ކޮވިޑް ޖެހިގެން ފަރުވާ ދެމުން އަންނަ މީހުންގެ 86 އިންސައްތައަކީ ވެކްސިން ނުޖަހާ މީހުން ކަމަށް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަފްޒަލް ވިދާޅުވީ، ރާއްޖޭގައި މިހާތަނަށް ކޮވިޑަށް ޕޮޒިޓިވް ވި މީހުންގެ ތެރެއިން އެނދުމަތި ކޮށްގެން ފަރުވާދޭން ޖެހިފައިވަނީ ދޭއް އިންސައްތަ މީހުންނަށް ކަމަށެވެ.

ޑރ. އަފްޒަލް ވިދާޅުވީ، ކޮވިޑަށް ޕޮޒިޓިވް މީހުންގެ ތެރެއިން 87 އިންސައްތައަކީ ކޮވިޑް ވެކްސިން ނުޖަހައި ތިބި މީހުން ކަމަށެވެ. އަދި ހޮސްޕިޓަލުތަކުގައި އެނދުމަތި ކޮށްގެން ފަރުވާ ދެމުން އަންނަ މީހުންގެ 86 އިންސައްތައަކީވެސް ވެކްސިން ނުޖަހާ މީހުން ކަމަށް ވިދާޅުވިއެވެ.

"ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ މީހުންގެ ތެރެއިން 86 އިންސައްތައަކީ ވެކްސިން ނުޖަހާ ފަރާތްތައް. ބާކީ 14 އިންސައްތައަކީ ވެކްސިން ޖެހި ފަރާތްތައް" ޑރ. އަފްޒަލް ވިދާޅުވިއެވެ.

ވެކްސިން ޖެހި މީހުންގެ ގޮތުގައި ބަލަނީ ވެކްސިންގެ އެއް ޑޯޒް ނަމަވެސް ޖަހާފައި ވާ ނަމައެވެ.

ޑރ. އަފްޒަލް އިތުރަށް ވިދާޅުވީ، ވެކްސިން ޖެހުމުން ބަލިން ރައްކާތެރިކަން ލިބޭ ކަމަށާއި އެހެންކަމުން ވެކްސިން ޖެހުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި ވެކްސިން ޖެހި މީހުންނަށް ބަލީގައި ބޮޑުވަރުވުން ކުޑަކަމަށްވެސް އޭނާ ވިދާޅުވިއެވެ.