ދުނިޔޭގައި ގިނައީ އެންމެ ޑޯޒެއްވެސް ނުލިބޭ ގައުމުތައް ކަމަށާއި ރާއްޖޭގެ އާބާދީގެ 69 ޕަސެންޓަށް ވެކްސިން ޖެހިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސޯލިހު ވިދާޅުވީ، ދުނިޔޭގެ ހުރިހާ ގައުމަކަށްވެސް ވެކްސިން ހޯދުމުގައި ދަތިތަކެއް އެބަހުރި ކަމަށެވެ. އެގޮތުން ދުނިޔޭގައި ގިނައީ ވެކްސިންގެ އެންމެ ޑޯޒެއްވެސް ނުލިބޭ ގައުމުތައް ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ރާއްޖޭގައި މިހާތަނަށް މިވަނީ އާބާދީގެ 69 އިންސައްތަ މީހުންނަށް ވެކްސިންގެ ފުރަތަމަ ޑޯޒް ދެވިފައި. ފާހަގަކޮށްލަން ޖެހޭ ދުނިޔޭގަައި ގިނައީ ވެކްސިންގެ އެންމެ ޑޯޒެއްވެސް ނުލިބޭ ގައުމުތައް،" ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، ޑޮކްޓަރުންގެ ލަފައަކީ އެއިރަކު ލިބުނު ވެކްސިނެއް ޖެހުން ކަމަށެވެ. އެގޮތުން ވެކްސިންގެ ފުރަތަމަ ޑޯޒް ވީހާވެސް ގިނަ ބަޔަކަށް ޖެހުމަކީ ޑޮކްޓަރުންގެ ލަފައެއް ކަމަށް ވިދާޅުވިއެވެ.

ރާއްޖޭގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުމަށް ފަހު ދެވަނަ ޑޯޒް ނުޖެހި ތިބި މީހުންގެ ކަންބޮޑުވުންތަކަށް ހައްލެއް ހޯދުމަށް ދޭދޭ ގައުމުތަކާއެކު މަޝްވަރާ ކުރަމުން އަންނަ ކަމަށާއި ވެކްސިން ލިބުން ލަސްވަނީ ދަތުރުފަތުރުކުރުމުގައި ހުރި ދަތިތަކުގެ ސަބަބުން ކަމަށް ރައީސް ވިދާޅުވިއެވެ.

ރާއްޖޭގައި ދެމުން އަންނަނީ ފައިޒާ ވެކްސިނާއި ކޮވިޝީލްޑް ވެކްސިންގެ އިތުރުން ސިނޮފާމް ވެކްސިނެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފައިވާ ގޮތުގައި 300،000 އަށްވުރެ ގިނަ މީހުން ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައިފައެވެ. އަދި 150،000 އަށްވުރެ ގިނަ މީހުން ވަނީ ވެކްސިންގެ ދެވަނަ ޑޯޒް ޖަހައިފައެވެ.

ރާއްޖޭގެ އާބާދީގެ އެންމެންނަށް ވެކްސިން ހިލޭ ފޯރުކޮށްދިނުމަކީ ރައީސްގެ ވައުދުފުޅެކެވެ.