އެމްއެންޑީއެފްގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ސެކިއުރިޓީއާ ގުޅޭ މައުލޫމާތު ލީކުކުރި މައްސަލަ ރައްޔިތުންގެ މަޖިލީހުން ބަލަން ނިންމައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ "މިހާރު" ނޫހުގައި އިއްޔެ ޝާއިއުކުރި އާޓިކަލެއްގައި ރައީސް ނަޝީދަށް ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ތެރޭގައި ލިބިފައިވާ މައުލޫމާތާއި، ހާއްސަކޮށް އެމަނިކުފާނު ދިރިއުޅުއްވާ ގެކޮޅުގެ ތަފްސީލީ މައުލޫމާތު ބަޔާންކޮށްފައިވާ ކަމަށެވެ.
އެފަދަ މައުލޫމާތަކީ އާންމުކޮށް ގައުމީ ސަލާމަތާއި އަމަންއާންމު ރައްކާތެރިކުރުމުގެ ގޮތުން މައުލޫމާތު އެއްކުރުމުގެ ބާރާއި އިހުތިޔާރު ލިބިފައިވާ ބައެއްގެ ތެރެއިން އެކަމަށް ހާއްސަކޮށްފައިވާ ބަޔަކު އެއްކުރާ މައުލޫމާތުތަކެއް ކަމަށް އެ ކޮމިޓީން ދެކޭ ކަމަށާއި އެ މައުލޫމާތު އެގޮތަށް އާންމުވުމަކީ ރައީސް ނަޝީދުގެ ހިމާޔަތާއި ރައްކާތެރިކަމާއި، ގ. ކެނެރީގޭގައި ދިރިއުޅުއްވާ އެމަނިކުފާނުގެ މުޅި އާއިލާގެ ރައްކާތެރިކަން ގެއްލިގެންދާ ކަމެއް ކަމުގައިވެސް އެ ކޮމިޓީން ދެކޭ ކަމަށް ބުނެފައިވެއެވެ.
"ސިފައިންގެ މަސްއޫލިއްޔަތާއި ވާޖިބު އަދާކުރުމުގައި ލިބޭ އެއްވެސް މައުލޫމާތެއް، ސިފައިންގެ ގާނޫނު (ގާނޫނު ނަންބަރު 2008/1)ގެ 24 ވަނަ މާއްދާ (ނ) ގައި ބަޔާންކޮށްފައިވާ ފަރާތްތައް ފިޔަވައި އެނޫން އެއްވެސް ފަރާތަކަށް ހިއްސާކުރުމަކީ މަނާކަމެއް ކަމާއި ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު (ގާނޫނު ނަންބަރު 2015/6)ގެ ދަށުން ކުށެކެވެ..،" ބަޔާނުގައި ބުނެފައިވެއެވެ.
އެ ކޮމިޓީން ބުނީ އެ މައްސަލައަކީ ގައުމީ ސަލާމަތާ ގުޅުންހުރި މައްސަލައަކަށް ވެފައި، ސަލާމަތީ ހިދުމަތްތައް ހިނގާ ނުހިނގާ ގޮތް ބަލަމުން ގެންދިއުމަކީ ގާނޫނުއަސާސީގެ 241 ވަނަ މާއްދާގެ ދަށުން އެ ކޮމިޓީގެ ދުސްތޫރީ ޒިންމާއަކަށް ވީހިނދު، އެ ކޮމިޓީން އެ މައްސަލަ ބެލުމަށް ނިންމާފައިވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު