ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) މެދުވެރިކޮށް ވައިގެމަގުން ރާއްޖެ އެތެރެކުރަން އުޅުނު 6.75 ކިލޯގެ ސިންތެޓިކް ކެތިނޯން ކަސްޓަމްސްއިން އިއްޔެ އަތުލައިގެންފިއެވެ.
ޖުމުލަ 6،750 ގްރާމް ހުރި މި މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގަތީ، ވައިގެމަގުން ރާއްޖެ ގެނެސްފައިވާ އެއާފްރައިޓް ޝިޕްމަންޓެއްގެ ތެރޭގައި މަސްތުވާތަކެތި ފޮރުވާފައި ހުރިކަމަށް ޝައްކުކުރެވިގެން އިތުރަށް ބަލައި ފާސްކުރުމުގެ ތެރޭގައެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ހިންގި ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަނެއްގައި، އެ ތަކެތި ބަލައި އައުމުން ބަންގުލަދޭޝްގެ ރައްޔިތެއް ކަމަށްވާ 21 އަހަރުގެ އެމްޑީ އަރްމާން އަލީ ވަނީ ހައްޔަރުކޮށްފައެވެ.
އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، 15 ދުވަހުގެ މުއްދަތަކަށް ބަންދުގައި ބެހެއްޓުމަށް އެ ކޯޓުން ވަނީ އަމުރުކޮށްފައެވެ. ކޯޓު އަމުރުގައިވާ ގޮތުން، އޭނާގެ މައްޗަށް ތުހުމަތުކުރެވޭ މިންވަރަށް އެކަށީގެންވާ ހެކި ވަނީ ލިބިފައެވެ. އޭގެ ތެރޭގައި ސީނަށް ދިޔަ ފުލުހެއްގެ ބަޔާނާއި ކަސްޓަމްސް ފޯމް ސެޓް ހިމެނެއެވެ. އެ ފޯމް ސެޓުން ދައްކާ ގޮތުގައި، ރާއްޖެ އެތެރެކޮށްފައިވާ ދާގީނާތަކެއްގައި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ފެނިފައިވާ އިރު، އޭގެ ވަގުތީ ބަރުދަނުގައި 6.75 ކިލޯ ހުއްޓެވެ.
ގިނަ އަދަދެއްގެ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރުމުގައި ބައިވެރިވެފައިވާތީ، އޭނާ ދޫކޮށްލައިފި ނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް އޮތް ކަމަށް ފެންނާތީ ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
މަސްތުވާތަކެތީގެ މައްސަލަތައް
މަސްތުވާތަކެތީގެ މައްސަލަތައް
މަސްތުވާތަކެތީގެ މައްސަލަތައް
މަސްތުވާތަކެތީގެ މައްސަލަތައް
ކޮމެންޓް