އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައާ ގުޅިގެން ފެށުނީއްސުރެ އޭނާއާ މެދު އަމަލު ކުރަމުން އަންނަނީ ޒާތީކޮށް، ސިޔާސީގޮތުން ކަތިލާ "ކަންބަޅިއެއް" ގޮތަށް ކަމަށް ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ އިން މަހްލޫފަށް މަންފާ ލިބުނު ކަމަށް ބުނެ އޭނާގެ މައްޗަށް ދައުވާކޮށްދިނުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އިއްޔެ ވަނީ ޕީޖީ އޮފީހަށް ފޮނުވައިފަ އެވެ. އެކަމާ މެދު ޕްރޮސިކިއުޓާ ޖެނެރަލް ގޮތެއް ނިންމަވަންދެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މަހުލޫފް ސަސްޕެންޑުކޮށްފަ އެވެ.

މަހުލޫފް ދާދި ދެންމެއަކު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އޭނާގެ މައްޗަށް ކުރި ކުރިތުހުމަތަށް ގޯސް ކަމަށާއި އޭނާއަށް ތުހުމަތު ކުރީ ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ބިލަށް ވޯޓު ދީގެން ކަމަށެވެ. ނަމަވެސް އޭރު އޭނާއަކީ ޕީޕީއެމް މަޖިލިސް މެންބަރެއް ކަމަށާއި ވޯޓު ދިނީ ތްރީލައިން ވިޕާ އެއްގޮތަށް ކަމަށްވެސް ވިދާޅުވި އެވެ.

"ފެށުނީއްސުރެވެސް އެމްއެމްޕީއާރްސީ މައްސަލައިގައި އަޅުގަނޑާމެދު އަމަލު ކުރަމުން އަންނަނީ ޒާތީކޮށް، ސިޔާސީގޮތުން ކަތިލާ ކަންބަޅިއެއް ގޮތަށް. އެކަން ކުރަނީ ސިޔާސީ ބަޔަކު އަޑީގަތިބެގެންކަން އެންމެ އިސްވެރިންނަށް އެނގިވަޑައިގަންނަވާ. ބޭނުމަކީ ހަމައެކަނި މަގާމުން ވަކިކުރުން. އެމީހުންނަށް ނުވިސްނެނީ އަޅުގަނޑު މިއުޅެނީ މަގާމުގައި ބަގުޑިބައްދައިގެން ހުންނަން ނޫންކަން،" މަހުލޫފް ވިދާޅުވި އެވެ.

މަހުލޫފް ވިދާޅުވީ އެމްއެމްޕީއާރްސީ މައްސަލައިގައި އެންޓިކޮރަޕްޝަން ކޮމިޝަނަށް ދައުވާ ކުރުމުގެ އެއްވެސް ގާނޫނީ ބާރެއް ލިބިގެން ނުވާ ކަމަށާއި އެކަން އެސެޓް ރިކަވަރީ ކޮމިޝަން އުފައްދަވަން ރައީސް ނެރުއްވި ގަރާރުންނާއި ރިޔާސީ ކޮމިޝަންގެ ގާނޫނުންވެސް ސާފުވާ ކަމަށެވެ. އަދި މީގެ ކުރިން ދައުވާ އުފުލި އެންމެންގެ މައްސަލަތަށްވެސް ފޮނުވާފައިވަނީ ރިޔާސީ ކޮމިޝަނުން ކަމަށް އޭނާ ވިދާޅުވި އެވެ.

ހެކިކަމަށް ބުނެ ހޯދާފައިވާ ބައެއް ތަކެއްޗާއި ބަޔާނަކީ ކަނޑައެޅިގެން ރާއްޖެ އާއި ސްރީލަންކާގެ ގާނޫނާ ހިލާފަށް ހޯދައި ނަގާފައިވާ ތަކެތި ކަމަށާއި އެއީ ކޯޓަށް ބަލައި ނުގަންނާނެ ހެކި ކަމަށްވެސް މަހުލޫފް ވިދާޅުވި އެވެ.

"އަޅުގަނޑުގެ މައްސަލަވެސް ހަމަ ބަލަންވީ. އެކަމަކު އެކަން ކުރަންވާނީ ގާނޫނީ އިމުގެ ތެރެއިން ތަފާތުނުކޮށް. ސިޔާސީ ނުފޫޒުން ބައެއް ނަންތައް އުނިކުރުމަށްފަހުވެސް އެކުލަވާލާފައި އޮތް 300 މީހުންގެ ލިސްޓަކުންވެސް ކޮމިޝަނަށް ތިން އަހަރުވީއިރު ފެނުނީ އަޅުގަނޑުގެ ނަން އެކަނިތޯ،" މަހުލޫފް ވިދާޅުވި އެވެ.

މަހުލޫފް ވިދާޅުވީ ގާނޫނާއި ގަވައިދުގެ ތެރެއިން އަދި އެސެޓް ރިކަވަރީ ކޮމިޝަނާއި ފުލުސް އޮފީހާއި ޕީޖީ އަދި އޭސީސީ އިން އަމިއްލައަށް ހަދައިގެން ތިބި އުސޫލުތަކާވެސް އެއްގޮތަށް އޭނާއާމެދު ތަފާތުނުކޮށް މައްސަލަ ގެންދާނަމަ، އެންމެ ދުވަހަކުވެސް މިމަގާމުގައި ދެމިނުހުންނާނެ ކަމަށެވެ.

"ކަންބަޅިއެއްހެން ހަމައެކަނި އަޅުގަނޑު ކަތިލިޔަސް އެހިސާބުން އެމްއެމްޕީއާރްސީގެ މައްސަލަ ނިމުނީކަމަށް ރައްޔިތުން ދެކޭނެކަމަށް ހީކުރުމަކީ ގޯހެއް. ވަރުބަލިވެއްޖެ، އަޅުގަނޑަށްވެސް އަބަދު އަނގަބަންދުކޮށްގެން ނުހުރެވޭނެ،" މަހުލޫފް ވިދާޅުވި އެވެ.

އޭސީސީން އިއްޔެ ނެރުނު ބަޔާނެއްގައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި ހުރެ ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި އޭރު ބަހުސްކޮށް ވޯޓަށް އެހި ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ބިލަށް ވޯޓުދިނުމާއި ޕީޕީއެމްގައި ދެމިހުރުމުގެ މުގާބިލުގައި 33,000.00 އެމެރިކާ ޑޮލަރު މަހުލޫފަށް ލިބިފައިވާކަން ތަހުގީގަށް އެނގިފައިވާ ކަމަށެވެ.

އޭސީސީން ބުނިގޮތުގައި އެސްއީޒެޑް ބިލް ފާސްކުރުމަށް ވޯޓުދިނުމުގެ ގޮތުން މެލޭޝިޔާގައި ހުރުމަށްފަހު އޮގަސްޓް 27، 2014 ގައި ބޭއްވި މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެފައި ވަނީ ސީދާ މަޖިލީހުގެ ވޯޓަށެވެ.

އެކަމާ ގުޅިގެން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ބުނީ އެމައްސަލަ މިހާރު ދިރާސާ ކުރަމުންދާ ކަމަށާއި ހަފުތާއެއްގެ ތެރޭގައި ގޮތެއް ނިންމާނެ ކަމަށެވެ.