ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، މިރޭ 10:00 ގައި ނޫސްވެރިންނާ ބައްދަލުކުރައްވަން ނިންމަވައިފިއެވެ.

ރައީސް ސޯލިހުގެ ތަރުޖަމާނު މަބްރޫކް އަބްދުލްއަޒީޒް ދެންމެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކޮވިޑާ ގުޅިގެން އަޅަން ނިންމާފައިވާ ފިޔަވަޅުތަކާއި ޕޮލިސީތަކުގެ އެންމެ ފަހުގެ މައުލޫމާތު ހާމަކުރެއްވުމަށްޓަކައި ރައީސް ސޯލިހު މިރޭ 10:00 ގައި ނޫސްވެރިންނާ ބައްދަލުކުރައްވަން ނިންމަވާފައިވާ ކަމަށެވެ.

ރައީސް ނޫސްވެރިންނާ ބައްދަލުކުރައްވަން ނިންމަވާފައިވާ އިރު، މާލެ ސަރަހައްދުގެ ކޮވިޑް ހާލަތު އިތުރަށް ގޯސްވެ، މާދަމާއިން ފެށިގެން އިތުރު ފިޔަވަޅުތައް އެޅުމަށް ވަނީ ނިންމައިފައެވެ.

ސަރުކާރުން އަޅަން ނިންމާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި، ހަވީރު 4:00 އިން އިން ހެނދުނު 8:00 އަށް މާލޭ ސަރަހައްދުގައި ކާފިއު ހިންގަން ވަނީ ނިންމައިފައެވެ. އަދި ހެނދުނު 8:00 އިން ހަވީރު 4:00 އަށް ބޭރުގައި އުޅެވޭނީ ކޮންމެ ގެއަކަށް ދޫކުރާ ފާސް ހިފައިގެންނެވެ.

އެގޮތުން ކޮންމެ ގެއަކަށް ދޫކުރުމަށް ނިންމާފައިވަނީ ދެ ފާހެވެ. ދެ ފާސް ދޫކުރާނީ ދެ ދަންފަޅިއަކަށް ބަލާހައިގެންނެވެ. ފުރަތަމަ ދަންފަޅީގައި ބޭރުގައި އުޅެވޭނީ ހެނދުނު 8:00 އިން މެންދުރު 12:00 އަށް އަދި ދެވަނަ ދަންފަޅީގައި 12:00 އިން ހަވީރު 4:00 އަށެވެ.

މާދަމާއިން ފެށިގެން މާލެ އިން ހުޅުމާލެއަށް އަދި ހުޅުމާލެއިން މާލެއަށް ދިއުންވެސް މަނާވާނެއެވެ. ނަމަވެސް މާލެ އާއި ވިލިމާލެއާ ދެމެދު ދަތުރުކުރެވޭނެއެވެ.

ފިހާރަތަކާއި ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުން ޑެލިވަރީ ކުރެވޭނީ ހެނދުނު 6:00 އިން މެންދަމު 12:00 އަށެވެ. އަދި ކާފިއު ގަޑީގައި ތަންތަނަށް ވަދެ ވިޔަފާރިކުރާ ނަމަ 5000 ރުފިޔާއިން ޖޫރިމަނާ ކުރާނެއެވެ.