ފެނަކަ ކޯޕަރޭޝަންގެ ޕްރޮކިއުމަންޓާއި ރެކްރޫޓްމަންޓުގެ ތެރެއިން ކޮރަޕްޝަންގެ އަމަލުތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރާ މައްސަލަ އިތުރަށް ނުބަލަން ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީން ނިންމައިފިއެވެ.
އެސްއޯއީ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒް ވިދާޅުވީ މި މައްސަލައިގައި ރައީސް އޮފީހުން ފިނޭންސް މިނިސްޓްރީ މެދުވެރިކޮށް އެޅި ފިޔަވަޅުތަކެއް އެނގުން މުހިއްމު ކަމަށާއި އެ ފިޔަވަޅުތައް އިސްލާހުކޮށް އެކަންކަމަށް ތަބާވަމުންދޭތޯ ބެލުން މުހިންމު ކަމަށެވެ.
އެކޮމިޓީގެ ނައިބު މުގައްރިރު ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ދީދީ ވިދާޅުވީ ފިނޭންސް މިނިސްޓްރީ އާއި ފެނަކައިގެ ސިޓީތަކުން ފިޔަވަޅު އަޅާފައިވާކަން ސާފުވެފައިވާ ކަމަށާއި އަދި އިސްލާހު ކުރަން އެންގި ކަންކަން ތަންފީޒުކުރަމުން އަންނަ ކަމަށް ބުނެފައިވާ ކަމަށެވެ. އެހެންކަމުން ވަކި ކުންފުންޏެއްގެ މައްސަލަ ބެލުމުގެ ބަދަލުގައި ޕީސީބީ މެދުވެރިކޮށް އެސްއޯއީތަކުގައި ހިމެނޭ ހުރިހާ ކުންފުނިތަކުން ޕްރޮކިއުމެންޓް ރިކުއާމަންޓް އުސޫލާ އެއްގޮތަށް އަމަލުކުރޭތޯ ބެލުން މާ މުހިއްމު ކަމަށެވެ.
"ވަކިން ފެނަކަ އިން އަޅުގަނޑަކަށް ނުފެނޭ އިތުރަށް ފެނަކައިން މި މައްސަލަ ބަލަން ޖެހޭ ކަމަކަށް. ފެނަކައިން އެހުރީ ރައީސް އޮފީހާއި ފިނޭންސް މިނިސްޓްރީގެ ރިކޮމެންޑޭޝަންތަކަށް ފިޔަވަޅުތައް އަޅުއްވާފައި ރަނގަޅުކޮށްފަ،" އޭނާ ވިދާޅުވި އެވެ.
ނައިބް މުގައްރިރުގެ ހުށަހެޅުމަށް ކޮމިޓީގެ އެހެން މެންބަރުން ވެސް ވަނީ ތާއީދުކޮށްފައެވެ. އަދި އެމައްސަލަ އިތުރަށް ނުބަލަން ކޮމިޓީން ނިންމިއެވެ.
ފެނަކަ މައްސަލަ ނުބަލަން އެސްއޯއީ ކޮމިޓީން ނިންމިއިރު، ކޮރަޕްޝަންގެ މައްސަލަތަކާ ގުޅިގެން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަހުމަދު ސައީދު މުހައްމަދު ވަކިކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނިންމަވާފައިވާ ކަމަށް ވަނީ ކަށަވަރުވެފައެވެ.
އިތުބާރުހުރި މަސްދަރަކުން މީގެ ކުރިން "ވަން" އަށް ކަށަވަރުވެފައިވާ ގޮތުގައި ފެނަކައާ ގުޅުންހުރި ކޮރަޕްޝަންގެ މައްސަލަތަކާ ގުޅިގެން ފެނަކައިގެ ހިންގުމަށް ބަދަލު ގެނައުމަށް ރައީސް ވަނީ ނިންމަވައިފައެވެ.
ފެނަކަ ކޯޕަރޭޝަންއާ ގުޅޭ ގޮތުން ހުށަހެޅުނު ވަރަށް ގިނަ މައްސަލަތަކެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބެލުމަށްފަހުގައި ރިޕޯޓެއް ފޮނުވާފައިވާކަން ފާހަގަކުރައްވައި މީގެ ކުރިން ރައީސް ވިދާޅުވެފައިވަނީ އެ ރިޕޯޓުގައި ވަރަށް ގިނަ ކަންތައްތަކެއް ފާހަގަކޮށްފައިވާ ކަމަށެވެ. އަދި އެ ހުރިހާ ކަމަކަށް ބަދަލުތަކެއް ގެންނަން ޖެހޭކަން ފާހަގަކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑު މިދަނީ އެ ރިޕޯޓުގައި (އޭސީސީގެ ރިޕޯޓުގައި) ހުރި ކަންތައް ބަލާފައި އެކަންތައް އިސްލާހު ކުރުމަށް ފިނޭންސް މިނިސްޓްރީ މެދުވެރިކޮށް އެބަދަލުތައް ގެންނަމުން. އަޅުގަނޑު ދޭނަން އެއަށް ވަގުތު. އަޅުގަނޑު ބުނާނަން ވަކި މުއްދަތެއްގެ ތެރޭގައި މީގަ މި ބުނެފައި ހުރި ކަންތައްތައް ބަދަލުކުރަން ޖެހޭނޭ. އެއަށްފަހުގައި އެ ބަދަލުތައް ނުގެންނަ ކަމަށް ވަންޏާ ދެން އަޅަންޖެހޭ ފިޔަވަޅުތައް އަޅުގަނޑު އަޅާނަން،" ރައީސް ވިދާޅުވި އެވެ.
އޭސީސީން އަންނަނީ މިހާރުވެސް ފެނަކަގެ ކޮރަޕްޝަން މައްސަލަތަކެއް ތަހުގީގު ކުރަމުންނެވެ. އެގޮތުން ނަރުދަމާގެ ނިޒާމުގެ މަސައްކަތަށް ކަމުގައި ބުނެ ފެނަކައިން ނުއަގުގައި ހޮޅިތަކެއް ގަތް ކަމަށް ބުނާ ކޮރަޕްޝަންގެ މައްސަލައެއް މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ ހަތް ވަނަ ދުވަހު ވަނީ ބަލަން ފަށައިފައެވެ.
މި ހޮޅިތަކާ ގުޅޭ ކޮމާޝަލް އިންވޮއިސްގެ ކޮޕީއެއް ދައުރުވަމުންދާއިރު، އެއިން އެގޭ ގޮތުގައި އެ ހޮޅިތައް ފެނަކައިން ގަނެފައިވަނީ އަޒްވޯރާ މޯލްޑިވްސް ނަމަކަށް ކިޔާ ކުންފުންޏަކުންނެވެ. އެ ކުންފުނިން އެ ތަކެތި ގަތީ އިންޑިއާގެ ކުންފުންޏަކުން ކަމަށް އޭގައިވެ އެވެ. މި ތަކެތި އިންޑިއާއިން ގަނެފައިވަނީ ހޮޅިއެއް 21.90 ޑޮލަރުގެ މަގުން 700 ހޮޅިއެވެ. ހޮޅިއަކަށް ދިވެހި ރުފިޔާއިން ޖެހޭނީ 337.6 ރުފިޔާއެވެ. ނަމަވެސް ފެނަކައިން އެ ހޮޅިތައް ގަނެފައިވަނީ ހަތް ގުނަ ބޮޑުކޮށް، ހޮޅިއެއް 5،350 ރުފިޔާގެ މަގުން ކަމަށް އެ އިންވޮއިސްގައިވެ އެވެ. އެހެންކަމުން ކޮންމެ ހޮޅިއަކުން 4،640.65 ރުފިޔާގެ ފައިދާއެއް އަޒޯރާ މޯލްޑިވްސް އަށް ލިބިފައިވެ އެވެ.
ފެނަކައިން ނުބައްދަލު ބޮޑު އަގެއްގައި ހޮޅިތައް ގަނެފައިވާއިރު ރާއްޖޭގެ ބާޒާރުގައި އެއަށް ވުރެ އަގުހެޔޮކޮށް ހޮޅި ލިބެން އެބަހުއްޓެވެ. އެގޮތުން އެމްޑަބްލިއުއެސްސީން ހޮޅިވިއްކަން ކޯޓޭޝަން ދީފައިވާ އަގަކީ 1،465 ރުފިޔާއެވެ. އެހެންކަމުން ފެނަކައިން ހޮޅި ގަނެފައިވަނީ ދިވެހި ބާޒާރުގައި ހޮޅި ވިއްކާ އަގަށްވުރެ 3،797 ރުފިޔާ އަގުބޮޑުކޮށް ކަމަށްވެސް ކޮމާޝަލް އިންވޮއިސްގައި ހުރި މައުލޫމާތު ތަކުން ހާމަވެއެވެ.
ފެނަކަ ކޯޕަރޭޝަނާ ގުޅޭ ކޮރަޕްޝަންގެ ބޮޑުތި މައްސަލަތަކެއް އޭސީސީއިން ތަހުގީގު ކުރަމުން އަންނައިރު ފެނަކައަށް މާލީ ގޮތުން ލިބެމުންދާ ކުރިއެރުމަކީ އެކުންފުނީގެ ތެރޭގައި ހިންގަމުންދިޔަ ވައްކަމާއި ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމުގެ ނަތީޖާ ކަމަށް ސައީދު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ. އަދި ފެނަކައިގައި ވައްކަމުގެ އެއްވެސް އަމަލެއް ނުވެސް ހިންގޭނެ ކަމަށާއި އެފަދަ ފުރުސަތެއްވެސް އެކުންފުނީގެ ތެރޭގައި ނޯންނާނެ ކަމަށް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު