ފުލުހުންނާއި ސިފައިން ގުޅިގެން މިމަހުގެ 15 ވަނަ ދުވަހު އައްޑުގައި ހިންގި އޮޕަރޭޝަނުގައި ހައްޔަރު ކުރި މީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިސަރު "ވަން"އަށް މައުލޫމާތު ދެއްވަމުން މިއަދު ވިދާޅުވީ އެ އޮޕަރޭޝަނުގައި އެންމެ ފުރަތަމަ ހަތް މީހަކު ހައްޔަރު ކުރި ކަމަށެވެ. އަދި އޭގެ ފަހުން ދެ މީހަކު ހައްޔަރު ކުރި ކަމަށްވެސް ވިދާޅުވި އެވެ.
އޮފިސަރު ވިދާޅުވީ ފަހުން ހައްޔަރު ކުރި ދެ މީހުންގެ ބަންދަށް ފުރަތަމަ ފަހަރަށް ޖެހީ ފަސް ދުވަސް ކަމަށެވެ. އޭގެ ފަހުން ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން އޭގެ ތެރެއިން އެކަކު ދޫކޮށްލާފައިވާ ކަމަށެވެ. ނަމަވެސް އޭނާ ދޫކޮށްލީ ކީއްވެގެން ކަމެއް އަދި ހާމަކޮށްފައެއް ނުވެ އެވެ.
މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ސުވާލު ކުރުމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވަނީ ހާޒިރު ކޮށްފަ އެވެ. މިޖަލްސާގައި ވާހަކަ ދައްކަވަމުން އިމްރާން ވިދާޅުވީ ހަރުކަށި ފިކުރުގެ މީހުން ބަންދުގައި ބޭތިއްބުމަށް ގާނޫނީ ގޮތުން ހުރަސްތަކެއް ހުރިކަމަށެވެ.
އެގޮތުން އައްޑޫ ސިޓީގައި ފުލުހުން ހިންގި އޮޕަރޭޝަނުގައި ހައްޔަރު ކުރި މީހުންގެ ތެރެއިން އެކަކު ދޫކޮށްލާފައިވާ ކަމަށާއި ބާކީ ތިބި މީހުންވެސް މިހާރު ޖަހާފައިވާ ބަންދުގެ މުއްދަތު ހަމަވުމުން ދެން މުއްދަތު ޖަހައި އިތުރަށް ބަންދުގައި ބައިތިއްބާނެ ކަމުގެ ޔަގީންކަމެއް ނެތް ކަމަށެވެ.
އިމްރާން ވިދާޅުވީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް މިފަހުން ވެސް ބޮޑެތި ބަދަލުތަކެއް ގެނެސް، ފުލުހުންނަށް ބޮޑެތި ބާރުތަކެއް ދިން ނަމަވެސް، އަދިވެސް އެފަދަ ފަރާތްތައް ރީހެބިލިޓޭޓް ކުރެވެންދެން ދައުލަތުގެ ބެލުމުގެ ދަށުގައި ބޭތިއްބޭނެ ގޮތެއް ގާނޫނަކުން ދައްކައިދީފައި ނުވާ ކަމަށެވެ.
މިމަހުގެ ހަ ވަނަ ދުވަހު ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝިދަށް އަމާޒުކޮށްގެން ދިން ބޮމުގެ ހަމަލާއާ ގުޅިގެން ފުލުހުންނާއި ސިފައިން އަންނަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮޕަރޭޝަންތައް ކުރިއަށް ގެންދަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު