ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް) އިން ބްލޮކު ކުރި ވެބްސައިޓުތަކުގެ ލިސްޓު ހޯދުމަށް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން "ރައިޓް ޓު އިންފޮމޭޝަން ރިކުއެސްޓް (އާރުޓީއައި)" ހުށަހަޅައިފިއެވެ.

މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް ވޯކްސްގެ ދަށުން ހިންގާ ކޭމް އިން މިދިޔަ ބުރާސްފަތި ދުވަހު ވަނީ ސަރުކާރަށް ފާޑު ކިޔާ ދެ ވެބްސައިޓް، ކުރުސީ.ކޮމް އަދި ދިޔަވަރު.ކޮމް، ބްލޮކް ކޮށްފައެވެ. އޭގެ އިތުރުން ފުރަތަމަ.ކޮމްގެ ނަމުގައި ރަޖިސްޓްރީ ކޮށްގެން ހިންގަމުން އަންނަ ވެބްސައިޓެއްވެސް ވަނީ ބްލޮކޮށްފައެވެ. ނަމަވެސް އޭގެ ތެރެއިން "ފުރަތަމަ" ނޫސް ވަނީ މިދިޔަ ހުކުރު ދުވަހު އަންބްލޮކް ކޮށްފައެވެ.

އެމްޖޭއޭ އިން އެކްސްގައި މިއަދު ކުރި ޕޯސްޓެއްގައި ބުނީ ކޭމް އިން ބްލޮކު ކުރި ވެބްސައިޓުތަކުގެ ލިސްޓު ހޯދުމަށް އާރުޓީއައި ހުށަހަޅާފައިވާ ކަމަށާއި އެގޮތުން ބްލޮކު ކުރި ލިސްޓުގެ އިތުރުން ބްލޮކު ކުރުމަށްފަހު އަންބްލޮކް ކުރި ވެބްސައިޓުތަކުގެ ލިސްޓު ހޯދުމަށް ވެސް އެދިފައިވާނެ ކަމަށެވެ. އަދި ވެބްސައިޓުތައް ބްލޮކު ކުރި ދުވަހާއި އޮންބްލޮކް ކުރި ނަމަ، އެ ދުވަހަކާއި އޭގެ ސަބަބުތައް ހޯދުމަށް ވެސް އެމްޖޭއޭ އިން ވަނީ އެދިފައެވެ.

ކޭމް އިން އެ ވެބްސައިޓުތައް ބްލޮކް ކުރުމާ ގުޅިގެން އެމްޖޭއޭ އާއި ގިނަބައެއްގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވުމުން ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕާސަން މުހައްމަދު ޝަހީބު އެކްސްގައި މިދިޔަ ހުކުރު ދުވަހު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، އެމްޖޭއޭ އިން ބަޔާން ނެރުނީ އެއްވެސް ވަރަކަށް ކަންކަން ބެލުމެއް އަދި ދިރާސާ ކުރުމެއްނެތި ކަމަށެވެ.

"ރަޖިސްޓްރީ ކޮށްފައިވާ އެއްވެސް ނޫހަކަށް ސަރުކާރުން ފިޔަވަޅެއް ނާޅައި. ކޮންމެ ވެބްސައިޓަކީ ނޫހެއް ނޫން. އެމްޖޭއޭ އިން ބަޔާނެއް ނެރުމުގެ ކުރިން، ބަލަންވާ ވަރަށް ކަންކަން ބަލައި ދިރާސާކޮށްފައި ނެތްކަން ހިތާމާއެކު ފާހަގަކުރަން،" ޝަހީބު ވިދާޅުވެފައިވެއެވެ.

ނަމަވެސް އޭގެ ފަހުން އެމްޖޭއޭ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ރަޖިސްޓްރީކޮށްގެން ހިންގާ "ފުރަތަމަ ނިއުސް" ބްލޮކްކުރި ވާހަކަ ސަރުކާރުން ދޮގު ކުރި ނަމަވެސް، އެ ޖަމިއްޔާއިން ބަޔާން ނެރުމުގެ ކުރިން ވަނީ އެ ޖަމިއްޔާއާ އެފިލިއޭޓްވެފައިވާ ބޭރުގެ ސައިބާ ސެކިއުރެޓީ އެކްސްޕާޓުންގެ އެހީތެރިކަމާއެކު ލިބެން ހުރި ހެކިތައް ހޯދާފައި ކަމަށެވެ.

"އެ ބޭފުޅުން މި ޖަމިއްޔާއަށް މައުލޫމާތު ދެއްވީ 'ފުރަތަމަ.ކޮމް' ބްލޮކް ކޮށްފައިވަނީ ސީދާ ރާއްޖޭގެ ސާވިސް ޕްރޮވައިޑާ ކަމާއި ފެންނަން ހުރި ހެކިތަކަށް ބަލާއިރު އެއީ ސައިޓުގެ ވެރިފަރާތުން ކުރި ކަމެއް ކަމަށް ނުބެލެވޭ ކަމަށް. އަދި ސައިޓުގެ ވެރިފަރާތުން ވެސް އެގޮތަށް މި ޖަމިއްޔާއަށް ޝަކުވާ ހުށަހަޅާފައިވޭ،" އެމްޖޭއޭ އިން ބުނެފައިވެއެވެ.

އެމްޖޭއޭ އިން ބުނެފައިވަނީ، އެ ޖަމިއްޔާއިން ބަޔާނެއް ނެރުމުގެ ކުރިން، ހިންގާ ކޮމިޓީގެ މެމްބަރުންގެ މެދުގައި ބަހުސްކޮށް، ޖަމިއްޔާއާ އެފިލިއޭޓްވެފައިވާ ބައިނަލްއަގުވާމީ ނޫސްވެރިންނާ ގުޅުން ހުރި ޖަމިއްޔާތަކާ މަޝްވަރާކުރާ ކަމަށެވެ.

އެމްޖޭއޭ އިން މަސައްކަތްކުރަނީ ޒިންމާދާރުކަމާއެކު ނޫސްވެރިކަމުގެ ހައްގު ހިފަހައްޓައި ނެގެހެއްޓޭނެ ގޮތެއްގެ މަތިން ކަމަށާއި އެ މަސްއޫލިއްޔަތު އަދާކުރުމުގައި ފަހަތަށް ނުޖެހޭނެ ކަމަށް އެމްޖޭއޭ އިން ބުނެފައިވެއެވެ.