ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރަން އެމްޑީޕީން މަޖިލީހަށް ހުށަހަޅާފައިވާ އިތުބާރު ނެތްކަމުގެ ގަރާރު ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ ދަށުން ކުރިއަށް ނުގެންދެވޭނެ އެއްވެސް ސަބަބެއް ނެތް ކަމަށް އެމްއެންޕީގެ ނައިބު ރައީސް އަދި ވިލިމާލެ ދާއިރާގެ މަޖިލިސް މެންބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
އުޝާމް އެގޮތަށް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެޖެންޑާ ކުރި، ރައްޔިތުންގެ މަޖިލީހުގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ތެރެއިން، އިތުބާރު ނެތްކަމަށް ހުށަހެޅި ގަރާރަކީ މަޖިލީހުގެ ގަވާއިދުގައި ބުނާ ސިފަތައް ހަމަނުވާ ގަރާރެއް ކަމަށްބުނެ އެ ގަރާރު މަޖިލީހަށް އެޖެންޑާ ކޮށްފައިވަނީ މަޖިލިސް ގަވާއިދާ ހިލާފަށް ކަމަށްބުނެ ދަ ޑިމޮކްރެޓްސްގެ މެންބަރުން ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވަމުންނެވެ.
އެ ގަރާރު އޮތީ މަޖިލިސް ގަވާއިދުގައި ކަނޑައަޅާފައިވާ ގޮތަށް ނޫން ކަމަށާއި ގަރާރެއް މަޖިލީހަށް ހުށަހަޅާ އިރު އޭގައި ދީބާޖާ އޮންނާނެ ކަމަށް މަޖިލިސް ގަވާއިދުގައި ބުނާއިރު، އިތުބާރު ނެތްކަމަށް ހުށަހެޅި ގަރާރުގައި އެބައި ނެތްކަމަށް ވިދާޅުވެ، ގަވާއިދާ ހިލާފް ގަރާރަކަށް ވާތީ އެ ގަރާރު މަޖިލީހަށް އެޖެންޑާކޮށްގެން ކުރިއަށް ނުގެންދެވޭނެ ކަމަށް ވިދާޅުވީ، ދަ ޑިމޮކްރެޓްސްގެ ޕީޖީ ލީޑަރު މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމެވެ.
އާޒިމްގެ ވާހަކަަތަކާ ގުޅިގެން އުޝާމް ވިދާޅުވީ، މަޖިލީހަށް ހުށަހަޅާ ގަރާރާ ބެހޭގޮތުން ގާނޫނުއަސާސީގައި ދެ ހާލަތެއް ބަޔާންކޮށްފައިވާ ކަމަށެވެ.
"ގާނޫނުއަސީގެ 82 ވަނަމާއްދާގެ (ބ) ގައި މަޖިލީހުގެ ރައީސާއި ނާއިބުރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާ ވާހަކަ އާއި 100 ވަނަ މާއްދާގައި ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަގާމުން ވަކިކުރުމުގެ ގަރާރު ހުށަހަޅާ ވާހަކަ ބަޔާންކޮށްފައި މި އޮންނަނީ،"
އެހެންކަމުން ގާނޫނުއަސާސީގެ އެ މާއްދާތަކުގައި ބުނާ ގަރާރުތަކާއި މަޖިލިސް ގަވާއިދުގެ 167 ވަނަ މާއްދާގައި ބުނާ ގަރާރުތަކަކީ ތަފާތު ދެ ބާވަތެއްގެ ގަރާރު ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އުޝާމް ވިދާޅުވީ، މަޖިލިސް ގަވާއިދުގެ 167 ވަނަ މާއްދާގައި ބުނަނީ ހަމައެކަނި މަޖިލީހުން ކަމަކާ ދޭތެރޭ ދެކޭގޮތް ބަޔާންކުރުމަށްޓަކައި ހުށަހަޅާ ގަރާރުގެ ވާހަކަ ކަމަށެވެ. ހަމަ އެއާއެކު 167 ވަނަ މާއްދާގެ ދަށުން ހުށަހަޅާ ގަރާރެއްގެ މައްޗަށް ހިނގާނީ ބިލުގެ މައްޗަށް ހިނގާ އުސޫލުކަމަށް ބުނެފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
"އެހެންވީމާ މަޖިލީހުގެ ރައީސްގެ މައްޗަށް އިތުބާރު ނެތްކަމުގެ މައްސަލައަށް ހުށަހަޅާ ގަރާރެއް 167 ވަނަ މާއްދާގެ ދަށުން އަމަލުކުރާ ކަމަށްވަނީ ނަމަ، ފުރަތަމަ ކިއުން ކިޔަން ޖެހޭނެ، ބަހުސް ކުރަން ޖެހޭނެ، ކޮމިޓީ ސްޓޭޖަށް ދާން ޖެހޭނެ، އަނެއްކާ މަޖިލީހަށް އޭގެ ރިޕޯޓު ހުށަހަޅައިގެން ދެން އެއަށް ގޮތެއް ނިންމަން ޖެހޭނީ، އެހެން ވީމަ 167 ވަނަ މާއްދާ އާއި މަޖިލީސް ގަވާއިދުގެ 35 ވަނަ ބާބު އޮތްގޮތުން ވަރަށް ސާފު، މަޖިލީހުގެ ގަވާއިދުގައި އެބުނާ ގަރާރާއި ގާނޫނުއަސާސީގެ 82 ވަނަ މާއްދާގައި އެބުނާ ގަރާރަކީ މުޅިން ތަފާތު އިޖުރާއަތްތަކެއްގެ މަތިން ހިނގާނެ ދެ ގަރާރުކަން، އެހެންވީމާ މިހާރު ހުށަހަޅާފައި އޮތް މައްސަލަ މަޖިލީހުގެ ގަވާއިދުގެ ތެރެއިން ކުރިއަށް ނުގެންދެވޭނެ އެއްވެސް ސަބަބެއް އޮތް ކަމަށް ގަބޫލެއް ނުކުރަން،"
އުޝާމުގެ ވާހަކައަށް އެމްޑީޕީގެ މެންބަރުން ތާއީދުވެސް ކުރެއްވިއެވެ. ނަަމަވެސް އިތުބާރު ނެތްކަމުގެ މައްސަލައިގެ ގަރާރު މަޖިލިސް ގަވާއިދާ ހިލާފު ކަމަށްބުނެ، އަލީ އާޒިމް ހުށަހެޅި ނިޒާމީ މައްސަލަ ބަލައިގަނެ އެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް އަފީފު ނިންމެވިއެވެ. އަދި އެމްޑީޕީން ހުށަހެޅި ގަރާރު އޮތީ މަޖިލީހުގެ ގަވާއިދާ ހިލާފަށް ކަމަށް ވިދާޅުވެ އެ ގަރާރު ގަވާއިދާ އެގޮތަށް އަލުން ހުށަހެޅުމަށް އަންގަވައި މަޖިލިސް ޖަލްސާ ނިންމަވައިލެއްވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު