ޖަޕާނުގައި ހުންނަވާ ރާއްޖޭގެ ސަފީރުކަމުގެ މަގާމަށް އައްޔަން ކުރުމަށް، މީގެ ކުރިން އޮތް އެމްޑީޕީ ސަރުކާރުގެ ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފު އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން ދެންމެ ފާސްކޮށްފިއެވެ.
މަހްލޫފް އެ މަގާމަށް އައްޔަންކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވީ މިދިޔަ ބުދަ ދުވަހުއެވެ
ޖަޕާނުގައި ހުންނަވާ ސަފީރުކަމަށް މަހުލޫފް އައްޔަން ކުރުމާ މެދު މަޖިލީހަށް ފެންނަ ގޮތެއް ނިންމަން އެދިވަޑައިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވި ސިޓީފުޅު މަޖިލީހަށް އިއްވުމުން، އެ މައްސަލަ ދިރާސާކުރަން މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުވިކަން މަޖިލީހުގެ ރިޔާސަތުން މަޖިލިސް ރައީސް އަބްދުއްރަހީމް އަބްދުﷲ ނިންމެވިއެވެ.
ހާރިޖީ ކޮމެޓީއަށް މަހްލޫފް ހާޒިރުކޮށް، ވަނީ އިންޓަވިއުކޮށްފައެވެ.
މަހްލޫފު އެ މަގާމަށް އައްޔަން ކުރަން ކޮމިޓީން ރުހުން ދިނުމަށް ހުށަހެޅުއްވީ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު މުހައްމަދު ދާއޫދު އެވެ. ތާއީދު ކުރެއްވީ ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ހުސެއިން އެވެ.
މަހްލޫފަށް ކޮމިޓީން ރުހުން ދޭން ފާސްކުރީ ބައްދަލުވުމުގައި ތިއްބެވި ނުވަ މެންބަރުންގެ ތެރެއިން ވޯޓު ދެއްވި 8 މެންބަރުންގެ އިއްތިފާގުންނެވެ.
ކޮމިޓީން ނިންމި ގޮތް މަޖިލީސް ތަޅުމަށް ފޮނުވުމުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ މަގާމަށް މަހްލޫފް އައްޔަންކުރަން މަޖިލީހުން ފާސްކުރީ ޖަލްސާގައި ތިއްބެވި 64 މެންބަރުންގެ ތެރެއިން ވޯޓު ދެއްވި 60 މެންބަރުންގެ އިއްތިފާގުންނެވެ.
އެމްޑީޕީ ސަރުކާރުގެ ޔޫތު މިނިސްޓަރުކަމަށް އައްޔަން ކުރުމުގެ ކުރިން މަހުލޫފް ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރުގެ ގޮތުގައެވެ.
ކުރީގެ ރައީސް މައުމޫނުގެ ވެރިކަމުގައި އެމަނިކުފާނު އުފެއްދެވި ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ)ގެ މެންބަރެއްގެ ގޮތުން ސިޔާސީ މައިދާނަށް ނިކުންނެވުމަށްފަހު، އޭނާ ފުރަތަމަ އިންތިހާބުވީ 17 ވަނަ ރައްޔިތުންގެ މަޖިލީހަށެވެ.
އޭގެ ފަހުން 18 ވަނަ މަޖިލީހަށް އިންތިހާބުވީ އެމްޑީޕީގެ މެންބަރެއްގެ ގޮތުގައެވެ.
އެމްޑީޕީގެ ވެރިކަން ނިމުމުން އެ ޕާޓީން ވަކިވެވަޑައިގެން މިހާރު ވެރިކަން ކުރާ ޕީއެންސީއަށް މަހުލޫފް ސޮއިކުރެއްވީ މި މަހުގެ 17 ގައި އެ ޕާޓީން ބޭއްވި ބޮޑު ޖަލްސާގައެވެ.
އިބްރާހިމް ޒަކީ
އަހްމަދު މަހްލޫފު
އަހްމަދު މަހްލޫފު
އަހްމަދު މަހްލޫފު