އިދިކޮޅު މައި ޕާޓީ، ޕީޕީއެމުން އެމްޑީޕީއާ އަދި އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދާ އެކު ހަދާނެ ޑީލެއް ނޯންނާނެ ކަމަށް ޕީޕީއެމްގެ ނައިބް ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީން ރޭ ގެނެސްދިން ޕްރޮގްރާމެއްގައި ޝިޔާމު ވިދާޅުވީ، ޕީޕީއެމަކީ ގައުމީ ބިނާކުރުމުގެ ފިކުރެއް ގެންގުޅޭ ޕާޓީއެއް ކަމަށާއި ނަމަވެސް އެމްޑީޕީން މަސައްކަތް ކުރަމުންދަނީ އެއާ މުޅިން އިދިކޮޅަށް ކަމަށެވެ. އެހެންކަމުން އެ ދެ ޕާޓީ އެކުވެގެން ކުރާނެ ކަމެއް ނޯންނާނެ ކަމަށް ވިދާޅުވިއެވެ.

"ޕީޕީއެމަކުން ރައީސް ނަޝީދާއި އެމްޑީޕީއާ އެކު ހަދާނެ ޑީލެއް ނޯންނާނެ،" ޝިޔާމު ވިދާޅުވިއެވެ.

ގައުމު މިހާރު މިއޮތީ ސިޔާސީ ފަރާތްތައް މަޝްވަރާ ކޮށްގެން ކުރިއަށް ދިއުމަށް ވަރަށް ބޭނުންވެފައިކަން ފާހަގަކޮށް ޝިޔާމް ވިދާޅުވީ، އިދިކޮޅުން އަބަދަވެސް އެކަމަށް މަރުހަބާ ކިޔާނެ ކަމަށެވެ. ނަމަވެސް ޕީޕީއެމުން އެ މަޝްވަރާއަށް ދާނީ އެޕާޓީގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ޔާމީންއާ އެކުގައި ކަމަށް ވިދާޅުވިއެވެ.

ޝިޔާމު ވިދާޅުވި ގޮތުގައި، ރާއްޖެ މިހާރު އޮތް ހާލަތުން އަރައިގަތުމަށް މި ވަގުތަށް ކުރަން އެންމެ މުހިންމު މަސައްކަތަކީ ރައީސް ޔާމީން މިނިވަން ކުރުމެވެ. އަދި އަމާން ބަނދަރަކަށް ރާއްޖެ ގެންގޮސްދެވޭނެ ހަމަ އެކަނި ސިޔާސީ ލީޑަރަކީ ރައީސް ޔާމީން ކަމަށްވެސް ވިދާޅުވިއެވެ.

"އެހެންވީމަ ރައީސް ޔާމީން މިނިވަންކުރުން މި އަންނަނީ އަޅުގަނޑުމެންގެ އެޖެންޑާގެ އެންމެ ކުރިއަށް. އެއީ ދިވެހި ރައްޔިތުންގެ އެޖެންޑާގެ އެންމެ ކުރީގައިވެސް އޮންނާނީ ރައީސް ޔާމީން މިނިވަން ކުރުން،" ޝިޔާމް ވިދާޅުވިއެވެ.

ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭ ގޮތުން ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅަށް ރައްދު ދެއްވައި ޝިޔާމު ވިދާޅުވީ، ރިޔާސީ ނިޒާމެއްގެ ތެރެއިން ދެން ރައީސް ނަޝީދަށް ރާއްޖޭގެ ވެރިކަން ލިބުނު އެއީ ވަރަށް ނާދިރު ކަމެއް ކަމަށެވެ. އަދި ރައްޔިތުންނަށް ވައުދުވި ކަންކަން ނުފުއްދުނީ ވެރިކަމުގެ ނިޒާމުގެ ސަބަބުން ކަމަށް ބުނުމަކީވެސް އެކަށީގެންވާ ކަމެއް ކަމަށް ވިދާޅުވިއެވެ.