މޯލްޑިވްސް ނެޝަނަލް ޕާޓީގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ ރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މެންބަރު އަހްމަދު އުޝާމަށް، އިލެކްޝަންސް ކޮމިޝަނުން ދީފި އެވެ.
ވަން އޮންލައިން އަށް އެކަމާބެހޭ މައުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ މެންބަރު ފުއާދު ތައުފީގު ދެންމެ ވިދާޅުވީ، ނާޒިމް އިސްވެ ހުންނަވައިގެން އުފައްދަވަން އުޅުއްވާ ޕާޓީ އުފެއްދުމުގެ ހުއްދަ މަޖިލިސް މެންބަރު އުޝާމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ދީފައިވާ ކަމަށެވެ.
އެ ހުއްދައިގެ ދަށުން މިއަދުން ފެށިގެން ތިން މަސް ދުވަހުގެ ތެރޭގައި އެ ޕާޓީއާ ގުޅޭ 3،000 މީހުންގެ ނަމާއި ސޮއި އެ ކޮމިޝަނަށް ހުށަހަޅަން ޖެހޭނެ ކަމަށްވެސް ފުއާދު ވިދާޅުވިއެވެ.
އިލެކްޝަންސް ކޮމިޝަންގައި ޕާޓީ ރަޖިސްޓްރީ ކޮށްދޭނީ 3،000 މީހުންގެ ސޮއި ހުށަހެޅުމުންނެވެ.
"މޯލްޑިވްސް ނެޝަނަލް ޕާޓީ" އުފެއްދުމުގެ ހުއްދަ ދީފައިވާ މެންބަރު އުޝާމަކީ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ އަމިއްލަ މެންބަރެކެވެ.
މެންބަރު އުޝާމްގެ އިތުރުން، އެ ޕާޓީ އުފެއްދުމަށްޓަކައި ޖުމްހޫރީ ޕާޓީގެ ދެ މެންބަރުންގެ ގޮތުގައި ތިއްބެވި ދަނގެތި ދާއިރާގެ މެންބަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމާއި ކުރީގެ ޕޮލިސް ކޮމިޝަނަރު އަދި ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް ވަނީ އެ ޕާޓީން އިސްތިއުފާ ދެއްވައިފައެވެ.
ޕާޓީ އުފެއްދުމުގެ ހުއްދަ ދިނުމާ ގުޅިގެން އުޝާމް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ، އެ ޕާޓީއަކީ ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު (މޮސްޓާ) އާއި ނިލަންދޫ ދާއިރާގެ މެންބަރު އަބްދުލް މުހްސިން ހަމީދު ވެސް ހިމެނި ވަޑައިގަންނަވާ ގޮތަށް އުފައްދަން މަސައްކަތްކުރާ ޕާޓީއެއް ކަމަށެވެ.
އުއްމީދަކީ ލަސްތަކެއް ނުވެ ޕާޓީ ރަޖިސްޓްރީ ކުރުމަށް ކުރަން ޖެހޭ ކަންކަން ކޮށް ނިންމުން ކަމަށްވެސް ވިދާޅުވެފައިވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަހުމަދު އުޝާމް
ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަހުމަދު އުޝާމް
ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަހުމަދު އުޝާމް