ޖަޕާނުގައި ހުންނަވާ ރާއްޖޭގެ ސަފީރުކަމުގެ މަގާމަށް އައްޔަން ކުރުމަށް، މީގެ ކުރިން އޮތް އެމްޑީޕީ ސަރުކާރުގެ ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފު އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީން ފާސްކޮށްފިއެވެ.

މަހްލޫފް އެމަގާމަށް އައްޔަންކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވީ މިދިޔަ ބުދަ ދުވަހުއެވެ.

ޖަޕާނުގައި ހުންނަވާ ސަފީރުކަމަށް މަހުލޫފް އައްޔަން ކުރުމާ މެދު މަޖިލީހަށް ފެންނަ ގޮތެއް ނިންމަން އެދިވަޑައިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވި ސިޓީފުޅު މަޖިލީހަށް އިއްވުމުން، އެ މައްސަލަ ދިރާސާކުރަން މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުވިކަން މަޖިލީހުގެ ރިޔާސަތުން މަޖިލިސް ރައީސް އަބްދުއްރަހީމް އަބްދުﷲ ނިންމެވިއެވެ.

ހާރިޖީ ކޮމިޓީގެ މިއަދުގެ ބައްދަވުމަށް މަހްލޫފް ހާޒިރުކޮށް، ވަނީ އިންޓަވިއުކޮށްފައެވެ.

މި ބައްދަލުވުމުގައި މަހްލޫފު އެ މަގާމަށް އައްޔަން ކުރަން ކޮމިޓީން ރުހުން ދިނުމަށް ހުށަހެޅުއްވީ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު މުހައްމަދު ދާއޫދު އެވެ. ތާއީދު ކުރެއްވީ ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ހުސެއިން އެވެ.

މަހްލޫފަށް ކޮމިޓީން ރުހުންދޭން ފާސްކުރީ ބައްދަލުވުމުގައި ތިއްބެވި ނުވަ މެންބަރުންގެ ތެރެއިން ވޯޓު ދެއްވި އަށް މެންބަރުންގެ އިއްތިފާގުންނެވެ.

އެމްޑީޕީ ސަރުކާރުގެ ޔޫތު މިނިސްޓަރުކަމަށް އައްޔަން ކުރުމުގެ ކުރިން މަހުލޫފް ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރުގެ ގޮތުގައެވެ.

ކުރީގެ ރައީސް މައުމޫނުގެ ވެރިކަމުގައި އެމަނިކުފާނު އުފެއްދެވި ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ)ގެ މެމްބަރެއްގެ ގޮތުން ސިޔާސީ މައިދާނަށް ނިކުންނެވުމަށްފަހު، އޭނާ ފުރަތަމަ އިންތިހާބުވީ 17 ވަނަ ރައްޔިތުންގެ މަޖިލީހަށެވެ.

އޭގެ ފަހުން 18 ވަނަ މަޖިލީހަށް އިންތިހާބުވީ އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައެވެ.

އެމްޑީޕީގެ ވެރިކަން ނިމުމުން އެ ޕާޓީން ވަކިވެ ވަޑައިގެން މިހާރު ވެރިކަން ކުރާ ޕީއެންސީ އަށް މަހުލޫފް ސޮއިކުރެއްވީ މި މަހުގެ 17 ގައި އެ ޕާޓީން ބޭއްވި ބޮޑު ޖަލްސާގައެވެ.