ސަރުކާރުގެ ތެރޭގައި ހިނގާ ހިޔާނާތުގެ މައްސަލަތައް ބަލައި އެކަންކަން ހުއްޓުވުމުގެ ބޭނުމުގައި "ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނު" ފާސްކޮށް އަމަލުކުރަން ފެށީ 2000 ވަނަ އަހަރުއެވެ. އެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން ސަރުކާރުން ކުރާ ކަމަކާ ގުޅިގެން ރިޝްވަތު ދިނުމާއި ރިޝްވަތު ހިފުމުގެ މައްސަތަކާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާ ގުޅުންހުރި ރިޝްވަތުގެ މައްސަލަތަކާއި، ޝަރުއީ ދާއިރާއަށް އަމާޒުކުރެވޭ ރިޝްވަތުގެ މައްސަލަތައް އަދި އަމިއްލަ ފަރާތަކުން، ކުރާ ކަމެއްގެ ސަބަބުން ސަރުކާރަށް ނުވަތަ ސަރުކާރުގެ ކުންފުންޏަކަށް އަމާޒުވާ ރިޝްވަތުގެ މައްސަލަތައް ތަހުގީގުކުރަންވާނެއެވެ. ސަރުކާރު ކުންފުންޏެއްގައި ހުރެ، ނުވަތަ ސަރުކާރުގެ ވުޒާރާއެއްގެ މަގާމުގައި ހުރެ އެހެން މީހަކަށް ނުވަތަ ތިމާ މީހާއަށް ނާޖާއިޒު ފައިދާ ހޯދައިދިނުން ފަދަ ހުރިހާ މައްސަަލައެއް ބެލުމުގެ ބާރު ލިބިގެންވަނީ 2008 ވަނަ އަހަރު ފާސްކުރި "އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ބިލް" ގާނޫނުގެ ދަށުން އުފެއްދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށެވެ.
އޭސީސީގެ މަސްއޫލިއްޔަތުގެ ތެރޭގައި ކޮރަޕްޝަންގެ މައްސަލަތައް ބަލައި ތަހުގީގު ކުރުމާއި އެފަދަ މައްސަލަތަކުގައި ދައުވާ ކުރެވޭ މިންވަރަށް ހެކި ލިބިއްޖެނަމަ ޕްރޮސިކިއުޓާ ޖެނެރަލް އޮފީހަށް ފޮނުވުން ހިމެނެއެވެ. ކޮރަޕްޝަންގެ ގެއްލުމާއި ނުބައިކަމުގެ މައްޗަށް އާންމުން ހޭލުންތެރިކުރުވައި، ދައުލަތް ހިންގުމުގައި ތެދުވެރިކަމާއި އަމާނާތްތެރިކަން ކުރިއެރުވުމަކީ ވެސް އޭސީސީގެ މަސްއޫލިއްޔަތަކެވެ. އޭސީސީގެ އަމާޒުތަކުގެ ތެރޭގައި ކޮރަޕްޝަންގެ އަމަލު ހިންގާ ފަރާތްތަކާމެދު ތަފާތު ކުރުމެއްނެތި ފިޔަވަޅުއެޅުމާއި ކޮރަޕްޝަންގެ އަމަލުތަކަށް މަގުފަހި ނުވާނެ ގޮތަކަށް ދައުލަތުގެ ހިންގުން ބައްޓަން ކުރުން އަދި ކޮރަޕްޝަންގެ ސަބަބުން ގެއްލިގެންދާ ދައުލަތާއި ފަރުދުންގެ ހައްގުތައް އިޔާދަކޮށް ހިމާޔަތްކޮށް ނަޒާހަތްތެރި މުޖުތަމައެއް ބިނާކުރުން ހިމެނެއެވެ.
އެކަމަކު އޭސީސީއަށް އެ ޒިންމާ އަދާކުރެއްވިއްޖެތޯ ރައްޔިތުން އަންނަނީ ސުވާލު އުފައްދަވަމުންނެވެ. މިދިޔަ އަހަރު ތަކުގެ ތެރޭގައި، އޭސީސީގެ އަޑެއްބަޑެއް ނީވި އޮވެފައި، ރިޔާސީ އިންތިހާބާ ހަމައިން، ހަރަކާތްތެރިވާން ފެށުމުން ގިނަ ބައެއްގެ ފާޑު ކިޔުން ވަނީ އަމާޒުވެފައެވެ. ސަބަބަކީ އޭސީސީއަކީ ވަކި ދުވަސްވަރެއްގައި ހަރަކާތްތެރިވާން ޖެހޭ މުއައްސަސާއަކަށް ނުވުމުންނެވެ. ސަރުކާރު އަދި ސަރުކާރު ކުންފުނިތަކަށް އަމާޒުވި ކޮރަޕްޝަންގެ ގިނަ މައްސަލަތުގައި އޭސީސީގެ ބަހެއް އާންމުންނާ ހަމައަށް ފޯރައިފައެއްނުވެއެވެ. ވެންޓިލޭޓަރު ހިޔާނަތް ފަދަ މައްސަލަތަކުގައި ކޮންމެވެސް ވަރަކަށް ވާހަކަ ދެއްކި ނަމަވެސް ގާނޫނީ ޒިންމާ އަދާކުރެވިފައެއްނުވެއެވެ. އެ ހިޔާނާތުން ގެއްލުނު ފައިސާ އަނބުރާ ހޯދިފައިނުވާއިރު، އޭސީސީން ކުރި ތަހުގީގުގައި ދައުވާ ކުރެވޭ މިންވަރަށް ހެކި ނެތް ކަމަށް ބުނެ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ވަނީ އެ ހިޔާނާތުގެ މައްސަލައިގައި ތުހުމަތުކުރެވޭ ގިނަ މީހުންގެ މައްސަލަ އަނބުރާ ފޮނުވާލައިފައެވެ.
ފާއިތުވި ދެތިންހަތަރު އަހަރު ތެރޭގައި، މައުލޫމާތު ހާމަނުކުރާ މިންވަރަށް، ރިޔާސީ އިންތިހާބުން ފެށިގެން އޭސީސީން އަންނަނީ މައުލޫމާތު ހާމަކުރަމުންނެވެ. އޭސީސީން މި ދުވަސްވަރު ކުރިއަށްވުރެ ބޮޑަށް ހަރަކާތްތެރިވެ މައްސަލަތައް ބަލަމުން އަންނަ ސަބަބާ ގުޅިގެން އެ ކޮމިޝަންގެ ބަހެއް ލިބިފައެއްނުވެއެވެ. ބަހެއް ހޯދަން ކުރި މަސައްކަތުން ލިބުނު ޖަވާބަކީ "ރެޑީކޮށްފަ ޓެކްސް ފޮނުވައިދޭނަން" ކަމަށެވެ. ދައުލަތުގެ އެހާމަ މުހިންމު މުއައްސަސާއަކުން އަދި ގާނޫނީ ގޮތުން އެތައް ޒިންމާތަކެއް މަތިކޮށްފައިވާ މުއައްސަސާއެއްގެ އެ ޖަވާބަކީ ޑިމޮކްރެޓިކް ހަމަތަކެއް ގަބޫލުކުރާ މުޖުތަމައެއްގެ ތެރޭގައި ބަލައިގަނެވޭ ޖަވާބެއް ވެސް ނޫނެވެ. އަދި މުޖުތަމައުގެ ތެރޭގައި ނަޒާހަތްތެރިކަން ކުރިއެރުވުމުގެ ޒިންމާ މަތިކޮށްފައިވާ މުއައްސަސާއަކުން ދޭން ޖެހޭ ފަދަ ޖަވާބެއްވެސް ނޫނެވެ. އެކަމުގެ ސަބަބުން ގެއްލިގެންދަނީ ދައުލަތުގެ ޓްރާންސްޕޭރެންސީއެވެ.
ގާނޫނީގޮތުން އޭސީސީ ޖަވާބުދާރީކުރުވުމުގެ ޒިންމާ މަތިކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހަށެވެ. މަޖިލީހުގެ މިނިވަން މުއައްސަސާތަކެބޭ ކޮމިޓީގެ މެންބަރެއް ކަމަށްވާ ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް "ވަން" އަށް ވިދާޅުވީ އޭސީސީ ޒިންމާދާރުކުރުވުމުގައި، މިނިވަން މުއަސަސާތަކާބެހޭ ކޮމިޓީ ވެސް ވަރަކަށް ފެއިލިވެފައިވާ ކަމަށެވެ. އެގޮތުން ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް އޭސީސީ ޖަވާބުދާރީ ކުރުވުމުގެ މަސައްކަތް ކޮމިޓީން ފާއިތުވި އަހަރުތަކުގައި ކޮށްފައި ނުވާކަމަށް އޭނާ ވިދާޅުވިއެވެ.
އޭސީސީ ރަނގަޅަށް ފަންކްޝަން ކުރެވިގެން ނޫނީ ދައުލަތް ނަޒާހަތްތެރި ގޮތެއްގައި ނުހިނގާނެ ކަމަށް އުޝާމް ވިދާޅުވިއެވެ. މިހާރު އެ ކުރާ ގޮތަށް ކުރިން ވެސް އޭސީސީން މައުލޫމާތު ހާމަކުރަމުން ގެންދިޔަނަމަ ކޮރަޕްޝަންގެ އަމަލުތައް މަދުވާނެ ކަމަށް އުޝާމް ވިދާޅުވިއެވެ. މައުލޫމާތު ހާމަކުރުމުގެ ސަބަބުން އެހެން ފަރާތްތަކުން ކޮރަޕްޝަންގެ އަމަލުތައް ހިންގުމަށް ޖެހިލުންވާނެ ކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.
"އަޅުގަނޑު ދެކޭ ގޮތުގަ މި ދުވަސްވަރު އޭސީސީން މައުލޫމާތު ހާމަކުރާ ވަރަށް ކުރިން މައުލޫމާތު ހާމަ ނުކުރާތީ، އެ ހީވަނީ މި ދުވަސްކޮޅު ވަކިން އޭސީސީން މަސައްކަތް ކުރާ ކަމަށް. އޭސީސީން މިހާރެކޭ އެއްގޮތަށް ކުރިން މައުލޫމާތު ހާމަކުރިނަމަ، ރައްޔިތުންގެ އިތުބާރު ލިބޭނެ" އުޝާމް ވިދާޅުވިއެވެ.
"އޭސީސީއަކީ ވަކި ދުވަސް ވަރެއްގައި ހަރަކާތްތެރިވާން ޖެހޭ ތަނެއް ކަމަކަށް ނުދެކެން. އަބަދުވެސް ހަރަކާތްތެރިވާން ޖެހޭ. އެކަމަކު ވަރަށް މަޑުން އޮތުމަށްފަހު މިހާރު މައްސަތަކެއް ބަލައި އެކަން ހާމަކުރަމުން އެދަނީ" އުޝާމް އިތުރަށް ވިދާޅުވިއެވެ.
އުޝާމް ގަބޫލުކުރައްވާ ގޮތުގައި ފާއިތުވި އަހަރުތަކުގައި ހިޔާނާތުގެ ބޮޑު އެއްވެސް މައްސަލައެއް އޭސީސީން އެދެވޭ ގޮތެއްގައި ތަހުގީގުކޮށްފައެއް ނުވެއެވެ.
ދައުލަތުގެ ތިން ބާރުގެ ވެރީންނާ ހިސާބުން، ފެށިގެން ސަރުކާރުގެ އެންމެ އާދައިގެ މުވައްޒަފާ ގުޅުން ހުރި ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ފުރިހަމަ ބާރު ގާނޫނުން ވަނީ އޭސީސީއަށް ދީފައެވެ. އެހެންކަމުން އޭސީސީއަކީ ރައްޔިތުން އިތުބާރުކުރާ މުއައްސަސާއަކަށް ވާން ޖެހެއެވެ. ކޮރަޕްޝަންގެ އަމަލެއް ހިންގައިފިނަމަ އެކަމެއް ތަހުގީގުކޮށް، ނަޒާހަތްތެރި ދައުލަތެއް ގާއިމުކުރާނެ ކަމުގެ ޔަގީންކަން ރައްޔިތުންގެ ހިތްތަކަށް ވައްދައިދޭން ޖެހެއެވެ. ހަގީގަތަކީ އޭސީސީއަކީ އެއްވެސް އިރެއްގައި ރައްޔިތުންގެ އިތުބާރު ލިބިފައިވާ މުއައްސަސާއެއް ނޫނެވެ. ރައްޔިތުން ދެކެނީ އެއީ "ނަމަކަށް މިނިވަން މުއައްސަސާއެއް" ކަމަށެވެ.
އޭސީސީއަށް ރައްޔިތުންގެ އިތުބާރު ހޯދޭނީ ވަކި ދުވަސްވަރެއްގެ ބަދަލުގައި ހުރިހާ ދުވަހަކު ވެސް ހަރަކާތްތެރިވެގެންނެވެ. ހިޔާނާތުގެ މައްސަލަތައް ތަހުގީގު ކުރަމުންދާކަމާއި، އެ މުއައްސަސާއަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން ނިންމާ ނިންމުންތައް އެއްވެސް ފޮރުވުމެއް ނެތި ހާމަކޮށްގެންނެވެ. ވަކި ދުވަސްވަރެއްގައި "ތިލަ" ވުމުން ތުހުމަތު ވަނީ މަގާމު ދިފާއު ކުރައްވަން އުޅުއްވަނީ ކަމުގައެވެ. އާ ސަރުކާރުގެ ރުހުން ހޯދަން އުޅެނީ ކަމުގަ އެވެ. ކުރީން ބަހެއް ނުބުނެ ތިބީ އެއިރުގެ ވެރީން ނުރުހިދާނެތީ ކަމުގައެވެ. އެހެން ނޫން ނަމަ އެއިރުވެސް ބަސް ބުނާނެ އެވެ. މައްސަލަތައް އުފަންވީ މިއަދަކު ނޫނެވެ.
ރިޕޯޓް
ރިޕޯޓް
ރިޕޯޓް
ރިޕޯޓް