ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒާއި ހުރުމަތާއި ގަދަރަށް އަރައިގެންފައިވާ ކަމަށް ބުނެ ޑިފެންސް މިނިސްޓްރީގެ ނައިބު ހަސަން ޒަމީލުގެ މައްޗަށް ޖިނާއީ ދައުވާކޮށްދޭން މަޖިލީހުން ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ)ގެ އޮފީހުގައި އެދިއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީން ހިންގާ ޕާލިމަންޓަރީ އިންކުއަރީއަށް ހާޒިރުވުމަށް، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ އެކިއެކި އޮފިސަރުންނަށް އެ އިދާރާއިން އަންގާފައިވާ ކަމަށެވެ.

ނަމަވެސް ސިފައިންގެ ފަރާތުން ޖަވާބުދާރީ ވާނީ ސިފައިންގެ ލަފާދޭ މަޖިލީހުން ޗީފް އޮފް ޑިފެންސް ފޯސްއަށް ދެއްވާފައިވާ ލަފާގައިވާ ގޮތުގެމަތިން ގައުމީ ދިފާއީބާރުން ކަމަށް އަންގައި ޒާމިލް ސޮއިކުރައްވައި ޑިފެންސް މިނިސްޓްރީން ވަނީ މަޖިލީހަށް ސިޓީއެއް ފޮނުވާފަ އެވެ.

"އެކަމަކީ ގާނޫނުއަސާސީ އާއި ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދާއި ސުޕްރީމް ކޯޓުގެ ލަފަޔާ ކަނޑައެޅިގެން ހިލާފު، ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒާއި ހުރުމަތާއި ގަދަރަށް އުނިކަން އަންނާނެކަމެއް. ގާނޫނުއަސާސީއިން ރައްޔިތުންގެ މަޖިލީހަށް ލިބިދީފައިވާ އިމްތިޔާޒުތަކާއި ބާރުތައް ނެގެހެއްޓުމަކީ އެމަޖިލީހުގެ ރައީސްގެ ޒިންމާއެއް. އެހެންކަމުން ހަސަން ޒަމީލްގެ މައްޗަށް ޖިނާއީ ދައުވާކޮށްދެއްވުމަށް އެދި މަޖިލީހުގެ ރައީސް ވަނީ ޕްރޮސިކިއުޓާ ޖެނެރަލްއަށް މައްސަލަ ފޮނުއްވާފައި،" މަޖިލީހުގެ ބަޔާނުގައިވެ އެވެ.

އެ މައްސަލަ ބެލުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒާއި ސުލޫކު ކޮމިޓީއަށްވެސް މަޖިލީހުގެ ރައީސް ފޮނުއްވާފައިވާ ކަމަށްވެސް ބަޔާނުގައިވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ ދަށުން ރައްޔިތުންގެ މަޖިލީހަށް ނުވަތަ މަޖިލީހުގެ ކޮމިޓީއަކަށް ހާޒިރުވުމަށް ވަކި މީހަކަށް ނުވަތަ ވަކި މުއައްސަސާއަކަށް އެންގުމުގެ ބާރު ރައްޔިތުންގެ މަޖިލީހަށް ނުވަތަ މަޖިލީހުގެ ކޮމިޓީއަކަށް ލިބިގެންވާ ކަމަށް ގާނޫނުއަސާސީ އާއި ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށް މަޖިލީހުން ނެރުނު ބަޔާނުގައިވެ އެވެ. އަދި ކޮންމެ މީހަކަށް، ރައްޔިތުންގެ މަޖިލީހަށް ނުވަތަ ކޮމިޓީއަކަށް ހާޒިރުވެ، މަޖިލީހުން ކަނޑައަޅާ ގޮތެއްގެ މަތިން ހެކިބަސް ދިނުމަށާއި ރައްޔިތުންގެ މަޖިލީހުން ބޭނުންވާ ކޮންމެ ލިޔުމެއް ހުށަހެޅުމަށް އެންގުމުގެ ބާރު މަޖިލީހަށް ލިބިގެންވާ ކަމަށްވެސް މަޖިލީހުން ބުންޏެވެ.

ސުޕްރީމް ކޯޓުން ދީފައިވާ ލަފާގައިވާ ގޮތުން ރައްޔިތުންގެ މަޖިލީހަށް ނުވަތަ މަޖިލީހުގެ ކޮމިޓީއަކުން އަންގާ އެންގުމާ އެއްގޮތްވާ ގޮތުގެމަތިން ހާޒިރުވެ، ޖަވާބުދާރީވުމަކީ ދިވެހި ސަރުކާރުގެ އެކިއެކި މަގާމުތަކުގައި ތިބި ފަރާތްތަކާއި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ މަގާމެއްގައި ހުރި ކޮންމެ މީހަކާއި ފުލުހުންގެ މަގާމެއްގައި ހުރި ކޮންމެ މީހެއްގެ މައްޗަށް ގާނޫނު އަސާސީން ލާޒިމްވެގެންވާ ކަމެއް ކަމަށްވެސް މަޖިލީހުގެ ބަޔާނުގައިވެ އެވެ.