މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ޕްރިޒަން ކޯޕަރޭޓިވް ސޮސައިޓީގެ ތެރޭގައި ކޮރަޕްޝަން ހިންގާ ކަމަށްބުނާ މައްސަލައެއް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީއަށް ފޮނުވައިފިއެވެ.

މި މައްސަލަ އެ ކޮމިޓީއަށް ފޮނުވީ، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ބަހުސް ކުރުމަށްފަހުއެވެ.

ޕްރިޒަން ކޯޕަރޭޓިވް ސޮސައިޓީގެ ތެރޭގައި އިންތިހާއަށް ކޮރަޕްޝަންގެ އަމަލުތައް ހިންގަމުންދާކަމަށް ބަޔާންކޮށް މާލިއްޔަތު ކޮމިޓީއަށް މައްސަލަ ހުށަހެޅީ އަމިއްލަ ފަރާތަކުންނެވެ. އެ ފަރާތުން އެ މައްސަލަ މާލިއްޔަތު ކޮމިޓީއަށް ހުށަހެޅީ މައްސަލަ ބަލައިދިނުމަށް އެދިއެވެ.

ނަމަވެސް މާލިއްޔަތު ކޮމިޓީގައި އެ މައްސަލައަށް ބަހުސް ކުރުމަށްފަހު، އެއީ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީ)ގެ ދާއިރާގައި ހިމެނޭ މައްސަލައެއް ކަމަށްބުނެ، އެ މައްސަލަ އެ ކޮމިޓީއަށް ފޮނުވަން ކޮމިޓީއަށް ހުށަހެޅުއްވީ، ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހެވެ. ތާއީދު ކުރެއްވީ ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު ހަމަދު އަބްދުﷲ އެވެ. މި ހުށަހެޅުން ކޮމިޓީއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަގުލަބިއްޔަތުން ފާސްކުރިއެވެ.

ނަމަވެސް އެ މައްސަލައިގައި ހިމެނެނީ ކޮރަޕްޝަނާ ބެހޭ ކޮން ކަންތައްތަކެއްކަން ކޮމިޓީގެ މަޝްވަރާގައި ހާމައެއް ނުކުރެއެވެ.