ކޮވިޑާ ގުޅިގެން މާލެ ސަރަހައްދުގެ މިސްކިތްތައް ބަންދުކުރަން ނިންމައިފިއެވެ.

އިސްލާމިކް މިނިސްޓްރީން މިރޭ ބުނީ ރާއްޖޭގައި ހަލުވިކަމާއެކު ކޮވިޑް ފެތުރެމުންދާތީ، މިހާރުގެ ހާލަތަށް ރިއާޔަތްކޮށް، އިތުރަށް މި ވައިރަސް ރާއްޖޭގައި ފެތުރުން ހުއްޓުވުމަށްޓަކައި އަޅާ ރައްކާތެރިކަމުގެ މުހިންމު ފިޔަވަޅެއްގެ ގޮތުން، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހާއި ދީނީ އިލްމުވެރިންގެ ލަފާގެ މަތިން، މިދިޔަ ބުދަ ދުވަހުން ފެށިގެން މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން މެދުކަނޑާލެވިފައިވާ ކަމަށެވެ.

މިނިސްޓްރީން ބުނީ ކޮވިޑުން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން މިރޭ ފަތިސް ނަމާދުން ފެށިގެން މާލޭގެ މިސްކިތްތައް ބަންދުކުރުމަށް ނިންމާފައިވާ ކަމަށެވެ.

"އާންމު ރައްޔިތުންގެ ހައްގުގައި އެކަން ކުރިކަމުގައިވިޔަސް ބައެއް ފަރާތްތަކުން އެ އެންގުންތަކަށް ތަބާނުވެ ބައެއް މިސްކިތްތަކުގައި ގައިދުރުކަމެއްނެތި ޖަމާއަތް ހަދަމުންދާތީ އާއި ކޮވިޑުގެ ހާލަތު މާލޭގައި ފެތުރުން ކޮންޓްރޯލު ނުކުރެވޭތީ އާއި މިއަދުން ފެށިގެން ހުއްދައާ ނުލައި އާންމުން ބޭރަށް ނުކުމެ އުޅުންވެސް މަނާކުރެވިފައިވާތީ، ކޮވިޑުން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން މިރޭ ފަތިސް ނަމާދުން ފެށިގެން މާލޭގެ މިސްކިތްތައް ބަންދުކުރުމަށް ނިންމި ވާހަކަ އާންމުންގެ މައުލޫމާތަށްޓަކައި ދަންނަވަން،" މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ވަނީ މި ދަނޑިވަޅުގައި މިސްކިތަށް ނުދެވުނަސް، ފަރުޟު ފަސް ނަމާދު ބަރާބަރަށް އަދާކުރުމަށާއި ސުންނަތް ނަމާދު ގިނަކޮށް، ކީރިތި ގުރުއާން ކިޔަވައި، އިސްތިޣްފާރު ކުރުމަށާއި މި ބަލިމަޑުކަމުން އަވަހަށް ސަލާމަތް ކޮށްދެއްވުން އެދި ގިނަގިނައިން ދުއާ ކުރުމަށް ނަސޭހަތްތެރިވެފައެވެ.