ކޮލަމް

ފަޅިފަޅިއަށް ފަޅި! ކޮބާ ކޮން ފަޅިއެއް؟

އަލިފު ސީނު

1

މިހާރު އެންމެ އާންމު ސުވާލަކީ މިއެވެ؛ އެންމެން ކުރާ ސުވާލަކީ މިއެވެ؛ އެމްޑީޕީގެ މީހަކާ ދިމާވެއްޖެ ނަމަ އަމުދުން އެންމެ ފުރަތަމަ ވެސް އަހައިލެވެނީ ވެސް މިހެންނެވެ: "ކޮބާ، ކޮން ފަޅިއެއް؟"

އެންމެ ފަހުން އެމްޑީޕީގެ ތެރޭގައި ވެސް ވަރުގަދަ ރެނދެއް މި ލީ އެވެ. މިއީ ރައީސް އިބްރާހިމް މުހަންމަދު ސޯލިހު ވެރިކަމަށް ވަޑައިގަތީއްސުރެ، ލީޑަޝިޕްގައި ކޯޅުންތައް މަޑުމަޑުން ބޮޑުވަމުން އައިސް މިއަދު އޮތް ހާލަތެވެ. އެމްޑީޕީގެ އާންމު މެންބަރުންގެ ތެރޭގައި މި ނުތަނަވަސްކަން އޮތީ އިންތިހާ އަށެވެ. އެމްޑީޕީ އަށް ބޮޑުތަނުން ވަފާތެރި ބައެއް މީހުން އަދި މެންބަރުން މި ހަގީގަތް ގަބޫލުކުރަން ބޭނުން ނުވިޔަސް، އެމްޑީޕީގެ ރައީސް މުހަންމަދު ނަޝީދާއި ރައީސް ސޯލިހާ ދޭތެރޭ ދުޅަހެޔޮ ގުޅުމެއް ނެތެވެ. އެއަށް ވުރެ ބޮޑަށް ހުޅު ފަޅައިގެން ގޮސްފި އެވެ. މި އަލިފާންގަނޑުގެ ގިނި މާ ބޮޑަށް ގަދަވެސް ވެއްޖެ އެވެ.

މިހާރު އެމްޑީޕީ އޮތީ ތިން ބަޔަށް ބެހިފަ އެވެ. އެއް ބަޔަކީ ރައީސް ސޯލިހަށް ވަފާތެރި ބައެކެވެ. ދެން އޮތީ ރައީސް ނަޝީދަށް ވަފާތެރި ބައެކެވެ. "ކޮބާ، ކޮން ޕާޓީއެއްހޭ އަހައިފި ނަމަ" ތިން ވަނަ ފަރާތުގެ ޖަވާބަކީ، އެއްވެސް ކޮޅެއް ނޫން ކަމެވެ. އެއީ، ރަތްލާ ޖެހި އެމްޑީޕީ މެންބަރުން ބުނާ ގޮތެވެ. އެކަމަކު ބެލެވޭ ގޮތުގައި އެއީ އެމްޑީޕީގެ ތެރެއިން ވަރަށް މަދު ބައެކެވެ.

އެހެން ޕާޓީތަކެކޭ ވެސް އެއްގޮތަށް، އެމްޑީޕީގެ އެތެރެ ބައިބައިވާން ޖެހުނު ސަބަބާ ބެހޭ ގޮތުން މާ ބޮޑު ތަފުސީލަކަށް ދާކަށް ނުޖެހެ އެވެ. އެކަން އޮތީ ސާފުކޮށް ފެންނާށެވެ. އޭގައި އޮތީ، ހަމަ އެންމެ ސަބަބެކެވެ. ވެރިކަމުގެ ބާރުގެ ތަޅާފޮޅުމެވެ. ރައީސް ނަޝީދު ވަރަށް ފާޅުގައި ވިދާޅުވެފައިވާ ގޮތުގައި ވެރިކަމުގެ ބާރާ ދުރުގައި ހުންނަވާކަށް އެމަނިކުފާނު ބޭނުންފުޅެއް ނޫނެވެ. އެހެންވެ އެމަނިކުފާނު އެ ގެންދަވަނީ ވެރިކަމަށް ވަޑައިގެންނެވޭނެ ހުރިހާ ގޮތެއް ބައްލަވަމުންނެވެ. އަނެއްކޮޅުން، އެމްޑީޕީގެ އެންމެ އިސް ފަރާތް، ރައީސް ސޯލިހު އެ ގެންދަވަނީ ދެވަނަ ދައުރަކަށް ތައްޔާރުވެ ވަޑައިގަންނަވަމުންނެވެ. އެހެންވެ، ދެބޭފުޅުން އެކުގައި ތިއްބެވި ފޮޓޯގަނޑު މެދުން އިރައިގެން ދިއުން ނުވަތަ އިރައިލުން ނޫން ގޮތެއް މިކަމަކު ނެތެވެ.

ރައީސް ނަޝީދު މީގެ ދެ ދުވަސް ކުރިން ވިދާޅުވެފައިވާ ގޮތުގައި އެމަނިކުފާނަށް ސިޔާސީ ގޮތުން ރައީސް ސޯލިހާ އެކު ހުންނެވޭނެ ގޮތެއްވެސް މިހާރަކު ނެތެވެ. އޭގެ އެންމެ ފުން މާނައަކީ ދެ ބޭފުޅުން ވަކިވެވަޑައިގަތްކަން ރަސްމީގޮތުން އިއުލާނުކުރެއްވުމެވެ.

ދެން އޮތް ސުވާލަކީ، އެމްޑީޕީގެ ތެރެއިން ކުރި ހޯދާނީ ކޮން ބޭފުޅެއްތޯ އެވެ؟ އެކި މީހުން އެކި ފޯމިއުލާތައް މިހާރު އޮންނާނީ ހަދައިފަ އެވެ. މިއީ ވަރަށް ހޫނު ބަހުސެއް ވެސް މެ އެވެ.

ސަރުކާރެއްގެ ވެރިޔަކާ ދެކޮޅަށް، ރައީސުލްޖުމްހޫރިއްޔާއަކާ ދެކޮޅަށް، އެ ސަރުކާރެއް ދެމިއޮއްވައި ޕާޓީތެރެއިން ނުކުންނެވި އެއްވެސް ބޭފުޅަކަށް ކާމިޔާބު ލިބިފައި ނެތް ކަން ތާރީހުން އެބަ ހެކިވެ އެވެ. ސަރުކާރެއް މި ވައްޓައިލެވެނީ ވޯޓުންނެވެ. އެހެންވެ، ވޯޓާ ހަމައަށް ދާއިރު އެމްޑީޕީގެ ތެރެއިން ކުރި ހޯދުން، މިއީ މި ރޭހުގެ އެންމެ ކުރީ ސަފުގައި އޮތް މައުލޫއެވެ. ދެން އޮތް އަނެއް ސުވާލަކީ، އެމްޑީޕީ ނަމަ، އެ ޕާޓީގެ އެންމެ މުހިންމު ގުނަވަން ކަމަށްވާ ގައުމީ މަޖިލިސްގެ ކޮންޓްރޯލް ހޯދަން ފަސޭހަ ވާނީ ކޮން ބޭފުޅަކަށްތޯ އުފެދޭ ސުވާލެވެ؟

އަޑުތައް އިވޭ ގޮތުން ރައީސް ސޯލިހު މިހާރުވެސް ވަނީ ގައުމީ މަޖިލީހުގެ ސާފު ކޮންޓްރޯލް ހޯއްދަވައިފަ އެވެ. ރައީސް ނަޝީދު މީގެ ދެ ދުވަހެއް ވަރު ކުރިން އެ ވިދާޅުވި ބަސްފުޅުތަކާއި އެ އުދާސްތައް ގުޅިފައި ވަނީ އެކަމާ އެވެ. ގަބޫލު ކުރެވޭ ގޮތުގައި، ރައީސް ނަޝީދު މިހާރު އެ ވިދާޅުވާ ވާހަކަފުޅުތައް އެ ވިދާޅުވަނީ، އެމަނިކުފާނުގެ އުއްމީދުތަކާއި ހުވަފެންތަކަށް އެމްޑީޕީ ތެރެއިން ކުރިއެރުމެއް ލިބެން ނެތުމުން ކަމަށް ބެލެވެ އެވެ. އަދި ނަޝީދު އެމަނިކުފާނުގެ ސިޔާސީ ހަތުރުންގެ އެހީތެރިކަމަށް އެދިވަޑައިގަތީ ވެސް އެހެން އެއްވެސް ގޮތެއް ނެތުމުން ކަމަށް ބެލެވެ އެވެ. ރައީސް ސޯލިހު ދޫދެއްވަން ހުންނެވި ނަމަ، ނަޝީދުގެ ފުރަތަމަ ސިޓީފުޅު ދާނީ ރައީސް ސޯލިހަށް ކަން ކަށަވަރެވެ.

ބައެއް މީހުން ގަބޫލުކުރާ އެހެން ވިސްނުމެއް ވެސް އެބައޮތެވެ. މިއީ އެ ދެބޭފުޅުން ގުޅިވަޑައިގެން ކުޅުއްވާ ގޭމެއް ކަމެވެ. މިއީ ބޮޑު ޗަރުކޭހެއް ކަމެވެ. އާޚިރުގައި ވެރިކަމުގެ ނިޒާމު ފުރޮޅާލައި، ބޮޑުވަޒީރު ކަމުގައި ނަޝީދު، އަދި ރައީސް ކަމުގައި ސޯލިހު ހުންނަވާނެ އެވެ. އެކަމަކު އެހެން ވިސްނާ މީހުންނަށް ނުވިސްނޭ އެއްކަމަކީ، މިގޮތަށް ކޯޅޭ ކޯޅުންތަކުން ޕާޓީއަށް އިންތިހާއަށް ގެއްލުން ލިބޭނެ ކަމެވެ. މި ގޭމް ނުކުޅުއްވިޔަސް، އެ ދެބޭފުޅުންނަށް ބޭނުންފުޅު ކަމެއް ކުރެއްވޭނޭ މަގު އެބައޮތެވެ. ނިޒާމް ބަދަލުކޮށްލުމުގެ ފުރުސަތު ވެސް ވަރަށް ރީއްޗަށް އެބައޮތް ކަން އެއީ ސާފުކޮށް ފެންނަން އޮތް ކަމެކެވެ. އެހެންކަމުން މި ވިސްނުމަށް މަސައްކަތް ކުރާ ނަމަ، މާ ގިނަ ގޭމް ތަކެއް ކުޅުއްވަން ޖެހިވަޑައިގަންނަވާކަށް ނުޖެހެ އެވެ.

މިއީ، މީގެ ފަސް އަހަރެއްހައި ދުވަސް ކުރީން، ރައީސް މައުމޫން އަބްދުލްގައްޔޫމާއި އޭރު ރައީސް ކަމުގައި ހުންނެވި އަބްދުﷲ ޔާމީނާ ދޭތެރޭ ވެސް ހަމަ މިކަހަލަ ކަންތައްގަނޑެއް ހިނގިއިރު ދެއްކި ކަހަލަ ވާހަކަތަކެކެވެ. އެކަމަކު އާޚިރުގައި ނިމިގެން ދިޔައީ އާންމުން ހީވެސް ނުކުރާ ކަހަލަ ގޮތަކަށެވެ.

އެމްޑީޕީގެ ވަރަށް ގިނަ ބަޔަކު މިހާރު ތިބޭނީ ވަރަށް ބޮޑު ޝޮކެއްގައެވެ. މިއީ އެމްޑީޕީ ކަހަލަ ޕާޓީއަކަށް ދިމާވެދާނެ ކަމެއް ކަމަކަށް އެ ޕާޓީގެ ވަރަށް ގިނަ މެންބަރުން ގަބޫލެއް ނުކުރާނެ އެވެ. އެކަމަކު ގަބޫލުކުރަންވީ ކަމަކީ މިއެވެ. މިއީ ސިޔާސީ ކަންކަން ކަމެވެ. ކޮންމެ ފަދަ ކަމެއް ވެސް ފެނިދާނެ ކަމެވެ.

ރައީސް ނަޝީދާއި ރައީސް ސޯލިހަކީ ވަރަށް ގާތް ދެ ރަހުމަތްތެރިންނެވެ. ދެބޭފުޅުން ސިޔާސީ ގޮތުން ދެފަޅިއަށް އެރުމަކީ ގަބޫލު ކުރެވޭ ވަރުގެ ކަމެއް ކަމަށް ނުވިޔަސް، އެ ހަގީގަތް މިހާރު ގަބޫލުކުރަންވީ އެވެ. "ވެރިކަމުގެ ލައްޒަތު" މިއީ ހަމައެކަނި ބަހެއް ނޫނެވެ. އެއީ އާދަޔާ ހިލާފު ލައްޒަތެއް ލިބޭ ކަމެއް ވެސް މެ އެވެ.