ކޮވިޑުން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން މާލެ ސަރަހައްދުގައި ޖަމާއަތުގައި ނަމާދު ކުރުން މެދުކަނޑާލާފައިވާ މުއްދަތު އިތުރު ހަފުތާއަކަށް ދަމަހައްޓަން ނިންމައިފިއެވެ.
މާލެ ސަރަހައްދުގައި ކޮވިޑުގެ ހާލަތު ގޯސްވުމާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ މި މަހުގެ 12 އިން ފެށިގެން މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން ހުއްޓާލުމަށް އަންގައިފައެވެ. އެ ފަހަރު އަންގާފައިވަނީ ހަފުތާއެއްގެ މުއްދަތަށެވެ. އެ މުއްދަތު މިއަދަށް ވަނީ ހަމަވާނެއެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ނެރެނު ބަޔާނެއްގައި ވަނީ ރާއްޖޭގައި ހަލުވިކަމާއެކު ކޮވިޑް ފެތުރެމުންދާތީ، މިހާރުގެ ހާލަތަށް ރިއާޔަތްކޮށް، އިތުރަށް މި ވައިރަސް ރާއްޖޭގައި ފެތުރުން ހުއްޓުވުމަށްޓަކައި އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހާއި ދީނީ އިލްމުވެރިންގެ ލަފާގެ މަތިން މިއަދުން ފެށިގެން މިމަހުގެ 25 ވަނަ ދުވަހުގެ އިޝާ ނަމާދުގެ ނިޔަލަށް މޭލެ ސަރަހައްދުގައި ހިމެނޭ މިސްކިތްތަކުގައި ފަރުޟު ނަމާދުތަކާއި ހުކުރު ނަމާދުގެ ޖަމާއަތް ނުހެދުމަށް ނިންމާފައިވާ ކަމަށެވެ.
މި ދަނޑިވަޅުގައި މިސްކިތުގެ ޖަމާއަތުގައި ނަމާދު ނުކުރި ނަމަވެސް ފަރުޟު ފަސް ނަމާދު ބަރާބަރަށް އަދާކުރުމަށާއި ސުންނަތް ނަމާދު ގިނަކޮށް، ކީރިތި ގުރުއާން ކިޔަވައި، ގިނަ ގިނައިން ދުއާކޮށް، އިސްތިޣްފާރު ކުރުމަށް މިނިސްޓްރީން ވަނީ ނަސޭހަތްތެރިވެފައެވެ.
ކޮވިޑާ ގުޅިގެން މީގެ ކުރިންވެސް އެކި ފަހަރުމަތިން މާލޭ ސަރަހައްދުގައި ޖަމާއަތުގައި ނަމާދު ކުރުން މަނާކުރިއެވެ. މިސްކިތްތަކުގައި ކައިރިކައިރީ ސަފު ހަދައިގެން ޖަމާއަތުގައި ނަމާދު ކުރުމަށް އެންމެ ފަހުން ހުއްދަ ދީފައިވަނީ މިދިޔަ އޭޕްރީލް މަހުގެ ދެވަނަ ދުވަހުއެވެ.
ރާއްޖޭގައި ކޮވިޑުގެ ނަންބަރުތައް އިތުރުވުމާއެކު އެޗްޕީއޭއިން ވަނީ މާލޭ ސަރަހައްދުގައި ހަވީރު ހަތަރަކުން ފަތިހު ހަތަރަކަށް ކާފިއު ހިންގަން ނިންމައިފައެވެ. އަދި ކެފޭ/ ރެސްޓޯރެންޓްތަކުގައި ތިބެގެން ހިދުމަތް ދިނުން ހުއްޓާލުމަށްވެސް ވަނީ އަންގައިފައެވެ.
ރާއްޖޭގެ ހާލަތު އިތުރަށް ގޯސްވެ، ދުވާލެއްގެ މައްޗަށް 1000 އަށްވުރެ ގިނަ މީހުން މިހާރު ކޮވިޑަށް ޕޮޒިޓިވްވެއެވެ. އަދި ރެކޯޑް އަދަދަކަށް މީހުން ކޮވިޑަށް ޕޮޒިޓިވްވަމުންދާ އިރު، އެކްޓިވް ކޭސްގެ އަދަދު މިހާރު ވަނީ 16،000 އަށްވުރެ މައްޗަށް އަރައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު