މާލެ ލޮކްޑައުން ކުރަން ނިންމާފައިވާ ކަމަށް ދެކެވޭ ވާހަކަތައް ސަރުކާރުން ދޮގުކޮށްފިއެވެ.
އަންނަ އަންގާރަ ދުވަހުން ފެށިގެން މާލެ ސަރަހައްދު ލޮކްޑައުން ކުރުމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހުށަހަޅާފައިވާ ކަމަށް ބައެއް ނޫސްތަކުގައި ވަނީ ރިޕޯޓުކޮށްފައެވެ.
އެކަން ދޮގު ކުރައްވައި ރައީސްގެ ތަރުޖަމާނު މަބްރޫކް އަބްދުލްއަޒީޒް މިރޭ "ވަން" އަށް ވިދާޅުވީ ރައީސާއެކު ބާއްވާ އެކިއެކި ބައްދަލުވުންތަކުގައި ސިއްހީ ހިދުމަތްތެރިން، އަޅަންޖެހޭ އެކިއެކި ފިޔަވަޅުތައް ހުށަހަޅައި އަބަދުވެސް މަޝްވަރާ ކުރެވެމުންދާ ކަަމަށެވެ.
"ނަމަވެސް މާލެ ސަރަހައްދު ލޮކްޑައުން ކުރަން ސަރުކާރުން މިހާތަނަށް ނިންމައިފައެއް ނުވޭ،" މަބްރޫކް ވިދާޅުވިއެވެ.
މާލެ ސަރަހައްދުގައި ކޭސްތައް އިތުރުވުމާ ގުޅިގެން ގިނަ ފަރާތްތަކަކުން ދަނީ މާލެ ސަރަހައްދު ލޮކްޑައުން ކުރުމަށް ގޮވާލަމުންނެވެ. އޭގެ ތެރޭގައި ސިއްހީ ހިދުމަތްތެރިންވެސް ހިމެނެއެވެ.
ރާއްޖޭގެ ކޮވިޑުގެ ހާލަތު އިތުރަށް ގޯސްވެ، ބަލި ޖެހޭ މީހުންގެ ނިސްބަތް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެގޮތުން އިއްޔެ އެކަނިވެސް 2000 އަށްވުރެ ގިނަ ކޭސް ވަނީ ރިޕޯޓްކޮށްފައެވެ.
މިހާރު މި ބައްޔަށް 20،000 އަށްވުރެ ގިނަ މީހުން އަންނަނީ ފަރުވާ ހޯދަމުންނެވެ. އަދި މި ބަލި ޖެހުނު މީހުންގެ އަދަދު ވަނީ ބައި ލައްކަ އަށްވުރެ މައްޗަށް އަރައިފައެވެ.
ކޮވިޑްގެ ހާލަތު އިތުރަށް ގޯސްވެ، މި ބަލީގައި މަރުވާ މީހުންގެ އަދަދުވެސް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެގޮތުން މިއަދުވެސް ހަތަރު މީހަކު މަރުވެފައިވާ އިރު، މިހާތަނަށް ރާއްޖެއިން މި ބަލީގައި 120 މީހަކު ވަނީ މަރުވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު