ހުސްވި މެއި މަހުގެ ހަ ވަނަ ދުވަހުގެރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަ ކޮށްލުމަށް ދިން ހަމަލާއާ ގުޅިގެން، އެމަނިކުފާނަށް ދެމުން އަންނަ ސަލާމަތާއި ރައްކާތެރިކަން ފޫދިޔަ ގޮތް ހޯދުމަށް 241 ކޮމިޓީން ކުރިއަށް ގެންދާ ޕާލަމެންޓަރީ އިންކުއައިރީ އަށް ފުރަތަމަ ހާޒިރުކުރާ ބޭފުޅެއްގެ ގޮތުގައި، ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ހާޒިރު ކުރަން ނިންމައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދެމުން އަންނަ ސަލާމަތާއި ރައްކާތެރިކަން ފޫދިޔަ ގޮތް ހޯދުމަށް 241 ކޮމިޓީން ކުރިއަށް ގެންދާ ތަހުގީގަށް ކޮމިޝަނަރު އޮފް ޕޮލިސްގެ އިތުރުން ފުލުހުންގެ އެކި ފަރާތްތަކާއި، މަޖިލިސް ރައީސްގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމަށް ގާނޫނުން ލާޒިމް ކޮށްފައިވާ އެމްއެންޑީއެފްގެ އިސް ފަރާތްތައް ވެސް ކޮމިޓީއަށް ހާޒިރު ކުރަން ވަނީ ހަމަޖެހިފައެވެ.

އެ މައްސައިގައި ކޮމިޓީން ކުރިއަށް ގެންދާ ތަހުގީގު ތަކާ ގުޅޭ ގިނަ ބައްދަލުވުންތަކެއް ބާއްވާފައިވާއިރު، މީގެ ކުރިން އެކޮމެޓީން ވަނީ ރައްޔިތުންގެ މަޖިލީހުގެ އަމީން އާއްމު ފާތުމަތު ލިޔުޝާގެ އިތުރުން އެ މަޖިލީހުގެ ޗީފް އޮފް ބިއުރޯއާވެސް ބައްދަލު ކޮށްފައެވެ.

މި މައްސަލަ ބެލުމަށް 241 ކޮމިޓީން ކުރިއަށްގެންދާ ހުރިހައި ބައްދަލުވުމެއް ސިއްރު ކޮށްގެން ކުރިއަށް ގެންދާއިރު، އެކަމާ ބެހޭ މައުލުމާތު ކޮމިޓީއާ ހިއްސާ ކުރަން ބޭނުން ވާ ސިފައިންނާއި ފުލުހުންނަށްވެސް އެ ފުރުސަތު ކޮމެޓީން ވަނީ ހުޅުވާލައިފައެވެ.

އެގޮތުން ކޮމިޓީއަށް މައުލޫމާތު ހިއްސާ ކުރައްވަން އެދިވަޑައިގަންނަވާ ސިފައިންނާއި ފުލުހުން އެ މައުލުމާތު ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީއަށް މެއިލް ކުރުމަށް ނުވަތަ ކޮމެޓީގެ މޯބައިލް ނަންބަރު 7798798 އަށް ފޮނުވުމަށް އެދޭ ކަމަށްވެސް ބުނެފައިވެއެވެ.

އެކަމާ ބެހޭ ގޮތުން ކޮމެޓީއާ މައުލޫމާތު ހިއްސާ ކުރާ ފަރާތްތަކުގެ މައުލޫމާތު ސިއްރު ކުރުމަށް އެދޭ ނަމަ އެކަން ފާހަގަ ކުރުމުން އެ ފަރާތެއްގެ މައުލޫމާތު ސިއްރު ކުރާނެ ކަމަށްވެސް ކޮމެޓީން ބުނެފައިވެއެވެ.