އިމްތިޔާޒް ފަހުމީ

ދައުވާ ނުކުރެވޭނެ އެއްވެސް މީހެއްގެ ނަން ބޮޑު ހިޔާނާތުގެ ލިސްޓުގައި ނޯންނާނެ ކަަމަށް ކޮމިޝަނުން ބުނި: އިންތި

އިބްރާހިމް ޒަކީ

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި ދައުވާ ނުކުރެވޭނެ އެއްވެސް މީހެއްގެ ނަމެއް، ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީ އާއި ސަލާމަތީ ހިދުމަތްތަހާބެހޭ ކޮމިޓީ ހިމެނޭ ޖޮއިންޓް ކޮމިޓީން ނެރުނު ހިޔާނާތުގެ ލިސްޓުގައި ނުހިމެނޭނެ ކަމަށް، އެސެޓް ރިކަވަރީ ކޮމެޓީން ބުނެފައިވާ ކަމަށް އެ ކޮމިޓީގެ މުގައްރިރު އަދި ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.

އިންތި މިހެން ވިދާޅުވީ، ބޮޑު ހިޔާނާތުގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮތުގައި ކުރިން ތިއްބެވި ފަރާތްތަކާއި މިހާރު ތިއްބެވި ފަރާތްތަކުގެ އިތުރުން، ސަރުކާރުގެ ވަޒީފާ ތަކާއި އެކި މުއައްސަސާތަކާއި ސަލާމަތި ބާރުތަކުގައި، ކުރިން ތިއްބެވި ފަރާތްތަކާއި މިހާރު ތިއްބެވި ފަރާތްތަކުގެ މައްޗަަށް، އެސެޓް ރިކަވަރީ ކޮމިޝަނުން ހިންގާ ޖިނާއީ ތަހުގީގު ލަސްވަމުންދާ މައްސަަލަ ބަލައި ރައްޔިތުންގެ މަޖިލިހުގެ ޖުޑިޝަރީ ކޮމިޓީ އާއި ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ ހިމެނޭ ޖޮއިންޓް ކޮމިޓީން އެކުލަވާލި ތަހުގީގީ ރިޕޯޓު މަޖިލިސް ޖަލްސާއަށް ހުށަހެޅުއްވުމުންނެވެ.

އެ މައްސަލަ ބަލައި ދިނުމަށް އެދި ރައްޔިތުންގެ މަޖިލިހަށް ހުށަހެޅުއްވީ، އެމްޑީޕީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނދު ދާއިރާގެ މެންބަރު ހަސަން ލަތީފެވެ. އެ މައްސަލަ ޖޮއިންޓް ކޮމީޓީން ބަލަން އެންގެވީ ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދެވެ.

އެ ކޮމިޓީގެ ރިޕޯޓު މަޖިލީހަށް ހުށަހަޅުއްވަމުން އެ ކޮމިޓީގެ މުގައްރިރުގެ ގޮތުގައިވެސް ހިމެނިވަޑައިގަންނަވާ އިންތި ވިދާޅުވީ، ބޮޑު ހިޔާނާތުގެ މައްސަލަ ބެލުމަކީ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ވައުދެއް ކަމަށާއި އަދި އެއީ އެމްޑީޕީގެވެސް ވައުދެއް ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މި މައްސަލަ އެ ކޮމިޓީއަށް ފޮނުއްވީ، އެ މައްސަލަތަކާބެހޭ ހުރިހާ މައުލޫމާތު ކޮމިޓީއާ ހިއްސާ ކުރުމަށް އެދި، އެސެޓް ރިކަވަރީ ކޮމިޝަނާއި އޭސީސީ އާއި ފުލުހުންނާއި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ސިޓީ ފޮނުއްވުމަށްފަހުގައި ކަމަށްވެސް އިންތި ވިދާޅުވިއެވެ.

އެ މައްސަލަ ކޮމިޓީން ކުރިއަށް ގެންދަން ނިންމާފައި ވަނީ، އެކި މަރުހަލާތަކަށް ބަހާލައިގެންކަން ފާހަގަކުރައްވައި އިންތި ވިދާޅުވީ، މިފަހަރު އެކުލަވާލި ރިޕޯޓަކީ، ދައުލަތުގެ އެކި މަގާމުތަކުގައި ކުރިން ތިއްބެވި ފަރާތްތަކާއި މިހާރު ތިއްބެވި ފަރާތްތަކާ ގުޅޭގޮތުން އެކުލަވާލި ރިޕޯޓެއް ނަމަވެސް ކުރިއަށް އޮތް މަރުހަލާތަކުގައި، ބޮޑު ހިޔާނާތާބެހޭ ކުންފުނިތަކާބެހޭ މައްސަަލަތައް ބަލާނެ ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ، ބޮޑު ހިޔާނާތުގެ ފައިސާ ލިބިފައިވާ މީހުން ކަމަށް އެސެޓް ރިކަވަރީ ކޮމިޝަނުން، އެ ކޮމީޓީއަށް ހުށަހަޅައިގެން އާންމު ކުރި ލިސްޓުގައި ހިމެނޭ މީހުންނަކީ، ހިޔާނާތުގެ މީހުންކަން ދެނެގަތުމަށް ގެންގުޅުނު މިންގަނޑުތައްވެސް ކޮމިޓީއާ ހިއްސާ ކޮށްފައިވާ ކަމަށެވެ. އަދި ލިސްޓު އެކުލަވާލާފައި ވަނީ އެ މިންގަނޑުތަކުގެ މައްޗަށް ކަމަށް ވިދާޅުވިއެވެ.

އޭގެ އިތުރުން އެ ލިސްޓުގައި ބޮޑު ހިޔާނާތުގެ ތުހުމަތު ކޮށްފައިވާ ފަރާތްތަކަކީ ބޭންކު ސްޓޭޓްމެންޓު ނުވަތަ ބޭންކުގެ އެހެން ސްޓޭޓްމަންޓަކުން ނުވަތަ މީހެއްގެ ބަޔާނަކުން ނުވަތަ ޑިޖިޓަލް އެވިޑެންސުން ލިބުނު މައުލޫމާތުގެ އަލީގައި ލިސްޓުގައި ހިމަނާފައިވާ ފަރާތްތަކެއް ކަމަށްވެސް ވިދާޅުވިއެވެ.

ބޮޑު ހިޔާނާތާބެހޭ ދައުވާއެއް އުފުލުމުގެ ފުރުސަތު ނެތް ފަރާތްތަކެއް، އެ ލިސްޓުގައި ހިމަނާފައިނުވާނެ ކަމަށް އެސެޓް ރިކަވަރީ ކޮމިޝަނުން ބުނެފައިވާ ކަމަށް އިންތި ވިދާޅުވި އިރު، އެ ލިސްޓުގައި ހިމެނޭ އެންމެންނަކީ އެކަމުގައި ބައިވެރިވިކަން ސާބިތުވާ މީހުން ނޫން ކަމަށް އެސެޓް ރިކަވަރީ ކޮމިޝަނުން ވަނީ ބުނެފައެވެ.