑީޕޯޓުކޮށްލުމަށް އެދި ހުށަހަޅާ ޕެޓިޝަނުގައި ގިނަ ބަޔަކު އަންނަނީ ސޮއިކުރަމުންނެވެ. އެގޮތުން މިހާތަނަށް 140 އަށްވުރެ ގިނަ މީހުން ވަނީ ޕެޓިޝަނުގައި ސޮއިކޮށްފައެވެ.

ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި ހުންނަވައިގެން އެތަނުގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރިކަމުގެ މައްސަލަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަމާލުކަމަށް ގެނައީ އެ މުވައްޒަފުންނެވެ. އެއާއެކު މައްސަލައިގެ ތަހުގީގު ފަށައި މިނިސްޓަރުކަމުން އަލީ ވަހީދު ދުރުކުރިއެވެ.

ތަހުގީގު ނިންމައި ޕީޖީ އޮފީހަށް ފޮނުވުމުން ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތަށް ހަތް ދައުވާއެއް އުފުލައި ކްރިމިނަލް ކޯޓުގައި އަޑުއެހުންތައް ފެށިއެވެ.

ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްއަދު އަލީ ޖާމިނުކުރުމަށްފަހު، ބޭސްފަރުވާއަށް ދިއުމަށް ޕާސްޕޯޓް ދޫކޮށްލަން އެދުމުން ކްރިމިނަލް ކޯޓުގެ އަމުރަކުން ޕާސްޕޯޓް ދޫކޮށްދިނެވެ. އެއް މަސް ދުވަހުގެ މުއްދަތަށް ޕާސްޕޯޓް ދޫކޮށްލި ނަމަވެސް ދެމަސް ވެގެން ދިޔައިރު ވެސް އަލީ ވަހީދު އެނބުރި ރާއްޖެ އައިސްފައެއް ނުވެއެވެ.

ބޭސްފަރުވާއަށް އިތުރު ވަގުތު ބޭނުން ކަމަށް ބުނެ މައްސަލަ އޮންލައިންކޮށް ކުރިއަށް ގެންދިއުމަށް އަލީ ވަހީދު ވަނީ އެދިފައެވެ. އެގޮތަށް ކްރިމިނަލް ކޯޓުގައި މައްސަލަ ފެށި ނަމަވެސް، ރާއްޖޭގެ އިހުތިސާސް ނުހިނގާ ސަރަަހައްދެއްގައި ހުރެގެން އޮންލައިންކޮށް ޝަރީއަތް ކުރިއަށް ނުގެންދެވޭނެ ދައުލަތުން ވަނީ ކަމަށް ބުނެފައެވެ. ނަމަވެސް ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ސައީދު ވަނީ އޮންލައިންކޮށް ޝަރީއަތް ކުރިއަށްގެންދެވޭނެ ކަމަށް ކަނޑައަޅުއްވައިފައެވެ.

ގާޒީ ހަސަން ސައީދުގެ ނިންމެވުން ދައުލަތުން ހައިކޯޓުގައި އިސްތިއުނާފުކުރުމުން އެ ކޯޓުން ނިންމީ އިސްތިއުނާފީ ދައުވާއެއްގެ ގޮތުގައި އެ މައްސަލަ ކުރިއަށް ގެންދެވޭނެ ޝަރުއީ އަދި ގާނޫނީ ހަމައެއް ނެތް ކަމަށެވެ. އެއާއެކު ހައިކޯޓުގެ ނިންމުން ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅިއެވެ.

އެ މައްސަލައިގެ އަޑުއެހުމަށް ސުޕްރީމް ކޯޓަށް ހާޒިރުވާން އަލީ ވަހީދަށް މިހާރު ވަނީ ޗިޓު ފޮނުވައިފައެވެ. އެ މައްސަލަ ސުޕްރީމް ކޯޓުގައި ތާވަލުކޮށްފައިވަނީ އަންނަ މަހުގެ ދެވަނަ ދުވަހުގެ މެންދުރު 1:00 އަށެވެ.