ޚަބަރު

ރާއްޖޭގައި ދޭ އިންޓަނެޓުގެ އެންމެ ދަށް ސްޕީޑަކީ 2 އެމްބީޕީއެސް ކަމަށް ހަމަޖައްސައިފި

ރާއްޖޭގައި ދޭ އިންޓަނެޓުގެ އެންމެ ދަށް ސްޕީޑަކީ ދެ އެމްބީޕީއެސް ކަމަށް ހަމަޖައްސައިފި އެވ.ެ

އިންޓަނެޓުގެ އަގުހެޔޮ ކުރުމަކީ، މި ސަރުކާރު ވެރިކަމަށް އައުމުގެ އެންމެ ބޮޑު ވައުދުތަކުގެ ތެރޭގައި ހިމެނޭ އެއް ކަންތަކެވެ. ވާޗުއަލްކޮށް މިއަދު ހެނދުނު ބޭއްވި ހަފުލާއެއްގައި ސަރުކާރުން ވަނީ އެ އަގުތައް އާންމުކޮށްފައެވެ.

އެގޮތުުން އަންނަ ޖުލައި މަހުން ފެށިގެން ރެސިޑެންޝިއަލް ނުވަތަ ބްރޯޑްބޭންޑް އިންޓަނެޓުގެ ހިދުމަތުގެ އަގުތަކަށާއި ސްޕީޑަށް ތިން އަގެއް ސަރުކާރުން ވަނީ ކަނޑައަޅައިފައެވެ.

އެއީ 250 ރުފިޔާއަށް 5 އެމްބީޕީއެސްގެ ސްޕީޑުގައި 30 ޖީބީ ލިބޭ ޕެކޭޖަކާއި 500 ރުފިޔާއަށް 15 އެމްބީޕީއެސްގެ ސްޕީޑުގައި 100 ޖީބީ ލިބޭ ޕެކޭޖެއް އަދި 750 ރުފިޔާއަށް 25 އެމްބީޕީއެސްގެ ސްޕީޑުގައި 200 ޖީބީ ލިބޭ ޕެކޭޖެކެވެ.

މި ތިން އަގުގެ ތެރެއިން 5 އެމްބީޕީއެސް ސްޕީޑު ލިބޭ ޕެކޭޖުގެ ތްރޮޓަލް ސްޕީޑު ނުވަތަ އެންމެ ދަށް ސްޕީޑަކީ 2 އެމްބީޕީއެސްއެވެ. އަނެއް ދެ ޕެކޭޖުގެ ތްރޮޓަލް ސްޕީޑަކީ 5 އެމްބީޕީއެސްއެވެ.

މި ބަދަލާއެކު އިންޓަނެޓު ޕެކޭޖުތަކުގެ ތްރޮޓަލް ސްޕީޑު މިވަނީ ދެގުނަ އަދި ފަސް ގުނަ މަތިވެފައެވެ. މިހާރު ޖުމުލަ ގޮތެއްގައި ތްރޮޓަލް ސްޕީޑަކީ 1 އެމްބީޕީއެސް އާއި 2 އެމްބީޕީއެސްއާ ދެމެދެވެ.

ސަރުކާރުން ބުނީ، ތްރޮޓްލް ސްޕީޑް މަތިވުމުން، އިންޓަނެޓުގެ ޒަރީއާ އިން ބޭނުންކުރާ ގިނަ ހިދުމަތްތަކަށް ސްޕީޑު ދަށްވުމުގެ ސަބަބުން ދިމާވާ މައްސަލަތައް ނިސްބަތުން ދަށްވެ، ޑޭޓާ އެޑް-އޮންސް އަށް ކުރާ ހަރަދު އުނިވެގެންދާނެ ކަމަށެވެ.