އިންޓަނެޓް ހިދުމަތުގެ އަގު ހެޔޮ ކުރުމަށް ސަރުކާރުން ނިންމައި، މިއަދު އިއުލާން ކުރި އަގުތަކުގައި ހިދުމަތް ލިބިގަންނައިރު ޑޭޓާ ހުސްވިޔަސް އެކަށީގެންވާ ސްޕީޑެއްގައި ދެން ނެޓް ލިބޭނެ، ކަމަށާއި، އިތުރު ޑޭޓާ ނުގަތަސް ހިދުމަތަށް ފުދޭނެ ކަމަށް، ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސްގެ ސީއީއޯ އިލިޔާސް އަހުމަދު ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ، "ނެޓު ހެޔޮ"ގެ ދަށުން އިންޓަނެޓްގެ ހިދުމަތުގެ އަގުތަކަށް ސަރުކާރުން ގެނައި ބަދަލުތައް އިއުލާން ކުރުމަށް އޮންލައިންކޮށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނެވެ.

އިލިޔާސް ވިދާޅުވީ އިންޓަނެޓް ހިދުމަތުގެ އަގަށް ބަދަލު ގެނައުމަށް މަސައްކަތް ކުރެވުނުއިރު، ފާހަގަ ކުރެވުނު މައިގަނޑު ކަންތައްތަކަކީ، އިންޓަނެޓް ޕެކޭޖުތަކުގެ އަގު ބޮޑުވުމާއި މަސް ނިމުމުގެ ކުރިން ޕެކޭޖު ހުސްވުމާއި، ޕެކޭޖު ހުސްވުމުން ހިދުމަތް ތްރޮޓުލް ވެ، ސްޕީޑް ދަށްވުމާއި ހިދުމަތް ބޭނުން ކުރުމުގައި އެޑްއޮންނާއި ބޫސްޓަރު ފަދަ ކަންކަމަށް އިތުރު ހަރަދުތައް ކުރަންޖެހުން ކަމަށެވެ.

އެހެންކަމުން ހިދުމަތުގެ އަގު ހެޔޮ ކުރުމުގައި އެންމެ ބޮޑަށް ބެލީ އެ ހުރިހާ ކަންކަމަކަށް އެކަށީގެން ވާ ހައްލެއް ލިބޭ ގޮތަށް އިންޓަނެޓްގެ ހިދުމަތަށް ބަދަލު ގެންނަން ކަމަށް އިލިޔާސް ވިދާޅުވިއެވެ.

އިލިޔާސް އިތުރަށް ވިދާޅުވީ، ފިކްސްޑް ބްރޯޑްބޭންޑް އިންޓަނެޓްގެ ހިދުމަތުގެ މައިގަނޑު ތިން ޕެކޭޖުގެ އަގުތަކަށް މި ގެނައި ބަދަލާއެކު އަގުތައް ވަރަށް ބޮޑަށް ކުޑަކުރެވިފައިވާ ކަމަށެވެ.

މި ގެނައި ބަދަލާއެކު މިހާރު މާކެޓުގައި ހުރި އަގުތަކަށްވުރެ 30 ޕަސެންޓާ ހަމަށް ހިދުމަތުގެ އަގު ހެޔޮވެގެންދާނެ ކަމަށާއި، ޕެކެޖްތަކުގައި ހިމެނޭ ޑޭޓާ ހުސްވުމުން "ދެން ހިދުމަތް ބޭނުން ކުރުމުގައި ލިބޭ ސްޕީޑް ނުވަތަ އާއްމުކޮށް ކިޔާ ތުރޮޓުލް ސްޕީޑަށް ވެސް ހެޔޮ ބަދަލުތައް މިވަނީ ގެނެސްފައި، އެގޮތުން އެންމެ އަސާސީ ޕެކެޖުގައިވެސް ޓޭޑާ ހުސްވުމުން ދޭއް އެމްބީޕީއެސް ސްޕީޑުގައި މަސް ނިމެންދެން ހިދުމަތް ބޭނުން ކުރެވިގެންދާނެ، އަދި ދެން ހުރި ޕެކޭޖުތަކުގައި އެއަށްވުރެ ރަނގަޅު ސްޕީޑުގައި ފަހެއް އެމްބީޕީއެސްޕީ ސްޕީޑުގައި ޑޭޓާ ހުސްވުމަށްފަހު ވެސް ޕެކެޖުތައް މަސް ނިމެންދެން ބޭނުން ކުރެވޭނެ،" އިލިޔާސް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެންމެ އަސާސީ ޕެކޭޖުގައި ހިމެނޭ ސްޕީޑަކީ ޔޫޓިއުބް ސްޓްރީމިން އާއި ވީޑިއޯ އަދި ގޫގުލް މީޓްފަދަ ވީޑީއޯ ކޮންފަރެންސްގެ ހިދުމަތްތައް ވެސް އާދައިގެ ގޮތަކަށް ބޭނުން ކުރެވޭނެ ސްޕީޑެއް ކަމަށާއި، ފަހެއް އެމްބީޕީއެސް ސްޕީޑަކީ އެފަދަ ގިނަ ހިދުމަތްތަކެއް ހަމަ އެކަށީގެން ވާ ފެންވަރުގައި ބޭނުން ކުރެވޭނެ ސްޕީޑެއް ކަމަށެވެ.

"އެހެންކަމުން ޑޭޓާ ހުސްވުމަށްފަހުގައި ވެސް ހިދުމަތް ބޭނުންކުރުމުގެ ދެން ކޮންމެހެން މަޖުބޫރެއް ނުން އިތުރަށް ހަރަދު ކުރައްވައިގެން އެޑޯންސް ނުވަތަ ބޫސްޓާސް ބައްލަވައިގަންނަވާކަށް،" އިލިޔާސް ވިދާޅުވިއެވެ.

ފިކްސްޓް ބްރޯޑްބޭންޑްގެ ހިދުމަތަށް މި ގެނެވޭ ބަދަލާއެކު ހިދުމަތް ބޭނުންކުރާ ފަރާތްތަކުގެ 75 އިން ސައްތައަށްވުރެ ގިނަ ފަރާތްތަކަށް އަގުގެ ގޮތުން އެކަނިވެސް ފައިދާ ވެގެންދާނެ ކަމަށާއި، އަދި ތުރޮޓުލް ސްޕީޑަށް ގެނައި މި ބަދަލާއެކު ހުރިހާ ފަރާތަކަށް ވެސް އެކަމުގެ ފައިދާ ލިބޭނެ ކަމަށްވެސް އިލިޔާސް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އިންޓަނެޓުގެ އަގަށް ގެނައި ބަދަލާ އެއްގޮތަށް ކުންފުނިތަކުން ހިދުމަތްތައް ދޭތޯ ބަލާނެ ކަމަށާއި އެކަމާ ހިލާފުވެއްޖެނަމަ ފިޔަަވަޅު އަޅާނެ ކަމަށެވެ.