އޮންލައިންކޮށް ހިންގި 32،000 ރުފިޔާގެ ސްކޭމްގެ މައްސަލައަކާ ގުޅިގެން ތިން މީހަކު ހައްޔަރުކޮށްފިއެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ހ. ވެލަސްފަރުގެ، މާލެ، ހުސައިން ސާމިރު (40އ)، ދަފްތަރު. ނަންބަރު ރސ 6007 / މާލެ، މުހައްމަދު ރީހާން (33އ)، ޖޯޖެޑްވިލާ، އަދި މާލެ، އަހްމަދު ސުޖާއު (46އ) އެވެ.

ފުލުހުން މިއަދު ބުނީ މި މައްސަލައަކީ ވަޓްސްއެޕް މެދުވެރިކޮށް ވާހަކަދައްކައި، މަކަރާއި ހީލަތުން ފައިސާ އަތުލާފައިވާކަމަށް ބުނެ މިމަހުގެ 13 ވަނަ ދުވަހު ހުށަހެޅި މައްސަލައެއް ކަމަށެވެ.

އެ ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ހުސައިން ސާމިރުއާއި އަހްމަދު ސުޖާއު 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާކަމަށް ފުލުހުން ބުންޏެވެ. އަދި މުހައްމަދު ރީހާން ހަތް ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވާކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.

މަކަރާއި ހީލަތުގެ އަމަލެއް ފާހަގަކުރެވިއްޖެނަމަ ލަސްނުކޮށް ދިވެހި ފުލުހުންގެ ޚިދުމަތުގެ ހޮޓްލައިން ނަމްބަރު 3322111 އަށް ގުޅުއްވައި ނުވަތަ ފުލުހުންގެ އެންޓި-ސްކޭމް ސެންޓަރަށް ރިޕޯޓުކުރެއްވުން އެދެމެވެ