ޖުވާ ކުޅެން ނުވަތަ ބެޓްކުރަން ބޭނުންކުރާ ވެބްސައިޓްތައް ރާއްޖޭގައި ބްލޮކް ކުރަން ފަށައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "ވަން" އަށް މިއަދު ވިދާޅުވީ، ރާއްޖޭގައި އާއްމުކޮށް ޖުވާ ކުޅެން (ގޭމްބްލިން ނުވަތަ އޮންލައިން ކެސީނޯ) ކުޅެން ގެންގުޅޭ ވެބްސައިޓުތައް ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް)އާ ގުޅިގެން ބްލޮކް ކުރަން ފަށާފައިވާ ކަމަށެވެ.

"މިހާތަނަށް ހަތަރު ވެބްސައިޓެއް ބްލޮކް ކޮށްފައިވާ ކަމަށް މައުލޫމާތު ލިބެނީ،" އޮފިޝަލް ވިދާޅުވިއެވެ.

ނަމަވެސް ބްލޮކް ކޮށްފައިވަނީ ކޮން ވެބްސައިޓުތަކެއް ކަމެއް ނުބުނެއެވެ.

ޖުވާ ކުޅޭ ސައިޓްތައް ބޭނުންކުރާ މިންވަރު މި ފަހުން ރާއްޖޭގައި ވަރަށް ބޮޑަށް އިތުރުވެފައިވާއިރު ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި އެފަދަ ސައިޓުތައް ޕްރޮމޯޓުކުރުންވެސް ވަނީ އިތުރުވެފައެވެ. އޮންލައިން ޖުވާ ކުޅޭ ސައިޓުތައް ބްލޮކްކުރަން ފެށި އިރު، މިދިޔަ އަހަރު ފަހުކޮޅު ބަރަހަނާ ވެބްސައިޓުތައްވެސް ބްލޮކްކުރަން ވަނީ ފަށައިފައެވެ.