ކޮވިޑާ ގުޅިގެން އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އައްޑޫ ސިޓީ އާއި ފުވައްމުލަކު ސިޓީ އަދި ލ. ގަމުގައި ހަވީރު 4:00 އިން ފަތިހު 4:00 އަށް ކާފިއު ހިންގުމަށް ނިންމައިފިއެވެ.
ޑިރެކްޓާރ ޖެނަރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ނެރުނު އެންގުމެއްގައި ބުނީ މާދަމާ އިން ފެށިގެން ހަތް ދުވަހުގެ މުއްދަތަށް ފިޔަވަޅުތައް އެޅުމަށް ނިންމާފައިވާ ކަމަށެވެ.
އެޗްޕީއޭ އިން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި އައްޑޫ، ފުވައްމުލަކު އަދި ގަމުގައި ހިންގަމުންދިޔަ ކާފިއު ހަވީރު 4:00 އިން ފަތިހު 4:00 އަށް އިތުރުކުރުން ހިމެނެއެވެ. އަދި ޕާޓީތަކާއި ހަފުލާތަކާއި ރަސްމިއްޔާތުތައް ބޭއްވުން ހުއްޓައިލުމާއި އައްޑޫ ސިޓީގެ އެއްރަށުން އަނެއް ރަށަށް ދަތުރުކުރުން ހުއްޓައިލުމާއި
ފުވައްމުލަކާއި ގަމުގެ އެއް އަވަށުން އަނެއް އަވަށަށް ދަތުރުކުރުން ހުއްޓައިލުން ވެސް ހިމެނެއެވެ.
އޭގެ އިތުރުން އެއްގެއިން އަނެއް ގެއަށް ޒިޔާރަތް ކުރުން ހުއްޓާލައި، އެއްފަހަރާ ތިން މީހުންނަށް ވުރެ ގިނަ މީހުން މަގުމައްޗާއި އާންމު ތަންތާނގައި އެއްވެ އުޅުން ހުއްޓައިލުމަށް ވަނީ އަންގައިފައެވެ. އަދި ސެލޫންތަކާއި ޖިމްތާކާއި ބޯކޮށާ ތަންތަން ބަންދުކުރުމަށް އަންގައި، ހުރިހާ ކުޅިވަރު ހަރަކާތްތަކާއި ކަސްރަތުގެ ހަރަކާތްތައް ހިންގުން ހުއްޓައިލުމަށް ވެސް ވަނީ އަންގައިފައެވެ.
އެޗްޕީއޭ އިން ވަނީ އެ ރަށްތަކުގައި ޔުނިވާސިޓީތަކާއި ކޮލެޖުތަކަށް ދަރިވަރުން ހާޒިރުވެގެން ކުލާސްތައް ކުރިއަށް ގެންދިޔުން ހުއްޓައިލުމަށް އަންގައިފައެވެ. އަދި ހޮޓާތަކާއި ކެފޭތަކާއި ރެސްޓޯރަންޓުތަކާއި، ކާބޯތަކެތީގެ ހިދުމަތް ދޭ އެހެނިހެން ތަންތަނުން ދެމުންގެންދާ ހިދުމަތްތައް ހުއްޓައިލުމަށް ވެސް ވަނީ އަންގައިފައެވެ. އޭގެ ތެރޭގައި ޓޭކްއަވޭއާއި ޑެލިވަރީގެ ހިދުމަތެއް ނުހިމެނެއެވެ. ނަމަވެސް، ކާފިއު ވަގުތުގައި ޓޭކްއަވޭގެ ހިދުމަތެއް ނުދެވޭނެއެވެ.