ޖިންސީ ގޯނާގެ ދައުވާތަކެއް އުފުލާފައިވާ ކުރީގެ ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް ކުރިއަށްގެންދާ ޝަރީއަތުގެ އަޑުއެހުމެއް މާދަމާއަށް ކުރިމިނަލް ކޯޓުގައި ތާވަލު ކޮށްފިއެވެ.
އެ މައްސަލައިގެ އަޑުއެހުމެއް ކުރިމިނަލް ކޯޓުގައި ތާވަލު ކޮށްފައި މިވަނީ، މައްސަލައިގެ އަޑުއެހުންތައް އޮންލައިން ކޮށް ކުރިއަށް ގެންދާ މައްސަލައިގެ އިސްތިއުނާފު ހައިކޯޓުން ބޭރުކޮށްލާފައި ވަނިކޮށެވެ.
އެ މައްސަލަ ހައިކޯޓުން ބޭރުކޮށްލީ، މިދިޔަ ބުރާސްފަތި ދުވަހުއެވެ.
އަލީ ވަހީދުގެ ޝަރީއަތް އޮންލައިންކޮށް ކުރިއަށް ގެންދިއުމަށް އެ މައްސަލަ ބައްލަވާ ކުރިމިނަލް ކޯޓުގެ ގާޒީ ހަސަން ސައީދު ނިންމެވީ، ބޭސްފަރުވާގެ ކަންކަން ނުނިމޭ ކަމަށް ވިދާޅުވެ، ކްރިމިނަލް ކޯޓަށް މެޑިކަލް ލިޔުންތަކެއް ހުށަހަޅައި، އެ މައްސަލަ އޮންލައިންކޮށް ކުރިއަށްގެންދިއުމަށް އަލީ ވަހީދުގެ ފަރާތުން ހުށަހެޅުމާ ގުޅިގެންނެވެ.
އެކަމާ ގުޅިގެން ގާޒީ ހަސަން ސައީދު ނިންމަވާފައި ވަނީ އަލީ ވަހީދު ލަންޑަނުގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނަށް ހާޒިރުކޮށްގެން ޝަރީއަތް އޮންލައިންކޮށް ކުރިއަށް ގެންދިއުމަށެވެ.
އެގޮތަށް މީގެ ކުރިން ވަނީ އަލީ ވަހީދުގެ ޝަރީއަތުގެ އަޑުއެހުމެއްް ބާއްވައިފައެވެ.
ނަމަވެސް އެކަމާ ގުޅިގެން ޕީޖީ އޮފީހުން ބުނީ ރާއްޖޭގެ ގާނޫނު ނުހިނގާ ތަނެއްގައި ހުރި މީހެއްގެ މައްޗަށް ވީޑިއޯ ކޮންފަރެންސްކޮށް ޖިނާއީ މައްސަލައެއްގެ ޝަރީއަތުގެ އަޑުއެހުމެއް ބޭއްވި މިއީ ފުރަތަމަ ފަހަރު ކަމަށެވެ. އެއީ ޖިނާއީ އިޖުރާއަތުގެ ގާނޫނު ދަންނަ ކަމަކަށް ނުވާތީ އެގޮތަށް ޝަރީއަތް ކުރިއަށް ނުގެންދެވޭނެ ކަމަށްވެސް ޕީޖީ ވިދާޅުވިއެވެ.
މާދަމާ އަލީ ވަހީދުގެ މައްސަލައިގެ އަޑުއެހުމެއް ތާވަލު ކޮށްފައިވާއިރު، އޭނާގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރެއް ކްރިމިނަލް ކޯޓުން ނެރެ ނުދިން މައްސަލަ ވެސް ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ)ގެ އޮފީހުން ވަނީ ހައި ކޯޓުގައި އިސްތިއުނާފު ކޮށްފައެވެ.
މާދަމާގެ އަޑުއެހުން ކްރިމިނަލް ކޯޓުގައި ތާވަލު ކޮށްފައިވަނީ މެންދުރުފަހު 3:00 އަށެވެ.
ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކޮށްފައިވާ ތުހުމަތުތަކެއް އަލީ ވަހީދުގެ މައްޗަށް ކުރުމާ ގުޅިގެން އެ މައްސަލައިގެ ތަހުގީގު ނިމެންދެން އޭނާ ފުރުން މަނާކޮށް ޕާސްޕޯޓު އޮތީ ހިފަހައްޓައިފައެވެ.
ނަމަވެސް ކޯޓުގައި އަލީ ވަހީދު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފުރާވަޑައިގަތުމުގެ ހުއްދައަށް އެދިވަޑައިގަތުމުން ކްރިމިނަލް ކޯޓުން ވަނީ ޕާސްޕޯޓު ހިފެހެއްޓުމަށް ނެރުނު އަމުރު ބާތިލުކޮށްފައެވެ.
އެކަމާ ގުޅިގެން އަލީ ވަހީދު ފުރައިގެން ދިޔަގޮތަށް މިހާތަނަށްވެސް ރާއްޖެ އައިސްފައި ނުވާތީ ކަމާބެހޭ ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
އަލީ ވަހީދުގެ މައްޗަށް ޖިންސީ ގޯނާގެ ހަތް ދައުވާއެއް ދައުލަތުން ވަނީ އުފުލައިފައެވެ.
ކްރިމިނަލް ކޯޓް
ކްރިމިނަލް ކޯޓް
ކްރިމިނަލް ކޯޓް