މެންބަރު އިބްރާހީމްް ރަޝީދު

ސަލާމަތީ ބާރުތަކުން ރައީސް ނަޝީދަށް ރައްކާތެރިކަން ދީފައިވާ ކަމަށް ގަބޫލެއް ނުކުރަން: ބޮންޑާ

އިބްރާހިމް ޒަކީ

މިމަހު ހަ ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަ ކޮށްލަން ޓެރަރިސްޓް ހަމަޅާ ދިން އިރު، އެމަނިކުފާނަށް ރައްކާތެރިކަން ދީފައިވާ ކަމަށް ސަލާމަތީ ބާރުތަކުން ބުނި ނަމަވެސް، އެމަނުކުފާނަށް ސަލާމަތީ ބާރުތަކުން ރައްކާތެރިކަން ދީފައިވާ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، މަޖިލިސް ރައީސް މުހައްމަދު ނަޝީދު އަވަހާރަ ކޮށްލަން ދިން ހަމަލާއާ ގުޅިގެން މަޖިލީހުގެ ރިޔާސަތުން ހުށަހަޅުއްވި މައްސަލައިގެ ބަހުސްގައި ވާހަކަ ދައްކަވަމުން ބޮންޑޭ ވިދާޅުވީ، މިއީ ޓެކްނޮލޮޖީގެ ޒަމާން ކަމަށާއި ދެތިން ބޮޑީ ގާޑުން ބައިތިއްބައިގެން ބެލެހެއްޓޭ ސެކިއުރިޓިއެއް އޮންނަ ޒަމާނެއް ނޫން ކަމަށެވެ.

"މިޒަމާނުގައި ބޭނުން ކުރަނީ ޓެކްނޮލޮޖީ. ރައީސް ނަޝީދުގެ ވެރިކަން ވެއްޓި ދިއުމަށްފަހު ހިނގައި ދިޔަ ކަންތައްތަކުގައި އޭރު މުޅި ރައްޔިތުންގެ މަޖިލިސް ޖޭމު ކޮށްގެން އެއްވެސް މެންބަރަަކަށް ފޯނު ނުކުރެވޭ ގޮތަށް ހިފެހެއްޓީވެސް ޓެކްނޮލޮޖީ ބޭނުންކޮށްގެން،" ބޮންޑޭ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެ ޓެކްނޮލޮޖީ އެމްއެންޑީއެފުގައި މިހާރުވެސް އެބަހުރި ކަމަށެވެ. އަދި ރައީސް ނަޝީދަށް ހަމަލާ ދިނީ، ރާއްޖެއަށް ނުރައްކާވެ ބޮން ގޮއްވަފާނެ ކަމަށް ބައިނަލްއަގުވާމީ މުޖުތަމައުން ގޮވަމުން ދަނިކޮށް ކަމަށާއި އެ ހަމަލާ ދިނުމުގެ ހަތަރު ދުވަސް ކުރިން އެމެރިކާ އިންވެސް އެފަދަ އިންޒާރެއް ދީފައިވާ ކަމަށް ވިދާޅުވިއެވެ.

ބޮންޑާ އިތުރަށް ވިދާޅުވީ، ރައީސް ނަޝީދަށް ރަނގަޅަށް ސެކިއުރިޓީ ފޯރުކޮށްދިންނަމަ ރިމޯޓަކުން ނުވަތަ ބައްތި ފޯނަކުން ބޮމެއް ގޮއްވާނުލެވޭނެ ކަމަށެވެ.