މާލޭ ސިޓީ ކައުންސިލްގެ އިހުތިސާސްގެ ދަށުގައި އޮތް 14 ބިމެއް އެ ކައުންސިލްގެ އިހްތިަސުން ވަކިކޮށް ދައުލަތުގެ މިލްކިއްޔާތަށް ބަދަލު ކުރުމަށް މިނިސްޓްރީ އޮފް އިންފްރާންސްޓްރަކްޗާ ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓުން ނިންމި މައްސަލައާ ގުޅިގެން މަޖިލީހަށް ގަރާރެއް ހުށަހަޅައިފިއެވެ.
އިދިކޮޅު އެމްޑީޕީގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިިމްގެ މި ގަރާރުގެ ފުރަތަމަ ކިޔުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ އިއްވައިފައެވެ.
މި ގަރާރުގައި ބުނެފައިވަނީ އެ ބިންތައް ނެގުމަކީ، ކައުންސިލްތަކުގެ ބާރުތައް ހަނިކޮށް ލާމަރުކަޒީ ނިޒާމަށް ހުރަސްއެޅޭ ފަދަ ނިންމުމެއް ކަމަށެވެ.
ގަރާރުގައި ވަނީ ސަރުކާރުން ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް ކައުންސިލްގެ އިހުތިސާސްގައި ހިމެނޭ ބިމާއި ތަންތަން ކައުންސިލްތަކުގެ އިހުތިސާސުން ވަކިކުރުމަށް ވަޒީރުންގެ މަޖިލީހުން ނިންމިދާނެ ކަމަށް ލާމަރުކަޒީ ގާނޫނުގައި ބުނާ ކަމަށެވެ.
ނަމަވެސް އެގޮތަށް ކައުންސިލްގެ އިހުތިސާސުން، ބިމެއް ނުވަތަ ތަނެއް ވަކި ކުރުމުގެ ކުރިން އެ ތަނުގައި ތަރައްގީކުރާ މަޝްރޫއާ ގުޅޭ މައުލޫމާތު، އެ މަޝްރޫއެއް ހިންގަން ނިންމާފައިވާ ރަށެއް ނުވަތަ ސިޓީއެއް ނިސްބަތްވާ ކައުންސިލާ ހިއްސާކޮށް ކައުންސިލްގެ ހިޔާލާއި މަޝްވަރާ ހޯދަންވާނެ ކަމަށް ގާނޫނުގައި ބުނެފައިވާ ކަމަށެވެ.
އޭގެ އިތުރުން ކައުންސިލްގެ އިހްތިސާސްގެ ތެެރެއިން ވަކި ކުރުމަށް ނިންމާ ބިމުގެ ނުވަތަ ތަނުގެ މައުލޫމާތާއި އެ ބިމެއްގައި ނުވަތަ ތަނެއްގައި ސަރުކާރުން ހިންގަން ކަނޑައަޅާ ތަރައްގީގެ މަޝްރޫއާ ގުޅޭ މައުލޫމާތު އާންމު ކުރަންވާނެ ކަމަށް ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށްވެސް ބުނެފައިވެއެވެ.
ނަމަވެސް އެގޮތަށް ގާނޫނުގައި ކަނޑައަޅާފައި ވަނިކޮށް، އާބާދީއަށް ބޭނުންވާ އުމްރާނީ ތަރައްގީގެ މަސައްކަތްތަކަށާއި، އިންފްރާސްޓްރަކްޗާގެ ހިދުމަތްތައް އިތުރަށް ފުޅާކޮށް ބެލެހެއްޓުމަށް ކޮންމެހެން ބޭނުންވާ ބިންތަކެއް ކަަމަށްބުނެ، އެ ބިންތަކުގައި ހިންގުމަށް ކަނޑައަޅާފައިވާ މަޝްރޫއުތަކުގެ ނަން ފިޔަވައި އިތުރު އެއްވެސް ތަފްސީލެއް ހާމަކުރުމަކާ ނުލައި އަދި ސިޓީ ކައުންސިލްގެ އެއްވެސް މަޝްވަރާއެއް ނުވަތަ ހިޔާލެއް ހޯދުމެއްނެތި މާލެ އާއި ވިލިމާލޭގެ 14 ބިމެއް މާލޭ ސިޓީ ކައުންސިލްގެ އިހުތިސާސުން ވަކިކޮށް ދައުލަތުގެ މިލްކިއްޔާތަށް ބަދަލުކުރުމަށް ނިންމާފައިވާ ކަަމަށް ގަރާރުގައި ވަނީ ބުނެފައެވެ.
އެގޮތަށް ނިންމި ބިންތައް:
-
- ސަލްޓަން ޕާކު އަދި މިއުޒިއަމް ސަރަހައްދު: ޒަމާނީ އީ-ސްޕޯޓްސް އެރީނާއަކާއި މިއުޒިއަމް ޕާކެއް ގާއިމުކުރުން.
- މަސް މާރުކޭޓު: އޮފީސްތަކާއި ވިޔަފާރިތަކަށް ހާއްސަކޮށްގެން ކުއްޔަށްދޭ ޒަމާނީ އާ އިމާރާތެއް އެޅުން.
- ލޯކަލް މާރުކޭޓު އަދި ދަތުރުވެރިންގެ މާރުކޭޓު: ލޯކަލް މާރުކޭޓު ޒަމާނީ މާރުކޭޓު ކޮމްޕްލެކްސްއަކަށް ބަދަލުކުރުމާއި، ދަތުރުވެރިންގެ މާރުކޭޓު ހުރި ބިމުގައި މިކްސް-ޔޫސްޑް ކޮމާޝަލް ތަރައްގީގެ މަޝްރޫއެއް ހިންގުން.
- ވިޔަފާރިވެރިންގެ ޖަމިއްޔާ ހިންގި ބިން: ކުޑަކުދިން ބަލަހައްޓާ ޑޭ ކެއާ ސެންޓަރަކާއި އެކުދިންގެ އެކި ހަރަކާތްތައް ހިންގާ މަރުކަޒެއް ގާއިމުކުރުން.
- ދަތުރުފަތުރާއި ޕާކިން ވަސީލަތްތައް: ބޮނޑިބަތް ޕާކުގައި ވިޔަފާރި ބައިތަކާއެކު ޒަމާނީ ޕާކިން އިމާރާތެއް އެޅުމާއި، ކުރީގެ ހަކަތަ ޕެޓްރޯލް ޝެޑް ހުރި ބިމުގައި އިލެކްޓްރިކް ވެހިކަލް (އީވީ) ޗާޖިން ފެސިލިޓީއެއް ގާއިމުކުރުން.
- ހިތްފަސޭހަ މައިޒާންތައް ބެލެހެއްޓުން: އާޓިފިޝަލް ބީޗު ޕަބްލިކް ރެކްރިއޭޝަނަލް ފެސިލިޓީއެއްގެ ގޮތުގައި އިތުރަށް ފުރިހަމަކުރުމާއި، ރަސްފަންނު ހިންގުން ސަރުކާރުގެ ބެލުމުގެ ދަށަށް ގެނައުން.
- ކައުންސިލް އެކަމަޑޭޝަން އަދި ކާނިވާ ސަރަހައްދު: ސިޓީ ކައުންސިލް އެކަމަޑޭޝަން ބިމުގައި ލޭބާ އެކަމަޑޭޝަނާއި ސްޓޯރޭޖް ފެސިލިޓީއެއް ހެދުމާއި، ކާނިވާ ކެފޭ ޕާކިން އޭރިއާ ރެކްރިއޭޝަނަލް އަދި ވިޔަފާރި ބޭނުންތަކަށް ތަރައްގީކުރުން.
- އެހެނިހެން ހިދުމަތްތައް: ތައިސޭކޮށީގެ ހުސްބިންތައް މަޝްރޫއުތަކުގެ ވޯކް ސައިޓެއްގެ ގޮތުގައި ބޭނުންކުރުމާއި، ޕޭ ޓޮއިލެޓް 2 ހުރި ތަނުގައި ޕަބްލިކް ފާހަނާއާއި އެއާ ގުޅޭ ވަސީލަތްތައް ގާއިމުކުރުން. އަދި މަސްވެރިންގެ މައިޒާން މިހާރުވެސް އޮތް ގޮތަށް އެމްޑަބްލިއުއެސްސީގެ ޕަމްޕް ސްޓޭޝަނެއްގެ ގޮތުގައި ދެމެހެއްޓުން.
މި ބިންތަކަކީ ކައުންސިލްގެ ބަޖެޓަށް މިހާރުވެސް އާމްދަނީ ލިބޭ ގޮތަށް ކަނޑައެޅިފައިވާ ބިންތަކަކަށް ވެފައި އެ ބިންތަކުން ލިބޭ އާމްދަނީއަކީ މިސްކިތްތައް ބެލެހެއްޓުމާއި ކައުންސިލްގެ އިދާރީ ހިންގުމުގެ ހަރަދުތަކަށް ހާއްސަ ކުރެވިފައިވާ ފައިސާކަމަށް ވުމާއެކު އެ ބިންތައް އަތުލުމުން ކައުންސިލަށް ލިބެމުންދާ މާލީ މަންފާތއް ގެއްލިދާނެ ކަމަށްވެސް ގަރާރުގައި ބުނެފައިވެއެވެ.
އިބްރާހިމް ޒަކީ
ކޮމެންޓް