ށ. ފުނަދޫގައި މިއަދު ހެނދުނު ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ގެއެއްގައި ދިރިއުޅޭ 11 މީހުންނަށް ފަސް ދުވަހުގެ މުއްދަތަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިމުގެ އިންތިޒާމު ހަމަޖައްސައިދީފިއެވެ.
ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިރޭ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނި ގޮތުގައި، މި އެހީތެރިކަން ފޯރުކޮށްދިނީ މިއަދު އެ ރަށުގައި ހިނގި އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު ގެއެއްގައި ދިރިއުޅޭ މީހުންނަށެވެ.
މި ހާދިސާއާ ގުޅޭގޮތުން އެންޑީއެމްއޭއިން ކުރިން ކުރި ޕޯސްޓެއްގައި ބުނީ، މި އަލިފާނުގެ ހާދިސާގައި އެއް ގެ އަނދައި ވަރަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށެވެ. މީގެ އިތުރުން، އެ ގެއާ ކައިރީގައި ހުރި އިތުރު ތިން ގެއަކަށް ވެސް އަލިފާނުގެ ސަބަބުން އެކި ވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށް އެ އިދާރާއިން ބުންޏެވެ.
ހާދިސާ ހިނގި ސަރަހައްދުން އަދިވެސް އެއްޗެހި ގޮވާ އަޑު އިވެމުންދާތީ، ސަލާމަތީ ފިޔަވަޅެއްގެ ގޮތުން އެ ސަރަހައްދުގައި ހުރި ގޭގޭގެ މީހުން ރައްކާތެރި އެހެން ގެތަކަށް ވަގުތީ ގޮތުން ބަދަލުކޮށްފައިވާ ކަމަށް ވެސް އެންޑީއެމްއޭއިން ބުންޏެވެ.
އެންޑީއެމްއޭއިން ބުނި ގޮތުގައި، މި ހާދިސާގައި ދުމުގެ އަސަރު ވަރަށް ބޮޑަށް ކޮށްގެން ބައެއް މީހުންނަށް ފުނަދޫ ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުންނެވެ. އަދި ހާލަތު އިތުރަށް ބަލައި މޮނީޓާކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުނަދޫ ކައުންސިލުން މައުލޫމާތު ދޭ ކަމަށާއި، މި ހާދިސާގެ ސަބަބުން އިންސާނީ އެހީތެރިކަން ބޭނުންވާ މީހުން ދެނެގަނެ އެ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެންޑީއެމްއޭއިން ބުންޏެވެ.
އަމިއްލަ ފަރާތަކުން ފުނަދޫގައި ހިންގާ "ފަތްމިނި" ޕެޓްރޯލް ޝެޑްގައި ރޯވި އަލިފާން ކޮންޓްރޯލް ކުރެވިފައިވަނީ 11:00 ހާއިރެވެ. މި ހާދިސާގައި އަށް މީހަކު ފިހުނެވެ. މި ހާދިސާގައި ޖުމްލަ 20 މީހަކަށް އެކި ވަރުގެ އަނިޔާތައް ވެފައިވާ އިރު، އޭގެ ތެރެއިން މިހާރު ފަރުވާދެމުން އަންނަނީ ދެ މީހަކަށް ކަމަށް ށ. އަތޮޅު ހޮސްޕިޓަލުން މައުލޫމާތުދެއެވެ.
އަލިފާނުގެ ހާދިސާ
އަލިފާނުގެ ހާދިސާ
އަލިފާނުގެ ހާދިސާ
ކޮމެންޓް