އެކި ޕްރޮޖެކްޓްތައް ހިންގައިގެން، ފެނަކަ ކޯަޕރޭޝަނުން އަމިއްލަ ކުންފުނިތަކަށް ދައްކަން ޖެހި ނުދައްކާ އޮތް ފައިސާ، އަންނަ މަހު 17ގައި ހަވާލުވާ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އެ ކުންފުނިތަކަށް ދީ 45 ދުވަހުގެ ތެރޭގައި އެކަން ނިންމަން ޖެހޭނެ ކަަމަށް މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެއެވެ.

ފެނަކައިން ކުދި ވިޔަފާރިތަކާއި ކުންފުނިތަކަށް ދޭންޖެހޭ ފައިސާ ދިނުން އަވަސްކުރުމަށާއި ފެނަކައިގެ މެނޭޖްމަންޓް އަދި ފައިނޭންޝަލް އޮޑިޓެއް ހެދުމަށާއި ދަރަނިތައް އަދާކުރާނެ ގޮތުގެ ޕްލޭނެއް އެކުލަވާލުމަށް ގޮވާލައި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ހުށަހަޅުއްވާފައިވާ ގަރާރުގެ ބަހުސްގައި ވާހަކަދައްކަވަމުން ބޮންޑޭ ވިދާޅުވީ، ފެނަކައިގެ ދަރަނި 2.8 ބިލިއަނަށްވުރެ މައްޗަށް އަރާފައިވާއިރު، އެ ކުންފުނިން ފައިސާ ނުދީގެން އެތައް ކުދި ވިޔަފާރިތަކެއް ބަނގުރޫޓު ވަމުންދާ ކަމަށެވެ.

އެހެންކަމުން ވެރިކަމާ އަލަށް ހަވާލުވާ ސަރުކާރުން ޕޭމަންޓް ޝެޑިއުލްތައް ހެދުމަށްފަހު އެ ފައިސާ ކުންފުނިތަކަށްދީ 45 ދުވަހުގެ ތެރޭގައި އެކަން ނިންމަންޖެހޭނެ ކަމަށް ބޮންޑޭ ވިދާޅުވިއެވެ.

ސަރުކާރު މެންބަރުން ފިޔަވައި ދެން ތިބި މެންބަރުން މިއަދު ވަނީ، ފެކައިގެ މައްސަލައިގައި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

މާފަންނު އުތުރު ދާއިރާ މެންބަރު އިމްތިޔާޒް ފަހުމީ ވިދާޅުވީ، ގައުމުގެ އިގުތިސާދު ރަނގަޅުވާނީ ޕްރައިވެޓް ސެކްޓާގެ ވަޒީފާތައް އިތުރުކޮށްދީގެން ކަމަށާއި ނަމަވެސް ސަރުކާރުން ކަންތައް ކުރަމުން ގެންދަނީ ކުންފުނިތައް އުފައްދައި ސަރުކާރުގެ ކުންފުނިތަކަށް މުވައްޒަފުން އިތުރުކޮށް ސަރުކާރުގެ މަތިބަރުކުރުން ކަމަށެވެ.

މަޑަވެލި ދާއިރާގެ މެންބަރު ހުސެއިން ފިރުޝާން ވިދާޅުވީ، ފެނަކައިގެ މައްސަލަތައް އެހާހިސާބަށްދާއިރު، އެ ކުންފުނީގެ ބެލެނިވެރި ކަމުގައި ތިބި ފަރާތްތައްވެސް ޒިންމާވާންޖެހޭނެ ކަަމަށެވެ. އެގޮތުން ފެނަކައިގެ ބޯޑާއި ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ފަދަ މުއައްސަސާތަކުން އެ މައްސަލަތައް ނުބެލީ ކީއްވެގެންތޯ ބަލަންޖެހޭ ކަމަށް ވިދާޅުވިއެވެ.