ޚަބަރު

ފިޔަވަޅުތަކާ ހިލާފުވި 913 މީހަކު ޖޫރިމަނާކޮށްފި

ކޮވިޑުގެ ހާލަތު ގޯސްވުމާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކާ ހިލާފުވި 913 މީހަކު ޖޫރިމަނާކޮށްފިއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަބްދުލްއަޒީޒް ވިދާޅުވީ އެންމެންގެ ރައްކާތެރިކަމަށްޓަކައި އަޅާފައިވާ ފިޔަވަޅުތަކަށް ތަބާނުވާ ބަޔަކު އެބަތިބި ކަމަށާއި އެއީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަަމަށެވެ.

އޭނާ ވިދާޅުވީ ފިޔަވަޅުތަކުގެ ސަބަބުން އާންމު ދިރިއުޅުމަށް ބުރޫއަރާފައިވާ އިރު، ފިޔަވަޅުތަކަށް ތަބާނުވާ މީހުން ގިނަވެއްޖެނަމަ މި ހާލަތުގައި އުޅެން ޖެހޭ ދުވަސްތައް އިތުރުވާނެ ކަމަށެވެ.

ކޮވިޑާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކާ އެއްގޮތަަށް މީހުން އަމަލުކުރޭތޯ ބެލުމަށް ފުލުހުންނާއި އެމްއެންޑީއެފް ގުޅިގެން ކުރާ މަސައްކަތުގެ ތެރޭގައި ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި މާސްކު ނާޅައި އުޅުމުގެ ސަބަބުން 208 މީހަކު ޖޫރިމަނާ ކޮށްފައިވާ ކަމަށާއި ކާފިއު ގަޑިތަކުގައި މަގުމަތީ އުޅުމުގެ ސަބަބުން 631 މީހަކު ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ.

ކެފޭތަކާއި ސެލޫންތަކާއި ޖިމް އަދި ފިހާރަ ފަދަ ވިޔަފާރި ކުރާ 74 ތަނަކަށް ފިޔަވަޅު އަޅާފައިވާ ކަމަށް ވެސް މަބްރޫކް ވިދާޅުވިއެވެ. އަދި ވިދާޅުވީ ޖޫރިމަނާ ކުރި މީހުންގެ ތެރޭގައި މަނާ ގަޑީގައި ހިދުމަތް ހޯދި މީހުންވެސް ހިމެނޭ ކަމަށެވެ.

މަބްރޫކް ވިދާޅުވީ ހިދުމަތްދޭ ތަންތަނުން އަމަލު ކުރަނީ ހެލްތު ޕްރޮޓެކްޝަން އެޖަންސީ (އެޗްޕީއޭ) ގެ މިންގަނޑުތަކާ އެއްގޮތަަށްތޯ ބެލުމަށް ހާއްސަ އިންސްޕެކްޝަނެއްވެސް ކުރިއަށްގެންދާ ކަމަށެވެ. އެގޮތުން މިދިޔަ 24 ގަޑިއިރުގެ ތެރޭގައި 142 ތަނެއް ބަލާފައިވާ އިރު، އޭގެ ތެރެއިން ފަސް ތަނެއް ރަނގަޅު ކުރަން އަންގާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

ރާއްޖޭގެ ކޮވިޑުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެ، ހަވީރު 4:00 އިން ހެނދުނު 8:00 އަށް މާލެ ސަރަހައްދުގައި ކާފިއު ހިންގުމަށް އެޗްޕީއޭ އިން ވަނީ ނިންމައިފައެވެ. އަދި ކާފިއު ނޫން ގަޑިތަކުގައި ވެސް ބޭރުގައި އުޅެވޭނީ ފުލުހުން ދޫކުރާ ހާއްސަ ހުއްދައަކާ އެކުގައެވެ.