ރާއްޖޭގައި ހަލުވި ކަމާއެކު ފެތުރެމުންދާ ކޮވިޑް19 އާ ގުޅިގެން އަތޮޅުތަކުގެ ހާލަތު ބެލުން އިތުރަށް ހަރުދަނާ ކޮށް، ކޯޑިނޭޝަން އިތުރަށް ރަނގަޅު ކުރުމަށް ކޮންމެ އަތޮޅަކަށް ސަރުކާރުގެ ހާއްސަ މަންދޫބަކު ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވައިފި އެވެ.

ހެލްތު މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ، ސަރުކާރުގެ ފަރާތުން ކަނޑައަޅުއްވާ އިސް ފަރާތްތަކުގެ ގޮތުގައި މި ބޭފުޅުން ރައީސް ސޯލިހު ކަނޑައެޅުއްވީ، ކޮވިޑުގެ ހާލަތު ގާތުން މޮނިޓާ ކޮށް ހަރުދަނާ ކުރަން ޖެހޭ ކަންކަން އިތުރަށް ހަރުދަނާ ކުރުމަށް ފަސޭހަކޮށް މަސައްކަތް އަވަސްކުރުމުގެ ގޮތުން ކަމަށެވެ.

އެގޮތުން، އެކި މިނިސްޓްރީތަކުން ސްޓޭޓް މިނިސްޓަރެއް، ނުވަތަ ޑެޕިއުޓީ މިނިސްޓަރެއް ކޮންމެ އަތޮޅަކަށް ވެސް ކަނޑައަޅުއްވާފައިވާ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

"މިބޭފުޅުން މަސައްކަތް ކުރައްވާނީ، ކައުންސިލްތަކާއި، ޓާސްކްފޯސްތަކާ ގުޅިގެން އެއަތޮޅެއްގައި ކޮވިޑް 19 ކޮންޓްރޯލް ކޮށް ހުއްޓުވުމަށް ކުރަމުން އަންނަ މަސައްކަތުގައި ހުރި މައްސަލަތަކާއި، ދަތިތައް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރަށް އަދި ކަމާ ގުޅުން ހުރި ފަރާތްތަކުގެ ސަމާލުކަމަށް ގެނެސްދެއްވައި އެކަން ހިނގާ ނުހިނގާ ގޮތް މޮނިޓާ ކުރެއްވުމަށް،" ކަމަށްވެސް ހެލްތު މިނިސްޓްރީން ބުނެފައެވެ.

ކޮވިޑް 19 ފެތުރުން ކޮންޓްރޯލް ކުރުމަށް މާލޭ ސަރަހައްދާއި އަތޮޅުތަކުގައި ސަރުކާރުން އަންނަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަމުންނެވެ.