ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެކުލަވާލާ ސަރުކާރުގެ މަގާމުތަކާ ހަވާލުވެވަޑައިގަތުމުން ރައްޔިތުން މަޖިލީހުގެ ހަ މެމްބަރެއްގެ ގޮނޑި ހުސްވެއްޖެއެވެ.

ރައީސް އޮފީހުގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓްރީ އޮފް ޑިފެންސް މިނިސްޓަރަކަށް މުހައްމަދު ޣައްސާން މައުމޫން، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑުގެ މިނިސްޓަރަކަށް މުހައްމަދު ސައީދު، މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްގެ މިނިސްޓަރަކަށް އަހުމަދު ޝިޔާމް، އެޓާނީ ޖެނެރަލްގެ މަގާމަށް އަހުމަދު އުޝާމް އަދި މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަންމަންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓަރަކަށް އާދަމް ޝަރީފު ވަނީ އައްޔަން ކުރައްވައިފައެވެ.

މިނިސްޓަރުގެ މަގާމަށް އައްޔަން ކުރެއްވުމުގެ ކުރިން ޣައްސާން ހުންނެވީ ގުރައިދޫ ދާއިރާގެ މަޖިލިސް މެމްބަރަކަށެވެ. މާވަށު ދާއިރާގެ މަޖިލިސް މެމްބަރު ކަމުގައި ސައީދު ހުންނެވި އިރު، ޝިޔާމް ހުންނެވީ ނައިފަރު ދާއިރާގެ މަޖިލިސް މެމްބަރުގެ މަގާމުގައެވެ. އާދަމް ޝަރީފު، މަޑުއްވަރީ ދާއިރާގެ މެމްބަރު ކަމުގައި އަދި އުޝާމް ހުންނެވީ ވިލިމާލެ ދާއިރާގެ މެމްބަރަކަށެވެ.

އެ ހުރިހާ ބޭފުޅުން ވަނީ މިނިސްޓަރުގެ މަގާމަށް އައްޔަން ކުރެއްވުމުގެ ގަޑިއިރުތަކެއް ކުރިން މެމްބަރުކަމުން އިސްތިއުފާ ދެއްވައިފައެވެ. އަދި ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު ވެސް ވަނީ މަޖިލީހުގެ ފަރެސްމާތޮޑާގެ މެމްބަރުން ކަމުން އިސްތިއުފާ ދެއްވައިފައެވެ. އެއާއެކު މަޖިލީހުގެ ހަ ދާއިރާއެއްގެ ގޮނޑި މިވަނީ ހުސްވެފައެވެ.

އެހެންކަމުން މިހާރު ޕީޕީއެމް/ޕީއެންސީއަށް ނިސްބަތްވާ މަޖިލިސް މެމްބަރުންގެ އަދަދަކީ ފަހެކެވެ.

ޖުމްހޫރީ މައިދާނުގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި ރައީސް މުއިއްޒު އަދި ނައިބު ރައީސް ހުސެއިން، މަގާމުގެ ހުވާ ކުރެއްވީ ހަވީރު 4:45 ގައެވެ. ކެބިނެޓް މިނިސްޓަރުން ހުވާ ކުރެއްވި ރަސްމިއްޔާތު ބޭއްވީ ރައީސް އޮފީހުގައެވެ. އެ ރަސްމިއްޔާތު އޮތީ މިރޭ 7:30 ގައެވެ.