ފަރުވާދިނުން ލަސްވުމުގެ ސަބަބުން ކޮވިޑު ބަލީގައި ރާއްޖޭގައި ނިޔާވި އެންމެ ހަގު ކުއްޖާ ކަމަށްވާ، އުމުރުން ދިހަ އަހަރުގެ މިޝްކާ މުހައްމަދުގެ މަރުގެ މައްސަލައިގައި، ރައްޔިތުންގެ މަޖިލީހުގެ ހިއުމަންރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް، ހެލްތު މިިސްޓްރީ އާއި، ހިއުމަންރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) މާދަމާ ހާޒިރު ކުރަން ނިންމައިފިއެވެ.

"ވަން އޮންލައިން" އަށް މައުލޫމާތު ދެއްވަމުން ހިއުމަންރައިޓްސް އެންޑް ޖެންޑާ ކޮމިޓީގެ މުގައްރިރު، ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހްމޫދު މިއަދު ވިދާޅުވީ، މިޝްކާގެ މަރުގެ މައްސަލައިގައި އެ ދެފަރާތާ މާދަމާ ބައްދަލުކުރަން ހަމަޖެހިފައިވާ ކަމަށެވެ.

މިޝްކާއަށް ފަރުވާ ދިނުމުގައި ލަސްވި މައްސަލައިގައި މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ކޮމިޓީ ބައްދަލުވުން ނިންމާލާފައި ވަނީ، ހެލްތު މިނިސްޓްރީންނާއި ކަމާބެހޭ އެހެނިހެން މުއައްސަސާތަކުން ބޭނުން ވާ މައުލޫމާތު ލިބިފައި ނުވާތީ އެ މައުލޫމާތުތައް ހޯދުމަށްފަހު ކޮމިޓީގެ މަސައްކަތް ކުރިއަށް ގެންދިއުމަށެވެ.

ޖީހާން މިއަދު ވިދާޅުވީ އެ މައްސަލައިގައި ހެލްތު މިނިސްޓްރީން ތަހުގީގު ކޮށް މިހާރު ބަޔާނެއް ނެރެފައިވާއިރު، ކަމާބެހޭ ފަރާތްތަކުގައި އެދިފައިވާ މައުލޫމާތު ކޮމިޓީއަށް ލިބުނު ކަން ނުވަނަ ނުލިބޭ ކަން އެނގޭނީ މިއަދު މެންދުރުފަހު ކަމަށެވެ.

އެ މައުލޫމާތުތައް ކޮމިޓީއަށް ލިބުނަސް ނުލިބުނަސް މާދަމާ އެފަރާތްތަކާ ކޮމިޓީން ބައްދަލު ކުރާނެ ކަމަށް ޖީހާން ވިދާޅުވިއެވެ.

ފަރުވާދިނުން ލަސްވުމުގެ ސަބަބުން ކޮވިޑުގައި މަރުވި އުމުރުން ދިހަ އަހަރުގެ މިޝްކާ މުހައްމަދުގެ ހާލު ދެރަވެ މަރުވި މައްސަލަ ތަހުގީގުކޮށް ހެލްތު މިިނިސްޓްރީން ނެރުނު ރިޕޯޓުން ގިނަ އިހުމާލުތަކެއް ވަނީ ފާހަގަ ވެފައެވެ.